މޯލްޑިވިއަން އައިޑޮލް 2

މޯލްޑިވިއަން އައިޑޮލް-2 ގެ މިޑީއާ ޕާޓްނަރަކަށް "އަވަަސް"

މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަންގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "އަވަސް އޮންލައިން"އާއި އެހެންވެސް ޕާޓްނަރުންނާ އެކު މިއަދު ޕީއެސްއެމްއިން ސޮއިކޮށްފި އެވެ. މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ސީޒަންގެ މީޑިއާ ޕާޓްނަރަކީ ވެސް "އަވަސް" އެވެ.

މިއަދު ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި "އަވަސް"ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖާ ސޭލްސް އައިމިނަތު މުހައްމަދެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ އެމްޑީ އައިޝަތު ޝާޔަން ސާހިދެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އައިމިނަތު ވިދާޅުވީ، "އަވަސް"އިން މޯލްޑިވިއަން އައިޑޮލްގެ މީޑިއާ ޕާޓްނަރަކަށްވުމަށް ޝައުގުވެރިވީ މި މުބާރާތަކީ ލޯކަލް ފަންނާނުން ކުރިއަރުވާ ޝޯއަކަށް ވާތީ އެކަމަށް ހިތްވަރުދީ އެ މުހިންމި މަސައްކަތުގެ ބައިވެރިއަކަށް ވުމަށްޓަކައި ކަމަށެވެ. އަދި އެފަދަ ޝޯއެއްގައި ބައިވެރިވުމަކީ މުޅި "އަވަސް" ޓީމަށް ވެސް ލިބޭ އުފަލެއް ކަމަށާއި އެ ޝޯ އާންމުންގެ މެދުގައި މަގުބޫލު ކުރުމަށް އަވަސްގެ މުޅި ޓީމުން ޕީއެސްއެމްއާ އެކު މަސައްކަތް ކުރާނެ ކަމަށް ވެސް އައިންތު ވިދާޅުވި އެވެ.

"އާންމުންގެ މެދުގައި ސީޒަން ދެއެއް މަގުބޫލުކުރުމަށް، އަޅުގަނޑުމެން ކަވަރޭޖްގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ހިމެނިގެންދާނެ،" އައިމިނަތު ވިދާޅުވި އެވެ.

މޯލްޑިވިއަން އައިޑޮލްގެ އޮންލައިން މީޑިއާ ޕާޓްނަރެއް ހޯދުމަށް ޕީއެސްއެމް އިން އާންމުކޮށް އިއުލާން ކުރީ، މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ހުރިހާ މީޑިއާތަކަކަށް މައުލޫމާތު ދިނުމަށް ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ބައިވެރިވީ، "އަވަސް"ގެ އިތުރުން "މިހާރު" އެވެ.

އެ ބައްދަލުވުމުގައި މީޑިއާތަކުން އެދުނު ގޮތަށް އެންމެން އެއް ހާޒިރުގައި، ޕްރޮޕޯސަލްތައް ހުޅުވުން އޮތީ 30 ވަނަ ދުވަހު އެވެ. ޕްރޮޕޯސަލް ހުށަހެޅީ "އަވަސް" އާއި "ސަން" އަދި "މިހާރު" އެވެ.

ޕާޓްނަރުކަން ހޮވުމުގައި މާކްސް ދިނުމުގައި 60 މާކްސް ދީފައިވަނީ އަގަށެވެ. ވިހި މާކްސް ގާބިލިއްޔަތަށް ދީފައިވާއިރު، ބާކީ 20 މާކްސް ދީފައިވަނީ ތަޖުރިބާއަށެވެ. މި ހުރިހާ ބަޔަކު ވެސް އެންމެ ގިނަ މާކްސް ލިބުނީ އަވަސް އަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މީޑިއާ ޕާޓްނަރުގެ އިތުރުން ކޭޓަރިން ޕާޓްނަރާއި އެކޮމަޑޭޝަން ޕާޓްނަރު އަދި އޮޑިޓް ފާމްއާއެކު ވަނީ ސޮއިކޮށްފަ އެވެ. ކޭޓަރިން ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިދިޔަ ސީޒަންގެ ވެސް ކޭޓަރިން ޕާޓްނަރެއްގެ ގޮތުގައި ޝޯގައި ބައިވެރިވި "ސީ ހައުސް" އެވެ. އެ ރެސްޓޯރެންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އިސްމާއިލް ފަސީހެވެ.

ސީޒަން ދެއެއްގެ އެކޮމަޑޭޝަން ޕާޓްނަރަކީ ޗަންޕާ ސެންޓްރަލް ހޮޓެލެވެ. އެ ހޮޓެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނަރަލް މެނޭޖަރު ތޯހާ ރަޝީދެވެ. އޮޑިޓް ފާމަކީ ކްރޯ ހޮވާތު މޯލްޑިވްސް އެވެ. އެތަނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޕާޓްނަރު ހަސަން މުހައްމެދެވެ. މިދިޔަ އަހަރު ވެސް އޮޑިޓް ކޮށްފައިވަނީ އެ ފާމުންނެވެ. ނަމަވެސް މިހާރު އެ ފާމް ވަނީ ބައިނަލްއަގްވާމީ އޮޑިޓް ފާމަކަށް ބަދަލުކޮށް ނަން ރީބްރޭންޑްކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާޔަން ވިދާޅުވީ، މިއަދު ސޮއިކުރެވިގެން ދިޔަ ހަތަރު ޕާޓްނަރުން ވެސް މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަން އިތުރަށް ކޮލިޓީކުރުމަށް ވަރަށް ގާތުން މަސައްކަތްކުރަމުންދާނެ ކަމަށެވެ. ފުރަތަމަ ސީޒަން އަޅާބަލާއިރު، މިފަހަރުގެ ސީޒަންގެ ޕާޓްނަރުންނަށްވުމަށް ވަރަށް ގިނަ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށާއި ވާދަވެރިކަން ވެސް ބޮޑުކަމަށް ޝާޔަން ފާހަގަކުރެއްވި އެވެ.

"މިފަހަރު ވަރަށް ކުރިން އިންޓްރެސްޓް ފާޅުކުރި ޕާޓީތަކުން، އިވޭލުއޭޓް ކުރުމުގައި ވެސް އަޅުގަނޑުމެން ވަރަށް ބަލަން ޖެހުން، އެއީ ކޮންޕެޓިޝަން ބޮޑުވެފައި ޕާޓީތައް ގިނަވުމުން، ވަރަށް ބޮޑަށް ބަލާފައި ހުރިހާ ޕާޓްނަރުންތައް ވެސް ނަގާފައި ހުންނާނީ،" ޝާޔާން ވިދާޅުވި އެވެ.

މިއަދު ސޮއިކުރި އެހެން ޕާޓްނަރުން ވެސް ވަނީ ފަންނާނުންގެ ހުނަރު ކުރިއަރުވައި ޝޯއަކީ ކާމިޔާބު ޝޯއަކަށް ހެދުމަށް އެ ޕާޓްނަރަކަށް ކުރެވެން ހުރި ކަންކަން ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މި ސީޒަންގެ ޓައިޓަލް ސްޕޮންސާއަކީ ދިރާގެވެ. މެއިން ސްޕޮންސާއަކީ އެލައިޑް އިންޝުއަރެންސް އާއި އެސްޓީއޯ އަދި ލޮޓަސް އެވެ. ޓްރެވެލް ޕާޓުނަރަކީ މޯލްޑިވިއަން އެވެ. ބެވަރޭޖް ޕާޓްނަރަކީ އެކްސް އެލް އެވެ. އޮފިޝަލް ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް އެވެ.