ހަބަރު

މެމްބަރު ނާޒިމްގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުން މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާތަކުގެ ތިން ވަނަ އަޑުއެހުން މާދަމާ ބާއްވަން ތާވަލްކޮށްފި އެވެ.

ކުރިން މަޖިލީހުގެ ނައިބު ރައީސް ކަން ވެސް ކުރެއްވި ނާޒިމްގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ އޭނާ އެޓޮލްސް މިނިސްޓްރީގައި މަސައްކަތް ކުރެއްވިއިރު މަކަރާއި ހީލަތުން ސަރުކާރުގެ ހަތަރު ޕްރޮޖެކްޓެއް ކާމިޔާބު ކުރި ކަމަށް ބުނެއެވެ. މަކަރާއި ހީލަތް ހެދުމުގެ ހަތަރު ދައުވާއެއް ދައުލަތުން ނާޒިމްގެ މައްޗަށް އުފުލަ އެވެ.

އެ ހަތަރު މައްސަލައިގެ ވެސް ތިން ވަނަ އަޑުއެހުން މާދަމާގެ އެކި ގަޑިތަކުގައި ބާއްވަން ސުޕްރީމް ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ. އެ މައްސަލަތަކުގެ އަޑުއެހުން މިދިޔަ އާދިއްތަ ދުވަހު ވެސް އެ ކޯޓުން ކުރިއަށް ގެންދިޔަ އެވެ.

އެ ހަތަރު މައްސަލައިގައި ވެސް ދަށު ކޯޓާއި ހައި ކޯޓުން ނިންމާފައިވަނީ ނާޒިމް ކުރީ ކުށެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންވެ އެ މައްސަލަ އިސްތިއުނާފްކުރީ ދައުލަތުންނެވެ.

ނާޒިމަކީ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވަރަށް އަރިސް ބޭފުޅެކެވެ. ނަމަވެސް މިފަހަކަށް އައިސް ސަރުކާރާއި ޕީޕީއެމްގެ ހަރަކާތްތަކުން ވެސް އޭނާ ވަނީ ވަރަށް ދުރަށް ވަޑައިގެންފަ އެވެ.