ބޮލީވުޑް

ޑަންގާލްގެ ޓްރެއިލާ: ބައްޕަ އަކު އަންހެން ދަރިންގެ ކާމިޔާބަށް ކުރާ މަސައްކަތް

Oct 21, 2016

ސުޕަސްޓާ އާމިރް ޚާންގެ ފިލްމެއް ރިލީޒްނުވާތާ އަހަރަކަށް ވުރެން ގިނަދުވަސްވެފައިވާއިރު، ފާއިތުވި އަހަރެއްހާ ދުވަހު އޭނާ ބުރަކޮށް މަސައްކަތްކުރަމުން އައިސްފައިވަނީ ރެސްލިންތެޅުން ތެރިއެއްގެ ރޯލުން އޭނާ ފެނިގެންދާ "ޑަންގާލް" އަށް ތައްޔާރުވުމަށާއި އެފިލްމުގެ ޝޫޓިންގަ އެވެ.

މިއަހަރުގައި ދެން ނިކުންނާނެ އެންމެ ވަރުގަދަ ފިލްމުގެ ގޮތުގައި ބެލެވިފައި އޮތް "ޑަންގާލް" އަކީ ރެސްލިންތެޅުންތެރިޔާ މަހާވީރް ޕޮގަތްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއްކަން އިއުލާންކުރެވުމާއެކު މިފިލްމާ ސަލްމާން ޚާން ރެސްލިންތެޅުންތެރިއެއްގެ ރޯލުން ފެނިގެންދިޔަ "ސުލްތާން" އާއި އެއްގޮތް ކަމަށް ބުނެވެން ފެށުނެވެ.

އަބަދުވެސް ތަފާތު މޮޅު ފިލްމުތައް ކުޅުމަށް މަޝްހޫރު އާމިރް މިވަނީ މިއަދު ރިލީޒްކުރެވުނު މިފިލްމުގެ ޓްރެއިލާ އާއެކު މިދެފިލްމު އަޅާ ކިޔަމުން އައި މީހުންގެ އަނގަ ބަންދުކޮށްލާފަ އެވެ. އާމިރް ތަފާތު މޮޅު އެކްޓިންއިން މިފަހަރުވެސް ބެލުންތެރިން އާޝޯހުވެފައިވާއިރު، މިފިލްމުގެ ޓްރެއިލާއިން ވިދާލާފައިވަނީ އޭނާގެ ދެއަންހެންކުދިންގެ ރޯލުން ފެނިގެންދާ ފާތިމާ އާއި ސާންޔާ އެވެ.

"ޑަންގާލް" ގެ ޓްރެއިލާ:

އަމިއްލަ ރެސްލިން ހަޔާތުގައި ބުރަ މަސައްކަތް ކޮށްގެން ވެސް ގައުމަށް ގޯލްޑް މެޑަލް އެއް ހޯދާނުދެވުނު ޕޯގަތްގެ ހުރިހާ އުންމީދެއް ގުޅިފައި އޮތީ އޭނާ އަށް ލިބޭނެ ފިރހެން ދަރިފުޅަކާ ގުޅިފަ އެވެ. ނަމަވެސް ލިބުނު ހަތަރު ކުދިން ވެސް އަންހެން ކުދިންނަށް ވުމުން އޭނާ ގޯލްޑް މެޑަލެއް ގައުމަށް ހޯދައިދިނުމަށް ކުރަމުން އައި އުންމީދު ފެނަށް ދިޔައީ އެވެ. ސަބަބަކީ ރެސްލިން އަކީ ފިރިހެނުނަށް ހާއްސަ ކުޅިވަރަކަށް ވުމެވެ.

ރެސްލިން އަކީ ފިރިހެންނަށް ހާއްސަ ކަމަށް ބުނަމުން އައި ކުޅިވަރަކަށް ވިޔަސް މިއީ އަންހެނުންނަށް ވެސް ހިތްވަރާއި ކެރުން ހުރެއްޖެ ނަމަ ކުރެވިދާނެ ކަމެއް ކަން އާމިރް މިފިލްމުގައި ވަނީ ދައްކުވައިދީފަ އެވެ. އަދި މިއީ މުޖުތަމުތަކުގެ ތެރޭގައި އަންހެނުންނަށް ވަކި ކަންތައްތައް ނުކުރެވޭނެ ކަމަށް ބުނަމުން އަންނަ ބުނުންތަކަށް ދީފައިވާ ވަރުގަދަ ރައްދެކެވެ.

ވަރަށް ސާދާ ދިރިއުޅުމެއް ޕަންޖާބުގެ ހަރްޔާނާގައި އަންހެނުން (ސާކްޝީ ތަންވަރް) އާއި ހަތަރު ކުދިންނާއެކު ދިރިއުޅުމުން އައި ޕޯގަތްގެ އުންމީދު އާވަނީ އޭނާގެ ގީތާ އާއި ބަބީތާއާ މައްލަވަށްކުރާ ދެފިރިހެން ކުއްޖަކު ތަޅާ ރޯނާކޮށްލާފައިވާ ތަން ފެނިފަ އެވެ. އަމިއްލަ ގޭގައި ކުދިންނަށް ރެސްލިންގެ ތަމްރީނުތައް ދީގެން ތާރީހީ ކާމިޔާބީ އަކާ ހަމައަށް ގެންދާ ގޮތެވެ.

އެގޮތުން ބަބީތާ 2010 ވަނަ އަހަރު ކޮމަންވެލްތް ގޭމްސް ގައި ރަން މެޑަލް ހޯދާފައިވާއިރު، ގީތާ ވަނީ 2014 ވަނަ އަހަރު ކޮމަންވެލްތް ގޭމްސްގައި ރަން މެޑަލް ހޯދާފަ އެވެ. މީގެއިތުރުން ވެސް 2012 ވަނަ އަހަރު އޮތް އޮލިމްޕިކްސްގައި ގީތާ ވާދަކޮށްފައިވާއިރު، އޭނާ އަކީ މިމުބާރާތުގައި އިންޑިއާއިން ރެސްލިންތެޅުންތެރިއެއްގެ ގޮތުގައި ބައިވެރިވި ފުރަތަމަ އަންހެން ރެސްލިންތެޅުންތެރިޔާ އެވެ.

މިފިލްމުގައި އާމިރް ޕޯގަތްގެ ޒުވާން ދުވަސްވަރާއި ހަތަރުކުދިންގެ ބައްޕަގެ ގޮތުގައި މެދުއުމުރުގެ މީހެއްގެ ގޮތުގައި ވެސް ފެނިގެންދާއިރު، މިރޯލަށް ތައްޔާރުވުމުގެ ގޮތުން އޭނާ ވަނީ ބަރުދަން 95 ކިލޯއަށް ބަރުކޮށްފަ އެވެ. އަދި ފިލްމުގައި ޒުވާން އުމުރުގައި ނަގަން ޖެހޭ މަންޒަރުތަކަށް ވަނީ އަލުން ބަރުދަން "ދޫމް 3" ގައި ހުރި ވަރަށް ތިރިކޮށްފަ އެވެ.

އާމިރް އާއި އަންހެނުން ކިރަން ރާއޯ އަދި ސިދާތް ރޯއި ކަޕޫރު ޕްރޮޑިއުސްކޮށް، ނިތޭޝް ތިވާރީ ޑައިރެކްޓްކޮށްފައިވާ މިފިލްމުގައި ގީތާ އާއި ބަބީތާގެ ރޯލުން ފެނިގެންދާނީ ބޮލީވުޑަށް މުޅިން އަލަށް ތައާރަފުވާ ފާތިމާ ސަނާ ޝައިހް އާއި ސާންޔާ މަލްހޯތުރާ އެވެ.

އަބަދުވެސް ބެލުންތެރިންނަށް ތަފާތު މޮޅު ފިލްމުތައް ގެނެސްދޭ އާމިރްގެ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 23 ވަނަ ދުވަހު އެވެ.