- ފާޑުކިޔުން އަމާޒުވީ އެންމެ އިންސާފަކުންނެއް ނޫން
- ލަވަކިޔަސް ޑްރީމް ޖޮބަކީ އަދިވެސް ކެބިން ކްރޫކަން
- ބުރުގާ އަލުން އެޅުމުގެ ހިޔާލެއް ނެތް
މިއީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި ބުރުގާ އަޅައިގެން، ކެބިން ކްރޫއެއްގެ ވަޒީފާ އަދާކުރި ފުރަތަމަ އަންހެނާ އެވެ. -- ބުރުގާ އެޅި ފުރަތަމަ ކެބިން ކްރޫ އެވެ.
މިއީ އުމުރުން 25 އަހަރުގެ ހައްވާ އަޝްރާ މަޝްހޫރުވެފައިވާ އެއްގޮތެވެ. އޭނާ ދެން މަޝްހޫރުވީ ނުވަތަ މިވަރުގެ ބޮޑު ސަމާލުކަމެއް އޭނާ އަށް ލިބިގެން ދިޔައީ އަނެއްކާވެސް ހެދުންއެޅުމުގެ "ފެޝަނަކާ" ގުޅިގެންނެވެ. މަޝްހޫރު އެހަނދާނުގައިގެ ޝޯއަކަށް ހެދުން އަޅައިގެން އެރި ގޮތަކުން އެތައް ބައެއްގެ ލޯ އަމާޒުވެފައި ވަނިކޮށް އަނެއްކާވެސް އާންމުންގެ ތެރޭގައި އަޝްރާގެ ވާހަކަ ދެކެވެންފެށީ އެވެ. -- މިފަހަރު ވެސް އެ ސަމާލުކަން ގެނެސްދިނީ ބުރުގާއެވެ.
އަޝްރާ، ބުރުގާ ބޭލީ އެވެ.
އެހެންވީމަ ލަވަކިޔާ އަޝްރާ އަންނަނީ ކިހާ ހިސާބުން ހެއްޔެވެ؟ މައްސަލައަކީ އެއީ އެވެ. ކިތަންމެ ކުޅަދާނަ ލަވަކިޔުންތެރިޔަކަށް އޭނާވި ނަމަވެސް ނުވަތަ އެފަދަ އާދަޔާހިލާފު ހުނަރުވެރިކަމެއް ލިބިފައިވިޔަސް މިއޮތްހާ ދުވަހު އަޝްރާގެ މި ހުނަރުވެރިކަމަށް ހިޔަނިއެޅިފައި ވަނީ އޭނާގެ ހެދުންއެޅުމުގެ ތަފާތު އަދި ކޮންޓްރޮވާސިއަލް ސަބަބުތަކެވެ.
ފާޑުކިޔުންތައް އަމާޒުވެ އޭނާގެ ހަގީގީ ހުނަރުވެރިކަން އޮތީ ގެއްލިފަ އެވެ. އެންމެނަށް ވެސް ފެނުނީ އޭނާ ހެދުން އެޅިގޮތެވެ. އަދި މަޝްހޫރުވީ "ބޭޑް ގާލްއެއް" ގެ ގޮތުގަ އެވެ.
އެކަމަކު އަޝްރާގެ އެއްވެސް ހިތާމައެއް މިއަދަކު ނެތެވެ. އެންމެން ވެސް މިއަދު އޭނާ ބަލައިގެންފައިވާތީ އެވެ.
ތިރީގައި މި އޮތީ އޭނާގެ އެ އުފާވެރިކަމާއި ކުރިން އަމާޒުވި ފާޑުކިޔުންތަކަށް ބަންޑުންވި ހިޔާލެވެ.
މީހުން ދަންނަ މަޝްހޫރު މީހަކަށް، ލަވަކިޔުންތެރިޔަކަށް ވީމަ ހިތަށް އަރަނީ ކީކޭ؟ މިވަރުގެ މަޝްހޫރުކަމަކާއި ސަމާލުކަމެއް ލިބުމަކީ ކޮން ކަހަލަ އިހްސާސްތަކެއް ކުރެވޭ ކަމެއްތަ؟
"އެންމެ ފުރަތަމަ މަޝްހޫރުވެގެން ދިޔައީ ލަވަކިޔުމަކަށް ނޫން. އެނގުނީ އިން އަ ބޭޑް ވޭއި. އެއީ އެހަނދާނުގައި ކީ ލަވައެއްގައި، ހެދުން އަޅައިގެން ހުރި ގޮތަކުން (މައްސަލަޖެހިގެން). އެ ލަވައިން ބޮޑަށް މަޝްހޫރުވެގެން ދިޔައީ މުޅިން އެހެން ޓޮޕިކަކަށް. އެކަމަކު މިހާރު މަޝްހޫރީ ލަވަކިޔުމަށްހެން ހީވަނީ. އެންމެން ވެސް ބުނޭ ވަރަށް ރީއްޗޭ ލަވަތައް"
"މަޝްހޫރުވުމަކީ ބައެއް ފަހަރަށް ރަނގަޅު ކަމެއް. އަނެއް ބައި ފަހަރަށް އެހާ ރަނގަޅެއް ނޫން. މިސާލަކަށް މީހުންނަށް (މިއީ ކާކުކަން) އެނގެން ބޭނުން ނުވާ ވަގުތުތައް ވެސް ހުންނާނެ. އެކަމަކު މިހާރު (މީހުންނަށް އެނގިގެން) ގިނައިން ލިބެނީ ގުޑް ފީޑްބެކް. އެންމެން ބަލައިގަންނަކަން އެނގުނީމަ އުފާވޭ މިހާރު"
މި ވަރަށް މަޝްހޫރުވީމަ ކުރީގެ އަޝްރާ މިިހާރު ބަދަލުވެފައި ހުރީ ކިހާވަރަކަށޭ އަމިއްލަ އަށް ބުނާނީ؟ މަޝްހޫރުވީމަ އުފާވޭތަ؟ އުނދަގޫތަ ވަނީ؟
"ބަދަލެއްނުވޭކަން ނޭނގޭ އަސްލު. އެކަމަކު ކުރީގެ އަޝްރާއާ މިހާރުގެ އަޝްރާ އަޅާކިޔަންޏާމު ބުނާނީ ހަމައެކަނި ބޭރުފުށުންނޭ އަސްލު ބަދަލެއް އައިފަހުރި ނަމަ ވެސް ހުރީ. އެކަމަކު އަޝްގެ އުޅުމަކަށް ނާދޭ ބަދަލެއް. ވަރަށް ފްރެންޑްލީވާނެ. އެކަމަކު އަނެއްހެން މީހުންނާ ދިމާވީމަ އެހާ ވާހަކަ ދައްކާ މީހެއް ނޫން އަޅުގަނޑަކީ. އެކަމަކު ވެސް ހީލާނަން. އެހާ ފޮންޏެއް ނުވާނެކަން ނޭނގެ."
"މިސާލަކަށް ތި ބުނަނީ މަޝްހޫރުވީމައޭ، އަޝް އަށް އޭތި ނެގެނީ އެހެން ގޮތަކަށް. މިސާލަކަށް، މީހުންނަށް އަޝް އެނގުމެއް ނޫން. އަޝްގެ ލަވަ މީހުންގެ ތެރޭގައި މަޝްހޫރުވީމަ، އެގޮތަށް ބަލާ ނަމަ ވަރަށް އުފާވޭ. ކަމުދިޔައީމަ ވަރަށް ހިތްހަމަޖެހޭ."
އަޝްރާ ތިއީ މިހާރު ދެން އެންމެ މަޝްހޫރު ނިއު ޓެލެންޓްސްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މޫނެއް. ލަވަކިޔުންތެރިޔަކަށްވީމަ މި ދާއިރާގައި ކުރިއަށް ދާން ބަލާއިރު އަޝްރާގެ ވިސްނުން މިހާރު ހުރި ގޮތަކީ ކޮބާ؟
"މި ދާއިރާއިން ކުރިއަށް ދާން ބަލާ ނަމަ، ކުރިއާ މިހާރާ ވަރަށް ބޮޑު ތަފާތެއް އެބަހުރި މިހާރު. ކުރިން ވެސް ލަވަކިޔަން. އެކަމަކު ރާއްޖޭގައި އެގޮތަށް ބަލާއިރު ލަވަކިޔުމެއް ނޫން ހަމައެކަނި ބަލައިގަންނަނީ ރާއްޖޭގައި. އެކަމަކު މިހާރު ކުރިއަށް ވުރެން ގިނަ މީހުންނަށް އެނގޭ. ދެން ކުރީގައި ނަމަ، މިގޮތަށް ބަލައިނުގަންނާތީ (ލަވަކިޔަން) އެހާ ބޮޑު އެފަޓެއް ވެސް ނުލެވޭ. އެކަމަކު މިހާރު ގިނަ ބަޔަކު ބަލައިގަންނާތީ ކުރިން ނުކުރާ ވަރަށް އެބަ މަސައްކަތްކުރެވޭ މި އަހަރު އެކަނި ވެސް މި ދާއިރާގައި."
މި ދާއިރާގައި ކުރިއަށް ގޮސް މި މަޝްހޫރުކަމާއި ކާމިޔާބީ ދަމަހައްޓަން ބޭނުން ނަމަ އަޝްރާ އަދި ކިހާ ވަރަކަށް ތަރައްގީވާން ޖެހޭ ކަމަށް ގަބޫލުކުރަންތަ؟ އަދި އެގޮތަށް ކިހާ ވަރަކަށް ތައްޔާރުވެވޭތަ؟
"މި ހުރި ހިސާބުން މައްޗަށް އަރަން ނުވަތަ މި ހުރި ހިސާބުގައި ހުންނަން ބޭނުންވޭ. މިއަށް ވުރެން ދަށަށް ދާކަށް ނުވަތަ ހަޑި ލަވައެއް ނެރޭކަށް ބޭނުމެއް ނުވޭ. (މި ދާއިރާގައި އިތުރު ކަމެއް ކުރާ ނަމަ) މިއުޒިކް އިންސްޓްރޫމަންޓް ކުޅެން ދަސްކުރަން މަސައްކަތްކުރިން ކުރިން. އެކަމަކު އިނގިލިތައް ކުރުވީމަކަން ނޭނގެ (ގިޓާ ކުޅެން ވެސް) ދަސްނުކުރެވުނީ. އެކަމަކު އަދިވެސް އިންސްޓްރޫމަންޓް ކުޅޭ ހިތްވޭ."
އޮރިޖިނަލް ލަވަތަކަށް ވުރެން ބޮޑަށް އަޝްރާ މި ފާހަގަކޮށްލެވެނީ ކަވާ ސޯންގްތަކާއި ހިންދީ ރާގުތަކުގެ ލަވަތަކަށް. އޮރިޖިނަލް ދިވެހި ލަވަ ކިޔަން ފުރުސަތު ނުލިބެނީތަ ނުވަތަ މަގްބޫލު ރާގުތަކަށް ލަވަކިޔާހިތްވަނީތަ؟
"އަމިއްލަ ރާގަށް މަސައްކަތް ނުކުރަނީކީއެއް ނޫން. ފުރުސަތު ލިބިފައި ހުންނާނެ މަދުން ނަމަވެސް. މީހުންގެ ތެރޭގައި އެ ލަވަތައް މަޝްހޫރުނޫނީ ކަމަށް ވެސް ވެދާނެ. ހުންނާނެ އަމިއްލަ ރާގުގެ ދެ ތިން ލަވައެއް ރިކޯޑްކޮށްފައި. އެކަމަކު ވާގޮތަކީ ކަވާ ސޯންގްސް އަކީ މީހުންގެ މެދުގައި އޯލްރެޑީ މަޝްހޫރު ލަވަތަކެއް. ދެން ފަހުގެ ލަވަކިޔުންތެރިން އެ ލަވަތައް ކީ މަ މާ ބޮޑަށް ހިނގަނީ ކަމަށް ވެސް ވެދާނެ ރާއްޖޭގައި. އޮރިޖިނަލް މިއުޒިކަކަށް އިންޓްރެސްޓް ނުހުންނަނީކީއެއް ނޫން."
ބައެއް މީހުން ބުނޭ މީރާ އާއި އަޝްރާ އަކީ ލަވަކިޔުމުގައި އަދި ޕާސަނަލް ލައިފްގައި ވަރަށް އެއްގޮތް ސިފަތަކެއް ހުރި ދެ ލަވަކިޔުންތެރިންނޭ. ގަބޫލުކުރަންތަ އެ ވާހަކަ؟
"އަޝްރާ އާއި މީރާގެ ލަވަކިޔުމުގައި އެއްގޮތް ކަމެއް ހުރޭ. އަޝް ކައިރީގައި ވެސް ވަރަށް ގިނަ މީހުން ބުނޭ. ގިނަ މީހުންނެއް ނޫން. އެކަމަކު މިހެން އުޅެލާފަ ބައެއް ފަހަރު މީހުން ބުނޭ ހީވަނީ މީރާހެންނޭ. ބައެއް ފަހަރު މީރާ ވެސް (ބުނާނެ). ދެން ވެދާނެ މިހެންވެ ކަމަށް ވެސް. މީރާ ކައިރިން އަޝް ލަވަކިޔަން ދަސްކުރީ. އިމްޕްރޫވްކުރަން ދަސްކުރީ. ޝީ ވޯޒް މައި ކޯޗް. އެހެންވީމަ ކަމަށް ވެދާނެ އޭނައާ ވައްތަރުވާ ކަހަލަ ގޮތެއް ވަނީ. އެކަމަކު ދެ މީހުންގެ ޕާސަނާލިޓީ ޓޯޓަލީ ތަފާތުވީމަ އެ އިންނަ ތަންކޮޅު އިންނާނެ. އޭނަ ތަންކޮޅެއް ޓަފްވާނެ ލަވަކިޔާއިރު. އެކަމަކު އަޝް ތަންކޮޅެއް މަޑުމައިތިރި ނުވަތަ ސްލޯކޮށްކަން ނޭނގެ ކިޔަނީ."
މީރާ އާއި އަޝްރާއާ ދެމެދު ވަރަށް ގާތް އެކުވެރިކަމެއް އޮންނަތަން މި ފެންނަނީ. އެ ގުޅުން ސިފަކުރާނީ ކިހިނެތް އަދި ލަވަކިޔުންތެރިއެއްގެ ގޮތުގައި މީރާ ސިފަކުރާނީ ކިހިނެތް؟
"އަޝްރާ އާއި މީރާގެ ފްރެންޑްޝިޕްގެ ވާހަކަ ދައްކާ ނަމަ ކީކޭ ބުނާނީ... މިހާރު ސިކްސް އިޔާސް މި ވަނީ. (ވީޓީވީ) ރަން އަޑު މުބާރާތުން ދިމާވީ. އޭގައި ޝީ ވޯޒް މައި ކޯޗް. ދެން ވަރަށް ރަނގަޅު. ދެ މީހުންގެ ޓިއުން ދިމާވަނީ. ވަރަށް ސަކަރާތް ޖަހާހިތްވޭ ދެ މީހުން ވެސް. ވަރަށް ގަޅި ކަންތައް ދެ މީހުން ވެސް ކުރަނީ. އަޝްގެ ނުވެސް ތިބޭނެ ފްރެންޑްސްއެއް. ސްކޫލް ނިމުނީއްސުރެން މިހެން ހޭންގްއައުޓްކުރާ ފްރެންޑެއް ނުހުންނާނެ. ދެން މީރާ އޭރު ކިޔަވައިގެން ރާއްޖެ އައިގޮތަށް (ދިމާވިއިރު) ދެ މީހުން ޖަހަން ބޭނުންވާ ސަކަރާތް ވެސް ދިމާވަނީ"
"ކުރިން ވެސް މީރާ އެނގޭ. އެކަމަކު މީރާ އެންމެ ބޮޑަށް މަޝްހޫރުވީ އަދު މިހާލާތު ލަވައިން. އޭނަގެ އޭޖަށް ބަލާފަ އައި ތިންކް ޝީ ހޭސް ޑަން އަ ވެރީ ނައިސް ޖޮބް. މީރާގެ އޭޖާ ބަލާފަ އޭނަ އެ ކުރާ މަސައްކަތް ވަރަށް ބަލައިގަނެވޭ. ވަރަށް ރެސްޕެކްޓްކުރެވޭ. އަޝްގެ ނަޒަރުން ބަލާ ނަމަ އޭނާ އަކީ ނަމްބަ ވަން. އެކަމަކު އޭނާއާ ކައިރިކުރާ މޮޅެތި މީހުން ބައިވަރު. އެކަމަކު މި ބުނަނީ އަޝް އަށް ފެނެއޭ އޭނަ އެކަން ކުރަން ބޭނުންވާ ވަރާއި އެކަމުގައި އުޅޭ ވަރު. އެހެންވެކަން ނޭނގެ."
އަޝްރާ ވެސް ބޭނުންވަނީ މިގޮތަށް ސީދާ ލަވަކިޔުމަށް ހާއްސަވެގެން ކުރިއަށް ދާންތަ ނުވަތަ ޝައުގުވެރިވާ އެހެން ދާއިރާއެއް އެބައޮތްތޯ ކިޔަވަންވިޔަސް ނުވަތަ ވަޒީފާއަދާކުރަންވިޔަސް؟ ޑްރީމް ޖޮބެއް ނުވަތަ އެހެން ޕެޝަންއެއް؟
"ވަރަށް ގިނަ މީހުން އަހާ ތިހެން. މިސާލަކަށް، ލަވަކިޔުންހޭ އަޝް ކެރިއާ ވައިސްކޮށް ދާން ބޭނުންވާ ޖޮބަކީ. އެކަމަކު އަސްލު އެހެނެއް ނޫން. ލަވަކިޔުމަކީ ހަމަ ކުރާހިތުން ކުރެވޭ ހޮބީއެއް. އިޓްސް މައި ހޮބީ. ދެން މި ހޮބީއަކުން އަޝް އަށް ހިތްހަމަޖެހުމެއް ލިބުމުގެ އިތުރުން އިތުރު އެހެން ބަޔަކަށް ވެސް އެކަން ކަމުގޮސްފައި މި ވަނީ"
"މައި ޑްރީމް ޖޮބަކީ ކެބިން ކްރޫގެ ދާއިރާ އިން ކުރިއަށް ދިއުން. އެކަން ކުރަން ވެސް ކުރެވުނު. ދެން ޑްރީމް ޖޮބް އަދާކުރެވުނީމަ ބްރޭކެއް ނެގީ. އެގޮތަށް އަދިވެސް ބްރޭކެއްގައި މި އުޅެވެނީ. އޭރު އެ ޖޮބް ދޫކޮށްލީކީ ކޮންމެހެން އެގޮތް ބޭނުންވެގެނެއް ނޫން. އެކަމަކު ލައިފްގައި ދިމާވެފައި ހުރި ޕާސަނަލް އިޝޫސްތަކަކާ ހެދި. އެއީ އަސްލު ވަރަށް ކޮމިޓްމަންޓް ދޭން ޖެހޭ ބިޒީ މަސައްކަތެއް. އެކަމަކު ޕާސަނަލް ލައިފް އޭރު ހުރި ގޮތުން ހަމަ ބްރޭކެއް ބޭނުންވީ."
ކުއްލިއަކަށް މަޝްހޫރުވެގެން އަންނަ ލަވަކިޔުންތެރިޔަކަށް ބަލާއިރު އަޝްރާ އަކީ ފާޑުކިޔުން ވެސް ވަރަށް ބޮޑަށް އަމާޒުވެފައިވާ ފަރާތެއްކަން ފާހަގަކޮށްލެވޭ. ހާއްސަކޮށް ހެދުން އެޅުމުގެ ސްޓައިލްތަކާ ގުޅިގެން. ގަބޫލުކުރަންތަ މީހުން އަޝްރާ އަށް ފާޑުކިޔަނީ އިންސާފުން ކަމަށް؟
"އެހަނދާނުގައި ގައި އެޅި ހެދުމަކާ ގުޅިގެން އޭރު އަމާޒުވި ފާޑުކިޔުމާ މެދު އެއްޗެއް ބުނަނީ ނަމަ، އޭރު އެގޮތަށް ކަންތައް ދިމާވެގެން، ނަސޭހަތްތެރިވި މީހުންގެ ވާހަކަތައް އަޝް އަށް ބަލައިގަނެވޭ. އޭތި ގަބޫލުކޮށްގެން ކުރިއަށް އޮތްތަނުގައި އެކަންތައް ރަނގަޅުކުރީ. އެކަމަކު އޭގައި ވަކި ޕޮއިންޓަކަށް ގޮސްގެން ޑިޕްރެޝަންއަށް ވެސް ދިޔަ. މަގުމައްޗަށް ނުކުތީމަ ވެސް މީހުން އެއްޗެހިކިޔާ ލެވެލްއަށް ދިޔަ. އެ ލެވެލް އަށް ދިޔަ ނަމަވެސް އެއީކީ ގަސްދުގައި ކުރި ކަމެއް ނޫން. އެހެންވީމަ އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ (މީހުން އެވަރަށް ފާޑުކިޔުމަކީ) އިންސާފުވެރި ގޮތެއް ކަމަކަށް"
"އެއީ އަޝް އަށް އެފަހަރު ހެދުން ފަހައި ދިނީ ވެސް އަލަށް ހެދުން ފަށަން ފެށި ކުއްޖެއް. އޭނައަކަށް ވެސް ނޭނގޭ ޓީވީ (ސެޓެއްގައި) ލައިޓްސް ހުންނަނީ ކިހިނެތްކަމެއް. އައި ވޯޒް ނިއު. ޝީ ވޯޒް ނިއު. ޓައިޓްކަން އެނގޭ އޭތި ލައިގެން ދިޔައިރު ވެސް. އެކަމަކު އަޝް ދަންނަ މީހުންނަށް އެނގޭނެ އަޝް އަކީ ނޯމަލީ ވެސް ގޯސްކޮށް ޑްރެސް އަޅާ މީހެއް ނޫންކަން. ދެން އެކަން އެހެންވީ"
"ބޮޑަށް އޭގެ ޓައިޓްކަމާއި ސީތުރޫހެން ހީވާކަން އެނގުނީ ވެސް ޝޫޓްކުރިފަހުން. ފަހުން އެކަން އެނގުނީ. އެހެންވެ އޭރު މައާފަށް އެދުނީ ވެސް. އެކަމަކު މީހަކު އެއްޗެއް ކިޔަކަސް، އަޝް ކުރާ ހިތްވާ ކަމެއް އަޝްކުރާނަން. ނުހުއްޓާނަން އަސްލު. އެއީ އަޝްގެ ހިތްހަމަޖެހުމަށް އަޝް އެންމެ ފުރަތަމަ ވެސް ލަވަކީ. އެހެންވީމަ އޭތި އެއް ބަޔަކު ބަލައިނުގަތަސް އޭތި ބަލައިގަތް ބަޔަކު ވެސް ތިބީމަ އާ ހިތްވަރެއް ލާފައި ކޮންޓިނިއުކުރީ."
ބުނެވިދާނެތަ މިގޮތަށް ހެދުން އެޅުމުގެ މައްސަލަތަކުގައި އަންހެނުންނާއި ފިރިހެނުން ވަރަށް ބޮޑަށް ތަފާތުކޮށް މި މުޖުތަމައުގައި އަންހެނުންނާ ޒާތީގޮތުން ޖައްސާލައިގެން ފާޑުކިޔާ ކަމަށް؟ ފިރިހެނުންނަށް އާންމުކޮށް ފާޑުކިޔާތަނެއް ނުފެނޭ. ކޮބައިތަ އަޝްރާގެ ހިޔާލަކީ؟
"އަންހެނަކަށްވީތީވެ އެހާ ބޮޑަށް ފާޑުކިޔުން އެހާ ބޮޑަށް އެ އަންނަނީ، އަސްލު ނޭނގޭ ކީއްވެގެން ކަމެއް. އެކަމަކު ރާއްޖޭގައި އެހެން މި ވަނީ. މިސާލަކަށް ވަރަށް ފަހުން، މިސްޓަ މޯލްޑިވްސް އަށް ބެލި ނަމަވެސް، ފިރިހެނަކު ކޮށްފިއްޔާމު އެއީ އެހާ ބޮޑު ކަމެއް ނޫން. އެކަމަކު އަންހެނަކު އޮޅިގެން ވިޔަސް، ކުޑަކަމެއްވިޔަސް އިޓް ބިކަމްސް އަ މޭޖާ އިޝޫ ރާއްޖޭގައި. އެހެންވީމަ ފޭވަރިޒަމް އިންނަނީ ކަމަށް ވެދާނެ ނޫން ފިރިހެނުންނަށް ރާއްޖޭގައި. ނޭނގޭ މިކަން ވަނީ ކިހިނެތް ކަމެއް. އެކަމަކު މިއީ ބަދަލުވާން ޖެހިފައި އޮތް ކަމެއްކަން އަޝް އަށް އެނގެނީ."
އެހެންވީމަ މި ތަފާތުކުރުން އަންހެނުންނާ މެދުގައި އޮތްއިރު ހެދުން އެޅުމުގެ އެފަދަ މައްސަލައެއްގައި އަޝްރާ މައާފަށް އެދެން ޖެހޭ ކަމަށް ގަބޫލުކުރަންތަ؟ ކުރިން މައާފަށް އެދިފައިވާތީ މިހެން މި އަހާލީ. ކީކޭ ބުނެލާނީ މިހާރު؟
"ވަރަށް ގިނަ މީހުން ބުނި ޕާސަނަލީ، އަސްލު މައާފަކަށް އެދެން ނުޖެހޭނެއޭ. އެކަމަކު ސޮސައިޓީ އެހެން އޮތަސް ނެތަސް، އަޝް ހަމަ އަމިއްލަ އަށް ބޭނުންވީ މައާފަށް އެދެން. މިސާލަކަށް އެކަމެއް އެހާ ބޮޑު ކަމަކަށް ނުވިޔަސް، އެ ވީޑިއޯ އެހެން އިނީމަ އަޝް އާއި މަންމަމެން ވެސް ވަރަށް ޖެހިލުންވި އެ ވީޑިއޯ އެހެން އިނީމަ. އެހެންވީމަ އަލުން ރީޝޫޓްކޮށްގެން އިންނާނެ އޭގެ އެހެން ވީޑިއޯއެއް ވެސް ނެރެފައި"
"އެއީ އަމިއްލަ ނަފުސަށްޓަކައި ކުރި ކަމެއް. އެހެންވީމަ މައާފަށް އެދެން ޖެހޭނެ ކަމަށް ގަބޫލުކުރަނީ."
އަލުން ބުރުގާ އަޅާފާނަންތަ؟
"ނޭނގޭ އަދި އަޅާނެ ކަމެއް. އެކަމެއް ނެތް ބޮލަކު އަދި."
ބުނެވިދާނެތަ އަޝްރާއަކީ ވަރަށް ޑިސިޕްލިންޑް މީހެކޭ. މީހުން ދަންނަ މީހަކަށް ވީމަ، ގިނަ ބައެއްގެ ސަމާލުކަން ލިބޭ މީހަކަށްވީމަ ވަކި ގޮތަކަށް ދިރިއުޅެން މަސައްކަތްކުރެވޭތަ އެއްވެސް ވަރަކަށް؟
"އަޝް އަށް އަޝް ވަރަށް ޑިސިޕްލިންޑް. އަމިއްލަ ނަފުސަށް އިނދޭ ލިމިޓްސްތަކެއް ކަނޑައަޅާފައި. ކުރާނެ ކަންތަކާއި ނުކުރާނެ ކަންތައް. އެހެންވީމަ އިންނާނީ ޑިސިޕްލިންޑްވީމަހެން ހީވަނީ. މިސާލަކަށް އަލަށް މީހަކާ ދިމާވިޔަސް ވަރަށް ބަލަން އެމީހަކަށް އުނދަގޫވެދާނެ ކަންކަން ނުކޮށް ވޭތޯ ވެސް. ވަރަށް ކްލޯޒްވެގެން ނޫނިއްޔާމު އަޝް އަމިއްލައަކަށް އޯޕެންއެއް ނުވާނެއޭ. އެއީ އަމިއްލަ އަށް އަޅާ ގާޑެއް."
ސިންގަލްތަ މިހާރު ނުވަތަ އިން އަ ރިލޭޝަންޝިޕެއްގައިތަ؟ މި ދެ ސްޓޭޓަސްގެ ތެރެއިން ބޮޑަށް ޕްރިފާކުރާނީ ކޮން ސްޓޭޓަސްއެއް އަދި އެއީ ކީއްވެ؟
"ސީރިއަސް ރިލޭޝަންޝިޕެއްގައި މިހާރު މި އުޅެނީ. ދެން ސިންގަލް ނުވަތަ އިން އަ ރިލޭޝަންޝިޕް، އެ ދޭތީގެ ތެރެއިން ޕްރިފާކުރާ ނަމަ ނޫނިއްޔާމު އެންޖޯއިކުރާ ނަމަ، އޭތި (ޑިޕެންޑް) ވާނީ އެކުގައި އޭރަކު އުޅޭ މީހަކަށް ހެން ހީވަނީ. އިފް އިޓްސް ދަ ރައިޓް ޕާސަން އޭތި ވޯކް ކުރާނެ. އިފް އިޓްސް ވިތުދަ ރޯންގް ޕާސަން އޮފްކޯޒް ސިންގަލް ލައިފްކަން ނޭނގެ ޕްރިފާކުރާނީ"
"މިސާލަކަށް ލަވަކިޔުމުގައި އަޝް އަށް އަޝްގެ ބޯއިފްރެންޑް ވަރަށް ހެލްޕްވޭ. ވަރަށް ކޯޕަރޭޓިވް. ވަރަށް އަންޑަސްޓޭންޑިން. ސޯ އަޝް ކުރަން ބޭނުންވާ ކަންތަކަށް އޭނަގެ ފަރާތުން ހުރަހެއް ނާންނަހާ ހިނދަކު އަޝްއަކަށް އޭތި ޑިފިކަލްޓެއް ނުވޭ. ވަރަށް އީޒީ އޭނައާ އެކު އުޅެން. އެކަމަކު އަޝްކުރަން ބޭނުންވާ ކަންތައްތައް ހުއްޓުވައި އެކަހަލަ ކަންތައް ކުރާ ނަމަ އޮފްކޯޒް އައި ވުޑް ޕްރިފާ ސިންގަލް ލައިފް. އެންޖޯއި ވެސް ކުރާނަން."
ބައިވެރިޔަކު ހޯދާއިރު ކޮން ކަހަލަ ސިފަތަކަކަށްތަ އަޝްރާ ބަލަނީ އަދި އެންމެ ބޮޑަށް ސަމާލުކަން ދެވެނީ؟ އަޝްރާގެ ހަޔާތަށް އަންނަ ފިރިހެނެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކެއް ކިޔައިދޭ ނަމަ ކޮން ކަންކަމެއް ފާހަގަކޮށްލާނީ؟
"ކުޑައިރު ފިރިހެން ކުދިން ރީތީ، ހިކިވެފައި ދިގުވީމަ. އެކަމަކު ފަހުން ފަހުން ލުކްސް އަކަށް ނޫން ބެލެނީކީ. ހަމަ ލޯބި ޕާސަނާލިޓީއެއް. މަޑުމައިތިރި، އެކަމަކު ރަނގަޅަށް ދަސްވީމަ ސަކަރާތް ވެސް ޖަހާ، އެކަހަލަ މީހަކު ކަމުދަނީ. ދެން ނަސީބަކުން އިރާދަކުރެއްވީތީ އެކަހަލަ މީހަކާ އަދި ދިމާވެގެން މި އުޅެނީ. މިހާރު ލުކްސް އެހާ އިމްޕޯޓެންޓެއް ނޫން. ހެޔޮ ފަލަވިޔަސް. ކޮންމެ ގޮތަކަށް މީހާ ހުއްޓަސް، އަޝް އަށް ރަނގަޅިއްޔާ އޭތި އޯކޭ."
ލޯބިވެރިޔާ މިސާލަކަށް އަޝްރާ ގާތުގައި، ލަވައެއް ކިޔާލަ ދީބަލާށޭ ބުނެފި ނަމަ އޭނާ އަށް ކިޔައިދޭނީ ކޮން ލަވައެއް އަދި އެއީ ކީއްވެގެން، ކިހިނެތް ހާއްސަވާ ލަވައެއް؟
"އާންމުކޮށް ކިޔައިދޭ، އިންނާނެ ދެ ލަވައެއް. އެއީ ބިކޯޒް ދެ މީހުން އަލަށް ދިމާވިއިރު، އެކަމަކު ވެސް ރައްޓެހިނުވެ، މިއީ އަޝްކަން އެނގިހުރެ އޭނަ ލަވައެއް ކިޔައިދޭން އެދުނީމަ ކިޔައިދިނިން ހީވިޔޭ، ޝިއުޒުގެ. ދެން އެއީ އަވާ ސޯންގް ގޮތަކަށް ވެފައި އިންނާތީ (އެ ލަވަ). ދެން (ކިޔައި ދެނީ) ތިރީތި މޫނު ބީހިލަން އެދެން"
"މި އަހަރުގެ އެންމެ ރީތި ޝޯގެ ގިނަ ލަވަތައް ވެސް ޑެޑިކޭޓްކޮށްފައި ވަނީ އޭނަ އަށް."
ބުނެވިދާނެތަ އަޝްރާ އަކީ ވަރަށް ރޮމޭންޓިކް އަންހެން ކުއްޖެކޭ؟
"ރޮމޭންޓިކް ކިހިނެތް ޑިފައިން ކުރަނީ. މިސާލަކަށް ބައެއް ކުދިން ތިބޭ މާ ދޭ ހިތްވާ ކުދިންނާއި އޮކޭޝަނަލީ ޑިނާސްތަކަށް ދާން ބޭނުންވާ ކުދިން ވެސް. އެހެނެއް ނޫން. އަޝްގެ ބޯއިފްރެންޑް، ފުރަތަމަ ހީ ހޭޓްސް ފްލާވާސް. އެހެންވީމަ އަދި އަދަށް ވެސް މަލެއް ނުލިބޭ. އެކަމު އިޓްސް ފައިން. އެއީ އެ އެއް ނޫން ދޯ (މުހިންމީ) ދެ މީހުންގެ ޕާސަނާލިޓީ ވަރަށް ދިމާވޭ. އެހެންވީމަ ފަނީ ދެ މީހުންނޭ ބުނެވިދާނެކަން ނޭނގެ."
އެއްވެސް ފިރިހެން ކުއްޖަކަށް ބުނެވިދާނެތަ އަޝްރާއަކީ ބޭވަފާތެރިއެކޭ؟ ލޯބީގައި އެއްވެސް ކުއްޖަކަށް ދޯކާއެއް ދިނިން ހެއްޔޭ މިހާތަނަށް؟
"ލޯބީގައި ލަނޑު ދެވިފައި ހުންނާނެ ކުޑައިރު. ނުވިސްނޭއިރު. ލަނޑުދެވިފައި ހުންނާނެ. އެއީ އޭރު ދެން ކުޑަވީމަ އާއި އާވީމަ ކަމަށް ވެދާނެ. އެކަމަކު ފަހުން ބޭނުމެއް ނުވޭ އެހެން އުޅޭކަށެއް. ބޮޑުވާރަކަށް ރަނގަޅުކުރަމުން އައީ އެކަހަލަ ކަންތައް ރިލޭޝަންޝިޕް ވައިސްކޮށް."
ވަރަށް ޒުވާން އުމުރުގައި ކައިވެނިކޮށް ކައިވެނި ރޫޅިފައި އަޝްރާގެ ވަނީ. އެ ތަޖުރިބާ ސިފަކުރާނީ ކިހިނެތް އަދި ލިބުނު ފިލާވަޅަކީ ކޮބާ؟
"އުމުރުން 19 އަހަރުގައި މެރީކުރީ. މެރިޖުން ލިބުނު އެކްސްޕީރިއަންސަކީ މި ބުނިހެން ކުޑައިރު ބޯއިފްރެންޑާ ރައްޓެހިވެފައި، ރުޅިވެފަ، ދެން އެންމެ އަވަހަށް ޖެހުނު މީހަކާ އިނދެވުނީ. އެކަމަކު ނޮޓް ބިކޯޒް ހީ ވޯޒް ބޭޑް. ހަމަ ރަނގަޅު މީހަކަށްވީމަ އިނދެވުނީ. އެކަމަކު މޫވްއޯން ކިޔާ އެއްޗެއް އިނދޭ ދޯ. އޭތި ނުވެ އުޅެނިކޮށް މެރީކުރެވުނީމަ އަސްލު. އޭނަ ގޯސްވިމަކާއެއް ވެސް ނޫން. އެހެންވެ އަވާ މެރިޖު ޑިޑިންޓް ލާސްޓް. އެހެންވީމަ އަސްލު ރަނގަޅު ކަމެއް ނޫންކަން ނޭނގެ މީހާގެ މައިންޑް ސެޓްނުވަނީސް، އަންލެސް ޔޫ އާ ވެރީ ޝުއާ. މިހާރު މި އުޅެނީ ބޯއިފްރެންޑާ އެކީގަ. މެރީކުރަން ބޭނުން ހަމަ ވަރަށް. ބަޓް އައި ވޯޓް އިޓް ވަރަށް ޝުއާވެގެން. އައި އޭމް ޖަސްޓް ވެއިޓިން ފޯ ދަ ޕާފެކްޓް މޯމެންޓް."
- ފޮޓޯގްރެފީ އަދި ރީޓަޗިން: މިލްޒީރޯ ނިޝާން
- މޭކަޕް އަދި ސްޓައިލިން: ޖަސްޓިން
- ވޯޑްރޯބް: ކޮޓަން ހައުސް / ޖަސްޓިން
- ވީޑިއޯ އެންޑް އެޑިޓިން: އަފްޝީން ނަސީރު / އަވަސް