ދިވެހި ސިނަމާ

ނަހުލާގެ "ބީ" އަށް ޑައިރެކްޓަރަކު ހޯދަނީ؟

ޖިންނިންގެ ބައިގަނޑަކާ އެކު އެނބުރި އައިސް މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާ މި ވަނީ އަނެއްކާވެސް ދިވެހި ސިނަމާ ހިސޯރުކޮށްފަ އެވެ. ބިރުވެރި ފިލްމު "4426" ގެ 30 ޝޯ އޮލިމްޕަހުގައި ދެއްކުމަށް ހިފާލާފައިވާއިރު މި ފިލްމުގެ ފޯރީގައި ނަހުލާ ވަނީ މުޅިން އާ ފިލްމެއް ވެސް އިއުލާނުކޮށްފަ އެވެ.

އެއީ އަންނަ އަހަރުގެ ކުރީކޮޅު ބެލުންތެރިންނާ ހަމަ އަށް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ "ބީ" އެވެ.

ފަހުުގެ ދިވެހި ފިލްމުތަކުގައި ބޭނުންކުރާ "ޑަބަލް މާނަ" ނެގޭ ކަހަލަ ނަމަކަށް މި ފިލްމުގެ ނަން ވެދާނެ އެވެ. އެކަމަކު ނަހުލާ ބުނަނީ މިއީ މިހާތަނަށް ދިވެހި ސިނަމާ އަށް އަންނަ އެންމެ ރޮމޭންޓިކް ނުވަތަ އެންމެ އަސަރުގަދަ ލޯބީގެ ފިލްމަށް ވެގެންދާނެ ކަމަށެވެ.

ފިލްމުގެ ލީޑް ރޯލަށް މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް އައްޒަ ހަމަޖައްސާފައިވާއިރު ނަހުލާ މިހާރު އަތްފުނާއަޅަމުން ދަނީ މި ފިލްމު ޑައިރެކްޓްކުރާނެ ކުޅަދާނަ މީހަކު ހޯދުމަށެވެ. ނަހުލާ ބުނަނީ ފިލްމު އަމިއްލަ އަށް ޑައިރެކްޓްކުރުމުގެ ބަދަލުގައި ބޮޑަށް އިސްކަން ދެނީ މި ދާއިރާ އަށް އާ ޓެލެންޓް ނެރެން ކަމަށާއި ޒުވާން ހުނަރުވެރިން ހޯދުމަށް ކަމަށެވެ.

މި ފިލްމުގެ އަސަރުގަދަވާނެ ވަރު ކިޔައިދެމުން މިސާލަކަށް ނަހުލާ ނެގީ ބޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމުގައިވާ "ގަޔާމަތުސޭ ގަޔާމަތްތަކު" އެވެ.

"މިއީ ގަޔާމަތުސޭ ގަޔާމަތުތަކު ފީލް. އެ ފީލްގެ ފިލްމެއް ހަދަން ބޭނުންވޭ، އެ އަސަރު ނެރެން ބޭނުންވޭ،" ސްކްރީންޕްލޭ އަމިއްލަ އަށް ލިޔާ ފިލްމާ ބެހޭ ގޮތުން ނަހުލާ ބުންޏެވެ.

މި ފިލްމުގެ ޓެގްލައިން އިން ވެސް މިއީ ކިހާ ރޮމޭންޓިކް ނުވަތަ އަސަރުގަދަވާނެ ފިލްމެއްކަން ބުނެދެ އެވެ.

"އަ ރިލޭޝަންޝިޕް މޭޑް އިން ހެވަން" ފިލްމުގެ ޓެގްލައިނަކީ މިއީ އެވެ.

"މި ފިލްމެއް މި ހަދަނީ ދިރިއުޅުމުގައި މާ ރޮމޭންސް މަދުވީމަ އަދި 4426ގައި ރޮމޭންސް މާ މަދުވީމަ،" ފިލްމުގެ މަސައްކަތުގައި ހަމަނިދި ނުލިބޭ ކަމަށް ބުނެ ސަމާސާކުރަމުން ނަހުލާ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން ނަހުލާ ވަނީ އޭނާ އަށް އަމާޒުވާ ބައެއް ފާޑުކިޔުންތަކަށް ވެސް ރައްދު ދީފަ އެވެ. އެގޮތުން އާންމުކޮށް ނަހުލާ އުފައްދާ ފިލްމުތަކަކީ އެހެން ފިލްމުތައް ކޮޕީކޮށްގެން އުފައްދާ ފިލްމުތަކެކޭ ބުނާ މައްސަލާގައި ނަހުލާ ވަނީ ފާޑުކިޔުންތެރިންނަށް ވަރުގަދަ ޗެލެންޖެއް ވެސް ކޮށްފަ އެވެ.

"ކޮޕީކޮށްފައެއް ނީންނާނެ އެއްވެސް ފިލްމެއް. ޕިޔޯލީ އޮރިޖިނަލް ވާހަކަ އަޅުގަނޑު ލިޔަނީ. ދެ ތިން ހިންދީ ފިލްމެއް އެއްކޮށްލައިގެންނޭ ބުނަނީ ކޮޕީއެކޭ ކިޔާފަ އެކަން ސާބިތުކުރެވެން ނެތީމަ. ކޮޕީއެއް ނަމަ އަންނާށޭ އެކަން ސާބިތުކޮށްދޭން. އެކަން ސާބިތުކޮށްދެއްވިޖެ ނަމަ ބުނި އެއްޗެއް ދޭނަން އެ މީހަކަށް،" ވަރަށް އިތުބާރާއެކު ނަހުލާ ބުންޏެވެ.