ބޭރު ކުޅިވަރު

ލިވަޕޫލް ކަޓައި، ބާސެލް، ޔުވެންޓަސް އަދި މޮނާކޯ ދެވަނަ ބުރަށް

Dec 10, 2014

ޕެރިސް (ޑިސެމްބަރު 9) – ޗެމްޕިއަންސް ލީގުގައި ރޭ ބާސެލް އަތުން 1-1 އިން އެއްވަރުވެ، ލިވަޕޫލް މުބާރާތުން ކެޓިއިރު، ބާސެލް އާއި ޔުވެންޓަސް އަދި މޮނާކޯ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ބާސެލްއާ އެއްވަރުވެ، ލިވަޕޫލް މުބާރާތުގެ ގުރޫޕް ސްޓޭޖު ނިންމާލީ ގުރޫޕް ބީގެ ތިން ވަނައިގަ އެވެ. ހަތް ޕޮއިންޓާއެކު މި ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ސްވިޓްޒަލޭންޑްގެ ބާސެލް އެވެ. ޗެމްޕިއަންސް ލީގުން ކަޓައި، މި ސީޒަންގައި ލިވަޕޫލް ދެން ވާދަކުރަން ޖެހޭނީ ޔޫރޮޕާ ލީގުގަ އެވެ.

ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް ލިވަޕޫލަށް މޮޅުވާން މަޖުބޫރުވެފައި އޮތް މެޗުގެ 25 ވަނަ މިނިޓުގައި ބާސެލްގެ ފަބިއަން ފްރެއި ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ހޯދައިދިން ނަމަވެސް، މެޗުގެ 81 ވަނަ މިނިޓުގައި ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދިނީ ކެޕްޓަން ސްޓީވަން ޖެރާޑެވެ.

މެޗުގެ 61 ވަނަ މިނިޓުގައި ލިވަޕޫލްގެ ލަޒާ މަރްކޮވިޗް އަށް ރަތްކާޑު ދެއްކުމާއެކު، ލިވަޕޫލް އިން މެޗު ނިންމާލީ ދިހަ ކުޅުންތެރިންނާއެކު އެވެ.

ބާސެލް އަކީ އިނގިރޭސި ކްލަބުތަކާ ދެކޮޅަށް ކުޅޭ މެޗުތަކުން ރަނގަޅު ރެކޯޑެއް ހޯދައިފައިވާ ޓީމެކެވެ. ބާސެލް އިން ވަނީ 2002 ވަނަ އަހަރު ވެސް ލިވަޕޫލް ޗެމްޕިއަންސް ލީގުން ކަޓުވާލައިފަ އެވެ. އަދި 2011 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑް މި މުބާރާތުން ކަޓުވާލުމުގެ އިތުރުން، މީގެ ދެ ސީޒަން ކުރިން ބާސެލް ވަނީ ޓޮޓެންހަމް ހޮޓްސްޕާ ޗެމްޕިއަންސް ލީގުން ކަޓުވާލައިފަ އެވެ. އަދި މިދިޔަ އަހަރު ޗެމްޕިއަންސް ލީގުގައި ބާސެލް ވަނީ ދެ ފަހަރު ޗެލްސީ އަތުން މޮޅުވެފަ އެވެ.

ގުރޫޕް ބީގައި އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފައިވާ ރެއާލް މެޑްރިޑް އިން ވަނީ ގުރޫޕްގައި ކުޅެންޖެހުނު ފަހު މެޗުގައި ރޭ ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން 4-0 އިން މޮޅުވެފަ އެވެ. ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލަށް ލަނޑު ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްދޯ އާއި ގެރެތު ބޭލް އާއި އަލްވާރޯ އާބެލޯއާ އަދި އަލްވާރޯ މެދްރާން އެވެ.

ގުރޫޕް އޭގެ ދެވަަނަ ޓީމުގެ ގޮތުގައި ޔުވެންޓަސް ދެވަނަ ބުރުން ޖާގަ ހޯދީ އަމިއްލަ ދަނޑުގައި ރޭ އެތުލެޓިކޯ މެޑްރިޑްއާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ. މި މެޗުގެ ކުރިން ވެސް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައިވާ އެތުލެޓިކޯ އަށް ވަނީ މި މެޗުގެ ނަތީޖާއާއެކު ގުރޫޕްގެ އެއްވަނަ މަގާމު ލިބިފަ އެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ރަނަރަޕް އެތުލެޓިކޯ ގުރޫޕްގެ އެއްވަނަ ހޯދީ 13 ޕޮއިންޓާއެކު އެވެ. ޔުވެންޓަސް ދެވަނަ ހޯދީ 10 ޕޮއިންޓާއެކު އެވެ.

މި ގުރޫޕްގައި ރޭ މަލްމޯ އަތުން 4-2 އިން މޮޅުވި ނަމަވެސް، އޮލިމްޕިއާކޮސް ވަނީ ޗެމްޕިއަންސް ލީގުން ކަޓައިފަ އެވެ. ނުވަ ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނައިގައި ނިންމާލައި، އޮލިމްޕިއާކޮސް ފުއްދާލަންޖެހުނީ ޔޫރޮޕާ ލީގުގެ ޖާގައަކަށެވެ. ގުރޫޕްގެ ފުލަށް ދިޔައީ ތިން ޕޮއިންޓާއެކު އޮތް މަލްމޯ އެވެ.

މި މުބާރާތުގެ ގުރޫޕް ސީގައި ރޭ ޒެނިތު ސެއިންޓް ޕީޓަސްބާގް އަތުން 2-0 އިން މޮޅުވެ، މޮނާކޯ ވެސް ވަނީ ދެވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. މިއީ 2004 ވަނަ އަހަރު މި މުބާރާތުގެ ފައިނަލްގައި ވާދަކުރި ފަހުން މޮނާކޯ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. މޮނާކޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އަމެން އަބްޑޭނޫރާއި ފަބީނިއޯ އެވެ.

މޮނާކޯ ގުރޫޕްގެ އެއްވަަަނަ ހޯދީ 11 ޕޮއިންޓާއެކު އެވެ. މި ގުރޫޕްގެ ދެވަނަަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގައި ވާދަކުރާނީ ބަޔާ ލޭވަކޫސަން އެވެ. މި ގުރޫޕްގައި ރޭ ބެންފީކާއާ ދެކޮޅަށް ލޭވަކޫސަން ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. މި ގުރޫޕްގެ ތިން މަގާމާއެކު، ޔޫރޮޕާ ލީގުގެ ޖާގަ ހޯދީ ޒެނިތެވެ. ގުރޫޕްގެ ފުލަށް ދިޔައީ ބެންފީކާ އެވެ. – އޭއެފްޕީ

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުުނު މެޗުތަކުގެ ނަތީޖާ: