ބޮލީވުޑް

ޝާހްރުކްގެ ފިލްމާ ކުރިމަތިލުމަކަށް ނުދާން "ކަހާނީ 2" ލަސްކޮށްފި

Oct 20, 2016

މޮޅެތި ފިލްމުތައް ކުޅެ ނޭޝަނަލް އެވޯޑް ލިބިފައިވާ ބަތަލާ ވިދްޔާ ބާލަންގެ "ކަހާނީ 2" ރިލީޒްކުރާ ދުވަސް ލަސްކޮށްފި އެވެ

ކުރިން އަންނަ މަހުގެ 25 ދުވަހު މިފިލްމު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައި އޮތީ ޝާހްރުކް ޚާން އާއި އާލިއާ ބަޓް ލީޑްރޯލުން ފެނިގެންދާ "ޑިއާ ޒިންދަގީ" އާއެކު އެވެ.

ނަމަވެސް އަންގާރް ދުވަހު ފިލްމުގެ ފުރަތަމަ ޓީޒާ ޕޯސްޓަރު އާންމުކުރުމަށްފަހު ވަނީ ޝާހްރުކްގެ ފިލްމާއެކު ކުރިމަތިލުމަކަށް ނުދާނެ ވެގެން ޑިސެމްބަރު ދޭއްގައި ރިލީޒްކުރަ ގޮތަށް ލަސްކޮށްފަ އެވެ.

މިފަހަކަށް އައިސް އެއް ދުވަހެއްގައި ދެފިލްމެއް ރިލީޒްކޮށް ބޮކްސް އޮފީހުގައި ކުރިމަތިލައި ކާމިޔާބު ލިބިފައިވަނީ އެންމެ ފިލްމަކަށެވެ. އެގޮތުން ގިނަ ފިލްމު އުފައްދާ ފަރާތްތަކުން އަންނަނީ ބޮޑެތި ތަރިން އުޅޭ ފިލްމުތަކާ އެއްދުވަހެއްގައި އެމީހުންގެ ފިލްމުތައް ރިލީޒްނުކޮށް ވޭތޯ ބަލަމުންނެވެ.

ދެހާސް ބާރަވަނަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ކަހާނީ" ގެ ދެވަނަ ފިލްމުގެ ގޮތުގައި ނެރޭ މިފިލްމު ރިލީޒްކުރާ ދުވަސް ބަދަލުކޮށްފައިވަނީ މިފިލްމުގެ ޕްރޮޑިއުސަރު ޖަޔަންތިލާލް ގަދާ އާއި އާލިއާގެ ބައްޕަ އަދި ޕްރޮޑިއުސަރު މަހޭޝް ބަޓް މަޝްވަރާކުރުމަށް ފަހު އެވެ.

ޖަޔަންތިލާލް އާއި މަހޭޝް އަކީ ވަރަށް ގާތް ދެއެކުވެރިންނަށް ވީއިރު، "ކަހާނީ 2" ރިލީޒްކުރުން ލަސްކުރީ އާއިލާގެ ތެރޭގައި އެއްވެސް ކަހަލަ ވާދަވެރިކަމެއް އޮންނަން ބޭނުންނުވާތީ އެވެ.

"މިދެފިލްމަކީ ވެސް ވަރަށް ތަފާތު ދެފިލްމެއް. ދެފިލްމުވެސް ރިލީޒްވާން ޖެހޭނީ ވަކިވަކިން. އޭރުން ދެފިލްމުގެ ވިޔަފާރިވެސް ރަނގަޅުވާނީ". މަހޭޝް ބަޓް ބުނެފައިވެ އެވެ.

"ކަހާނީ 2" އަކީ ޑައިރެކްޓަރު ސުޖޯއި ޖޯޝް އުފައްދާފައިވާ ތްރިލާ ފިލްމެކެވެ. ވިދްޔާ އާއެކު ލީޑްރޯލުން އަރްޖުން ރާމްޕަލް ފެނިގެންދާއިރު މިފިލްމުގައި މިހާރު އާންމުކޮށްފައިވާ ޕޯސްޓަރުގައި ވިދްޔާ ފެނިގެންދަނީ މާރާމާރީ އާއި ކިޑްނެޕިންގެ ކުށުގައި ގެއްލިގެން ހޯދާ މީހެއްގެ ގޮތުގަ އެވެ.

ގޯރީ ޝިންދޭ ޑައިރެކްޓްކޮށްފައިވާ "ޑިއާ ޒިންދަގީ" ގައި ޝާހްރުކް އާއި އާލިއާގެ އިތުރުން އަދިތްޔަ ރޯއި ކަޕޫރާއި ކުނާލް ކަޕޫރާއި އަންގަދް ބޭދީ މުހިންމު ރޯލުތަކުން ފެނިގެންދާނެ އެވެ.