ހަބަރު

ގާސިމަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް އިސްލާހު ގެންދިޔައީ ގާސިމް އެދިގެނެއް ނޫން: އަމީން

އުމުރުން 65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެންނަން އުޅުނު އިސްލާހު ސަރުކާރުން އަނބުރާ ގެންދިޔައީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަމަށް އެދިވަޑައިގަތުމުން ނޫން ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެ އިސްލާހު އަނބުރާ ގެނެސްފައިވަނީ ޖޭޕީގެ ލީޑަރު ގާސިމާއި ޓުއަރިޒަމް މިނިސްޓަރު އަދީބްގެ އިތުރުން ވިޔަފާރިވެރިޔާ މުހައްމަދު މޫސާ(އުއްޗު) އާއި ރޭ ބައްދަލުކޮށްފައި ވަނިކޮށެވެ.

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީ އާއި ޖޭޕީން ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން މިރޭ ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް ވިދާޅުވީ އެ އިސްލާހު އަނބުރާ ގެންނަން އެއްވެސް ވަރަކަށް ގާސިމް އެދިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ގާސިމަކީ އެގޮތަށް ޑީލް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށާއި ގާސިމަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް އަމީން ވިދާޅުވި އެވެ.

"މީގެ ދެ ދުވަހެއްގެ ކުރިން އެ ބިލް އަނބުރާ ނެންގެވުމަށް އެ ބޭފުޅުން މަސައްކަތް ކުރައްވާފައި އޮތް ކަމަށް. އެހެން ނަމަވެސް ރޭގެ ބައްދަލުވުމަށް ފަހު ވަރަށް އަވަސް އަރުވާލާފައި އެ އަޑު ފެތުރީ ބަޔަކު. މިނިސްޓަރު އަދީބު ވިދާޅުވި ކަމަށް ވަނީ އެ އިސްލާހު އަނބުރާ ގެނެވިދާނެއޭ. އެހެން ނަމަވެސް ގާސިމް ވިދާޅުވީ އެއީ އެމަނިކުފާނު މާ ކަންބޮޑުވާ ކަމެއް ނޫން ކަމަށް." އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެ ބައްދަލުވުމަކީ އުއްޗުއާ ގާސިމްގެ ދެމެދުގައި ބޭއްވި ބައްދަލުވުމެއް ކަމަށާއި ނަމަވެސް ފަހުން މިނިސްޓަރު އަދީބް އެ ބައްދަލުވުމާ ގުޅިވަޑައިގަތީ ކަމަށެވެ. އަދި އަދީބު އެ ބައްދަލުވުމާ ގުޅިވަޑައިގަތުމުން އެންމެ ފުރަތަމަ ވެސް މަޝްވަރާ ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކާނަލް މުހައްމަދު ނާޒިމް މިނިވަން ކުރުމާ ގުޅޭގޮތުން ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ކުރީގެ ރައީސް ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ޝަރީއަތް ކުރިއަށް ދަނީ އިންސާފުން ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެހެންވެ އެކަމުގައި ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރަން އެދެން މިހާރު ނިންމާފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އެ ދެ ޕާޓީގެ ވެސް އިސްވެރިން ބައިވެރިވާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"ރައީސް ނަޝީދާއި ކާނަލް ނާޒިމްގެ މައްސަލައިގައި ރައީސަށް ކޮށްދެވޭނެ ކަމެއް އޮތްތޯ ބެލުމަށް މަޝްވަރާ ކުރުމަށް ނިންމާފައި މިވަނީ." އަމީން ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ވަންދެން އިހްތިޖާޖް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އެކަން އެ ޕާޓީގެ ކަމާބެހޭ ގޮފިތަކުން ކުރަމުންދާ ކަމަށެވެ. އަދި ނަޝީދު ނެތީސް އެމްޑީޕީ ނުހިންގާނެ ކަމަށާއި އެމަނިކުފާނު މިނިވަން ވަންދެން އިހްތިޖާޖް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރައީސް ނަޝީދުގެ ދިފާއުގައި ދިވެހި ރައްޔިތުން ކަމެއް ކުރަން ބޭނުންވެފައި ނުކުރެވި ތިބޭކަށް ނުޖެހޭނެ. އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންގެ ސީދާ ހަރަކާތާ ވީހާ ވެސް ގިނަ ބޭފުޅުން ގުޅިވަޑައިގަތުމަށް." އަލީ ވަހީދު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެމްޑީޕީ އާއި ޖޭޕީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ސަރުކާރަށް ހުށަހެޅި ޑިމާންޑްތަކާ ގުޅިގެން ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރަން އެދުމުން އެ ފުރުސަތު ދެވެން ނެތް ކަމަށް ރައީސް އަންގަވާފައިވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލު ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި އަންނަ ބުރާސްފަތި ދުވަހު އެ ބައްދަލުވުން އޮންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.