ވިޔަފާރި

މަސްވެރިކަމާއި ދަނޑުވެރިކަމަށް 6.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

Oct 20, 2016
  • ލޯނު ދިނީ 158 މީހަކަށް
  • ލޯނު ދިނީ އިފާޑުގެ އެހީގައި
  • ލޯނު އަދާ ކުރަން ފަސް އަހަރު ލިބޭ

އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލްލޮޕްމަންޓް (އިފާޑު) ގެ އެހީގައި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރު ކުރުމަށް 158 މީހަކަށް 6.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓްރު ޑރ. މުހައްމަދު ޝައިނީ ވަނީ ލޯނު ލިބުނު ބައެއް ފަރާތްތަކަށް ލޯނު ހަވާލުކޮށްފަ އެވެ. މާލޭގައި މިހާރު ހުރި ނައިފަރު، މޫސާ އަބްދުލް ހާދީ އާއި ބިޒް ވިލް ކޯޕަރޭޓް ސޮސައިޓީ އަށް ވަނީ ލޯނު ދޫކޮށްފަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ޝައިނީ ވިދާޅުވީ މި ލޯނު ޕްރޮގްރާމުގެ ދަށުން ދޫކުރަނީ އެއް ލައްކަ ރުފިޔާ އާއި ހަތަރު ލައްކަ ރުފިޔާ ކަމަށާ، ލޯނުގެ އިންޓްރެސްޓް ރޭޓަކީ ހަ ޕަސެންޓް ކަމަށެވެ.

"މި ލޯނުތައް އަދާކުރުމަށް ފަސް އަހަރު ލިބޭނެ. ގްރޭޑް ޕީރިއަޑްގެ ގޮތުގައި މި ލިބެނީ ހަ މަސް. މި މުއްދަތުގައި ދައްކަން ޖެހޭނީ އިންޓްރެސްޓް އެކަނި،" ޑރ. ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދުން ފެށިގެން ލޯނު ދޫކުރަން ފަށާފައިވާ ކަމަށެވެ.

"ކޯޕަރޭޓިވް ސޮސައިޓީގެ މެންބަރުންނަށްވެސް ލޯނު ދޫކޮށްފައިވާނެ. ދަނޑުވެރިކަމުގެ އުފެއްދުންތައް ނޫނީ މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮވައިޑް ކޮށްދިނުމަށް ލޯނު މި ދޫކުރަނީ،" ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ލޯނުގެ ބޭނުމަކީ ދަނޑުވެރިކަމާއި މަސްވެރިކަމުން އުފައްދާ ބާވަތްތަކަށް ރަނގަޅަށް އަގެއް ހޯދައި ދިނުން ކަމަށެވެ.

"ވަކިވަކި މީހުން އައުމުން ލިބޭ ނިކަމެތިކަން، ނޫނީ އަގަށްވުރެ ރަނގަޅު އަގެއް ލިބޭނެ މަގު ތަނަވަސްކޮށް ދިނުން ބޭނުމަކީ. ހުރިހާ މީހުން އެއްކޮށް އައިސް މަސައްކަތްކޮށްގެން ރަނގަޅު އަގެއް ލިބޭނެ މަގު ފަހިކޮށް ދިނުން،" ޝައިނީ ވިދާޅުވި އެވެ.

މި ލޯނު ސްކީމުގެ ބޭނުމަކީ ވެލިއުޗެއިން ކޯޕަރޭޓް ސައިޓީތައް މެދުވެރިކޮށް، ކުދި އަދި މެދުފަންތީގެ ދަނޑުވެރިންނާއި މަހުގެ އުފެއްދުންތައް ތައްޔާރު ކުރާ ފަރާތްތައް ޗެލިއު އެޑް ކުރުމާއި މާކެޓު ހޯދައިދީ ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ މަގެއް ތަނަވަސް ކޮށްދިނުމެވެ. މިގޮތުން ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުން ރާއްޖޭގެ އަށް ކޯޕަރޭޓިވް ސޮސައިޓީއެއް ހިންގަމުން ގެންދެ އެވެ.