ރިއާލިޓީ ސިންގިން ކޮމްޕެޓިޝަން، މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭއެއްގެ އޮޑިޝަންތައް އައްޑޫ ސިޓީގައި ފަށައި ނިކަން ފޯރިއާ އެކު ފުރަތަމަ ބުރު ނިންމާލުމަށް ފަހު އައިޑޮލްގެ ޖަޖުންނާއި ޕްރޮޑަކްޝަން ޓީމު އިއްޔެ މާލެ އަތުވެއްޖެ އެވެ.
މިދިޔަ ސީޒަނެކޭ ވެސް އެއްގޮތަށް، ތިއޭޓާ ރައުންޑަށް ބައިވެރިން ހޮވަނީ، އޯޕަން އޮޑިޝަނަކުން ފުރޭނިގެން އަންނަ ލަވަކިޔުންތެރިންގެ ތެރެއިން ތިން ޖަޖުންގެ ރުހުމާ އެކު "ރަނުގެ ޓިކެޓް" ލިބޭ ބައިވެރިންނަށެވެ. މިދިޔަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު އައްޑޫ ސިޓީގެ ހިތަދޫ ސިޓީ ކައުންސިލްގައި ބޭއްވި އޮޑިޝަނުގައި އެ އަތޮޅުގެ ދެ ޖިންސުގެ ގިނަ އަދަދެއްގެ ޒުވާނުންނާ އެކު ފުވައްމުލަކާއި ގއ. އަދި ގދ. އިން އޮޑިޝަނަށް ދިޔަ މީހުން ވެސް ފެނިގެން ދިޔަ އެވެ.
ޕީއެސްއެމްގެ ޕްރޮޑަކްޝަން ޓީމުން ބުނެފައި ވަނީ މިދިޔަ ސީޒަނުގައި އައްޑޫ އިން ލިބުނު ތަރުހީބަށްވުރެ ބޮޑު ތަރުހީބެއް މިފަހަރު އެ ސިޓީ އިން ލިބިގެން ދިޔަ ކަމަށެވެ. އައްޑޫގައި ބޭއްވި އޮޑިޝަނުގައި ބައިވެރިވި ފުވައްމުލަކުގެ މީހުންނަށް ޕީއެސްއެމް އިން ޓްރާންސްޕޯޓް ހަމަޖައްސައިދީފައިވެ އެވެ.
ނަމަވެސް އައިޑޮލްގެ ފޯރިއެއް އެ ހިސާބުގަނޑުގައި ގަދަކޮށްލާފައި އޮތްވަރު ބޮޑުކަމުން ބައެއް މީހުން ތިބީ މާކުރިން ފުވައްމުލަކާއި ހުވަދޫ އިން އައްޑޫ އަށް ގޮސް "ކޭމްޕް" ވެސް ޖަހައިގެންނެވެ.
އައްޑޫ ސިޓީގެ އޮޑިޝަނަށް ފަހު މޯލްޑިވިއަން އައިޑޮލްގެ ޓީމު މިހާރު ފުރަން ތައްޔާރުވަމުން ދަނީ ހދ. ކުޅުދުއްފުއްޓަށެވެ. މި އަހަރުގެ ސީޒަނުގެ އޮޑިޝަނުގައި ބައިވެރިވުމަށް އެދި އެސްއެމްއެސްކޮށްފައިވާ ފަރާތްތަކުގެ އަދަދު މިފަހަރު ހާހަކަށްވުރެން މައްޗަށް އަރާފައިވާ ކަމަށް ޕީއެސްއެމުން މައުލޫމާތު ދެ އެވެ.
އޮޑިޝަންތައް ނިމި މޯލްޑިވިއަން އައިޑޮލް ޓީވީއެމް އިން ޕްރިމިއާކުރާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.
މި އަހަރު ވެސް އައިޑޮލްގެ ޓައިޓްލް ސްޕޮންސަރަކީ މުވާސަލާތީ ކުންފުނި ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި އެސްޓީއޯ އަދި ލޮޓަސް އެވެ. ޓްރެވަލް ޕާޓްނަރުންނަކީ މޯލްޑިވިއަން އެވެ.
ބެވަރޭޖް ޕާޓްނަރަކީ އެކްސް އެލް އެވެ. އޮފިޝަލް ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.
މޯލްޑިވިއަން އައިޑޮލްގެ މި ސީޒަނުގެ ޖަޖުންނަކީ މިދިޔަ ސީޒަނުގެ ވެސް ދެ ޖަޖުން ކަމުގައިވާ ކުޑަ އިއްބެ އާއި މަރިޔަމް އުނޫޝާގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާން އެވެ.