ޕީޕީއެމްގެ ކޯޅުންތައް

ރައީސް ޔާމީން ފެކްޝަންގެ ނިންމުންތައް ބާތިލުކޮށްދޭން މައުމޫން އެދިއްޖެ

ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީންގެ ރިޔާސަތުގެ ދަށުން ބޭއްވި ކައުންސިލްގެ ނިންމެވުންތައް ބާތިލުކޮށްދިނުމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ހައިކޯޓުގައި އެދިވަޑައިގެންފި އެވެ.

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރަށް ހަވާލު ކުރުމަށް އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އެ ޕާޓީގެ އަމިއްލަ މެންބަރެއް ކަމަށްވާ އައްބާސް ވާފިރެވެ. އައްބާސް އެ މައްސަލަ ކޯޓަށް ވެއްދީ، އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް މައުމޫން ތައްޔާރުވެ ވަޑައިގަންނަވަނިކޮށެވެ. މައްސަލާގައި ޝަރީއަތް މިއަދު ފެށިއިރު މައުމޫން ވަނީ މައްސަލާގެ ތެރެއަށް ތަދުއްހުލްވެފަ އެވެ.

މިއަދު މެންދުރުފަހު ބޭއްވި މި މައްސަލާގެ އަޑު އެހުމުގައި މައުމޫންގެ ފަރާތުން ވަނީ ސިވިލް ކޯޓުގެ ހުކުމަށް އަމަލު ކުރުން ފަސް ކޮށްދިނުމަށް ވެސް އެދިފަ އެވެ.

މައުމޫންގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ، ސިވިލް ކޯޓުގައި މައްސަލައަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށެވެ. އަދި ކައުންސިލް ބައްދަލުވުން ގަވައިދާ އެއްގޮތަށް ބާއްވާފައި ނުވާކަން ދައުވާކުރި ދެ މެންބަރުން ކަމަށްވާ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދަށް ސާބިތު ކޮށްދެވިފައިނުވާ ކަމަށެވެ. އަދި އެއްވެސް ހެއްކެއް ވެސް ހުށަހަޅާފައިނުވާ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

މި މައްސަލާގެ ތެރެއަށް ޕީޕީއެމް ވެސް މިއަދު ވަނީ ޝަރީއަތުން ތަދައްހުލް ކުރުވާފަ އެވެ. ޕީޕީއެމްގެ ފަރާތުން ވަޑައިގަތީ، ޔާމީން ފެކްޝަނުން އައްޔަންކޮށްފައިވާ އެސްޖީ އަބްދުﷲ ހަލީލާއި ވަކީލް ހުސެއިން ސިރާޖެވެ. ވަކީލް ސިރާޖް ވަނީ ގަވައިދާ އެއްގޮތަށް ކައުންސިލް ބައްދަލުވުންތައް މައުމޫން ބާއްވާފައިނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ކަށަވަރުކުރުމަށް ޕީޖީ ލީޑަރު ނިހާނާއި ކައުންސިލް މެންބަރުން ކައުންސިލް ބައްވައިދިނުމަށް އެދި މައުމޫނަށް ފޮނުއްވި ސިޓީތަކެއްގެ ކޮޕީ ހުށަހެޅި އެވެ.

މި މައްސަލާގައި ދައުވާ ރައްދުވާ މަޖިލިސްގެ ދެ މެންބަރުންގެ ވަކީލް އަބްދުﷲ މުއިއްޒު ވިދާޅުވީ، މިހާރު ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރެވިފައިވާ ކަމަށެވެ. އެއީ 24 ގަޑިއިރު ތެރޭގައި މުސްތަޝާރުގެ ބެލުމުގެ ދަށުން ކައުންސިލް ބައްދަލުވުމެއް ބޭއްވި ކަންތައްތަކެއް ނިންމިފައިވާ ކަމަށެވެ.

ދެ މެންބަރުންގެ ތަމްސީލް ކުރައްވާ ދެވަނަ ވަކީލް އިބްރާހިމް ރިޒާ ވިދާޅުވީ، މައުމޫންގެ ފަރާތުން ފާހަގަ ކުރަނީ މައްސަލާގައި ދަށު ކޯޓުގައި ނުދައްކާ ވާހަކަތަކެއް ކަމަށެވެ. ދަށު ކޯޓުގައި ނުދައްކާ ވާހަކައެއް މަތީ ކޯޓުގައި ނުދެއްކޭނެ ކަމަށެވެ.

ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ދައުވާގައި އެދިފައިނުވާ ކަންކަމަށް ކަމަށް ބުނެ މައުމޫންގެ ފަރާތުން ކުރީގެ އަޑުއެހުމުގައި ފާހަގަކުރި ނުކުތާއަށް ޖަވާބު ދެއްވަމުން ރިޒާ ވިދާޅުވީ، ސިވިލް ކޯޓަށް ދެ މެންބަރުން ދެ މައްސަލައެއް ހުށަހެޅި ކަމަށެވެ. ދެވަނަ މައްސަލާގައި މައުމޫން ރައީސް ކަމުން އެކަހެރިކުރުމަށް އެދިފައިވާނެ ކަމަށެވެ. އަދި މުސްތަޝާރަށް ޕާޓީގެ ހިންގުން ހަވާލުކުރުމަށް ވެސް ޝަރީއަތުގައި އެދިފައިވާނެ ކަމަށެވެ. އެ މައްސަލައަށް ޗިޓް ފޮނުވުމުން ވެސް ޕީޕީއެމްއިން ހާޒިރުނުވާތީ ދެ މައްސަލަ އެއްކޮށް ނިންމަވައި ދެއްވުމަށް އެދުނު ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ޕީޕީއެމްއަށް ޗިޓް ލިބުނުތޯ ޕީޕީއެމްގެ ވަކީލާ ޝަރީއަތުން ސުވާލުކުރުމުން ވަކީލް ސިރާޖް ވިދާޅުވީ، ޗިޓް ލިބުނު ކަމެއް ވެސް ކޯޓަށް ހާޒިރުނުވާ ކަމެއް ވެސް ޕާޓީގެ ކައުންސިލަށް ނޭނގޭ ކަމަށެވެ. ޕާޓީއަށް އެކަން އެނގޭތޯ ކުރި ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ. ވިދާޅުވީ، އެކަންކަން އެނގޭނީ ޕާޓީގެ ރައީސްއަށް ކަމަށެވެ.

މައްސަލަ އިސްތިއުނާފުކުރި ފަރާތުގެ ހައިސިއްޔަތާ ގުޅޭ ގޮތުން މައުމޫން ނެގި ނުކުތާއަށް ޖަވާބު ދެއްވަމުން އައްބާސްގެ ވަކީލް އާދަމް އާސިފް ވިދާޅުވީ، އައްބާސްއަކީ ޕީޕީއެމްގެ މާފުށީ ގޮފީގެ ރައީސް ކަމަށެވެ. އަދި އާންމު މެންބަރެއްގެ ހައިސިއްޔަތުން މައްސަލަ އިސްތިއުނާފުކުރުމުގެ ހައިސިއްޔަތު އޭނާއަށް އެބަ އޮތް ކަމަށެވެ.

ފަނޑިޔާރު ވެސް ވަނީ އެ މައްސަލަ ހުށަހަޅައި، ކުރިއަށް ގެންދަނީ ގަވައިދާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލަ އިސްތިއުނާފުކުރުމުގެ ހައިސިއްޔަތު އައްބާސް އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލާގައި އަދިވެސް ކަންކަން ފާހަގަކުރުމަށްހުރުމުން އަންނަ ހޮނިހިރު ދުވަހަށް ވަނީ އަޑުއެހުމެއް ތާވަލްކޮށްފަ އެވެ.