ދިވެހި ސިނަމާ

4426 ޕްރިމިއާކޮށްފި: ނަހުލާ އެދެނީ ކުރިމަރައިނުލުމަށް!

Oct 19, 2016
4

ކްރިސްޓަލް އެންޓަޓެއިންމަންޓްގެ އާ ފިލްމު "4426" ރޭ އޮލިމްޕަހުގައި ޕްރިމިއާކޮށްފި އެވެ.

އަހަރުގެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ފިލްމު ޕްރިމިއާކުރުމަށް އޮލިމްޕަހުގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން ފިލްމުގެ އެއް ޑައިރެކްޓަރު އަދި ސްކްރިޕްޓްރައިޓާ ފާތިމަތު ނަހުލާ ވަނީ ފިލްމު ބެލިޔަސް އެއްވެސް ފަރާތަކުން އޭނާގެ ފިލްމުގެ ކުރި މަރާނުލައި އޭގެ އާ އޯޑިއެންސަތަކަށް "4426" ގެ ސިއްރު އެގޮތުގައި ގެނެސްދިނުމަށް އެދިފަ އެވެ.

މި ފިލްމުގެ އަނެއް ޑައިރެކްޓަރަކީ، ފިލްމުގެ ސިނެމެޓޯގްރަފާ އަދި ވީއެފްއެކްސްގެ މަސައްކަތް ވެސްކޮށްފައިވާ ހުސެއިން ޝިނާން އެވެ.

މަޝްހޫރު ގިނަ ތަރިންތަކާއި އާ މޫނުތަކެއް އެއްވަރުގެ ރޯލުތަކުން ފެނިގެންދާ "4426" އަކީ ގެއެއްގެ ތެރޭގައި ބަންދުވެ، ބަޔަކަށް ދިމާވާ ބިރުވެރި އަދި ރޫހާނީ ނުބައި ބާރުތަކެއްގެ މުސީބާތް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ތަރިންގެ ތެރޭގައި މަރިޔަމް އައްޒަ އާއި މުހައްމަދު ޖުމައްޔިލް އަދި ޖިމީ އާއި ޔޫސުފް ޝަފީއުގެ އިތުރުން ޝީލާ ނަޖީބު ފަދަ މަޝްހޫރު މޫނުތައް ހިމެނެ އެވެ.

މި ފިލްމުގެ ޕްރިމިއާ ނައިޓަށް ޓިކެޓް ވިއްކާފައި ވަނީ 200ރ. ގެ ރޭޓުންނެވެ. ކުރިއަށް 15 ޝޯ އޮތްއިރު މި ޝޯތަކަށް ޓިކެޓް ވިއްކަމުން ދަނީ 100ރ. ރޭޓުންނެވެ. މިހާރު ޓިކެޓް ވިއްކަމުން ދަނީ 13 ވަނަ ޝޯގެ އެވެ.

މި ފިލްމުގެ ރިވިއުއެއް އަވަސް އޮންލައިންގައި ފަހުން ޝާއިއުކުރެވިގެންދާނެ އެވެ.