ބޮލީވުޑް

ކަރީނާ ބަނޑުބޮޑު ވުމުން އިންޝުއަރެންސް ނުލިބުނު

Oct 20, 2016

ފުރަތަމަ ދަރިފުޅަށް ބަލިވެއިން ބަތަލާ ކަރީނާ ކަޕޫރު އިއުލާންކުރިއިރު އޭނާ ކުރިއަށް ކުޅެން ހަމަޖެހި ސޮއިކޮށްފައި އޮތީ އެންމެ ފިލްމެކެވެ.

ރީއާ ކަޕޫރާއި އެކްތާ ކަޕޫރް އުފައްދާ "ވީރް ދި ވެޑިން" އަކީ ބަތަލާއިންނަށް ހާއްސަ ފިލްމެކެވެ. ކަރީނާގެ އިތުުރުން ސޯނަމް ކަޕޫރާއި ސްވަރާ ބާސްކަރް އަދި ޝިކާ ޓަލްސާނިޔާ މުހިންމު ރޯލުތަކުން ފެނިގެންދާ މިފިލްމުގެ ޝޫޓިން ކުރިން މިމަހުގައި ފަށާގޮތަށް އޮތް ނަމަވެސް އެންމެފަހު ވަގުތު ވަނީ އަންނަ އެޕްރީލްގައި ފަށާގޮތަށް ލަސްކޮށްފަ އެވެ.

މިފިލްމުގެ ޝޫޓިން ލަސްކުރީ ކަރިނާގެ ބަނޑު މާބޮޑު ވުމުގެ ސަބަބުން ކަމަށް ކުރިން އަޑުއެރި ނަމަވެސް އެވާހަކަތައް މިފިލްމުގައި ކަރީނާ އާއެކު ދެން އެންމެ ބޮޑު ރޯލަކުން ފެނިގެންދާ ސޯނަމް މިވަނީ ދޮގުކޮށްފަ އެވެ.

ފެމިނާ މެގަޒިން އަށް ސޯނަމް ދިން އިންޓަވިއުއެއްގައި ވަނީ "ވީރް ދި ވެޑިން" ގެ ޝޫޓިން އަންނަ އަހަރުގެ އެޕްރީލަށް ލަސްކުރަން ޖެހުނީ ކަރީނާ ބަނޑުބޮޑުވުމުގެ ސަބަބުން ނޫންކަމަށާއި އޭނާ އަށް އިންޝުއަރެންސް ހަމަނުޖެހިގެން ކަމަށް ބުނެފަ އެވެ.

ކަރިނާ ބަނޑުބޮޑުވުމުން އޭނާ އަށް އިންޝުއަރެންސް ދޭން އެއްވެސް ބަޔަކު ބޭނުންނުވި ކަމަށް ބުނަމުން ސޯނަމް ވަނީ މުޅި ދުނިޔެއިން ވެސް ބަނޑުބޮޑު މީހުން އިންޝުއާ ނުކޮށްދޭ ހަމައެކަނި ގައުމަކީ އިންޑިއާ ކަމަށް ބުނެފަ އެވެ.

ކަރީނާ ވިހެއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެހެންކަމުން މިފިލްމު އެޕްރީލަށް ލަސްކުރީ ކަރީނާ ވިހައި ގަދަވުމުން އޭނާ އަށް ފިލްމުގެ ޝޫޓިން އެންމެ އަވަހަށް ފެށޭނެ ދުވަހަކަށް ހެދުމުގެ ގޮތުންނެވެ.

ފިލްމުތަކުގެ ޝޫޓިން ފެށުމުގެ ކުރިން އެފިލްމެއްގައި ބައިވެރިވާ ހުރިހާ ތަރިންވެސް އިންޝުއަރެންސް ކުރަން ޖެހެ އެވެ. އެއީ ފިލްމުގެ ޝޫޓިންގެ ތެރެއިން ދިމާވާ ހާދިސާއަކުން ލިބޭ ގެއްލުމެއްގެ ބަދަލު އެމީހުންނަށް ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުންނެވެ. އެގޮތުން ކަރީނާ ބަލިވެ އިނދެ މިފިލްމުގެ ޝޫޓިން ފަށާނަމަ ދިމާވެދާނެ ކުއްލި ސިއްހީ މައްސަލައަކަށް ތައްޔާރުވުމުގެ ގޮތުން އޭނާ އިންޝުއަރެންސް ކުރުން ފިލްމު އުފައްދާ ފަރާތަށް އޮތީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމަކަށް ވެފަ އެވެ.

"އަންނަ އެޕްރީލްގައި ފިލްމުގެ ޝޫޓިން ފަށާނެ. މިފިލްމުގައި ފެނިގެންދާނީ ތަފާތު ހަތަރު އަންހެން ކުއްޖެއްގެ ހަޔާތުގެ އެކި ލޯބީގެ ހާދިސާތައް" ސޯނަމް ބުނެފައިވެ އެވެ.

މީގެކުރިން ވަނީ މިފިލްމުގެ ޝޫޓިން ލަސްކުރަން ޖެހުނީ ފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށްވާ އެކްތާ ފިލްމަށް ފަންޑް ނުކުރާނެ ނިންމުމުން ކަމުގެ އަޑުތަކެއް ވެސް އަރާފަ އެވެ. ނަމަވެސް ސޯނަމް ވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ.

މިފިލްމު ޑައިރެކްޓްކުރަނީ "ހޫބްސޫރަތް" ވެސް ޑައިރެކްޓްކުރި ޝަޝަންކަ ގޯޝް އެވެ.