ހަބަރު

މީޑިއާނެޓުން އެދުނު ގޮތަށް އެޗްޑީކޮށް ދެއްކުމުގެ އަގު ބޮޑެއް ނުކޮށްދިން

Oct 19, 2016
4

ރީބްރޯޑްކާސްޓިން ނެޓްވަކްތަކުގައި ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ ޗެނެލްތައް އެސްޑީ އަދި އެޗްޑީ ފޯމެޓުގައި ދެއްކުމަށް ބްރޯޑްކާސްޓަރުންގެ އަތުން ނަގާ ރައިޑިން ފީ އަކީ އެއް އަގެއް ކަމުގައި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ކަނޑައަޅައިފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ އެގޮތަށް ނިންމީ، އެޗްޑީ ފޯމެޓްގައި ޗެނަލް ރައިޑްކުރުމަށް ނަގާ ފީ ބޮޑުކުރުމަށް މީޑިއާނެޓުން ހުށަހަޅާފައިވާތީ އެ ކޮމިޝަނުން ބްރޯޑްކާސްޓަރުންނާއި މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓިންގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކާއެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތަކުން ވެސް އެޗްޑީ ފޯމެޓަކީ ޓެލެވިޒަންގެ ޚިދުމަތުގައި މިހާރު ބޭނުންކުރެވޭ ބޭސިކް ސްޓޭންޑަޑްކަން ފާހަގަ ކުރި ކަމަށާއި ދުނިޔޭގެ ޓެކްނޯލޮޖީއަށް އަންނަ ހަލުވި ބަދަލުތަކަށާއި ގިނަ ގައުމުތަކުން ޓެލެވިޒަންގެ ޚިދުމަތް ބޭނުންކުރާ ގޮތަށް އަންނަ ބަދަލުތަކަށާއި ރާއްޖޭގައި ބްރޯޑްކާސްޓިން ގެ ޚިދުމަތް ފުޅާވަމުން އަންނަ ނިސްބަތަށް ބަލާއިރު އެޗްޑީ ފޯމަޓެކީ ރާއްޖޭގައި ވެސް އާއްމުކޮށް ބޭނުންކުރާނެ ސްޓޭންޑަޑްކަމުގައި ކޮމިޝަނުން ވެސް އިއްތިފާގުވި ކަމަށެވެ.

ކޮމިޝަނުން ބުނީ އެކަންކަމަށް ރިއާޔަތްކޮށް، އެސްޑީ ޗެނަލާއި އެޗްޑީ ޗެނަލް ރައިޑްކުރުމަށް އަގުގެ ތަފާތެއް ގެންނަން ނުފެންނަކަމަށް ކޮމިޝަނުން ނިންމީ ކަމަށެވެ. އަދި އެގޮތަށް ނިންމުމާއެކު މީޑިއާނެޓް ނެޓްވާކްގައި ބްރޯޑްކާސްޓަރުންގެ ޗެނަލްތައް އެސްޑީ އަދި އެޗްޑީ ފޯމެޓުގައި ދެއްކުމަށް ރައިޑިން ފީ ގެ ގޮތުގައި ނެގޭނީ 2014 ވަނަ އަހަރު ކޮމިޝަނުން ރައިޑިން ފީ ގެ ގޮތުގައި ފާސްކޮށްފައިވާ ކަނެކްޝަންއަކުން ގިނަވެގެން 4ރ. ގެ ރޭޓުންނެވެ.

އެނގިފައިވާ ގޮތުގައި މީޑީއާނެޓުން ހުށަހެޅި އަަގަކީ ކޮންމެ ކަނަކެޝަނަކުން 10ރ. ނެގުމަށެވެ.