ހަބަރު

ޕީޕީއެމް މައްސަލާގެ ބެންޗް ބަދަލުކޮށްދޭން އީސީއިން އެދިއްޖެ

ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމްއިން ބޭއްވި ހާއްސަ ކޮންގްރެސް އިލެކްޝަން ކޮމިޝަން، އީސީއިން ބާތިލްކޮށްފައިވާތީ އެ ޕާޓީއިން ހައިކޯޓަށް ހުށަހެޅި މައްސަލާގެ ބެންޗް ބަދަލުކޮށްދޭން އެދިއްޖެ އެވެ.

މައްސަލާގެ ބެންޗް ބަދަލުކޮށްދޭން އިލެކްޝަން ކޮމިޝަނުން ހައިކޯޓުގައި އެދިފައިވާއިރު އެ މައްސަލާގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. ދެން މައްސަލާގައި އޮންނާނީ ހުކުމް އިއްވުން ކަމަށް ވަނީ އިއުލާންކޮށްފަ އެވެ. މައްސަލާގައި ކުރިއަށް ދިޔައީ ދެ އަޑުއެހުމެކެވެ.

ކޮންގްރެސް ބާތިލްކުރި މައްސަލަ ހައިކޯޓުގައި ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ފައިސަލަކީ ކުރިން ރައީސް އަބްދުﷲ ޔާމީންގެ މެންބަރެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގައި އިންނެވި ބޭފުޅާ އެވެ.

ފަނޑިޔާރު ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ސަރުކާރުގެ ބައެއް މަގާމުތައް ފުރުއްވާފައިވެ އެވެ. އާސަންދައިގެ އެމްޑީކަން ވެސް ކުރެއްވި އެވެ.

އިލެކްޝަން ކޮމިޝަނުން ހައިކޯޓަށް ހުށަހެޅި ސިޓީގައިވާ ގޮތުން އެ ފަނޑިޔާރުން ކުރިން އަދާ ކުރައްވާފައިވާ މަގާމުތަކުގެ ސަބަބުން ކޮންގްރެސް ބާތިލްކުރި މައްސަލަ ބެއްލެވުމަށް މަސްލަހަތު ފުށު އަރަ އެވެ. އަދުލު އިންސާފު ގާއިމް ކުރުމަކީ ފަނޑިޔާރުންނަކީ އެހެން އެއްވެސް މީހެއްގެ ބާރެއް ނުވަތަ ނުފޫޒެއް ފޯރާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ.

ބެންޗުގައި ދެން ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ޝަހީދަކީ ކުރިމިނަލް ކޯޓުގައި ކުޑަ ދުވަސްކޮޅަކު މަސައްކަތް ކުރެއްވުމަށްފަހު ހައިކޯޓަށް ބަދަލު ކުރެއްވި ފަނޑިޔާރެކެވެ. ސިޔާސީ ބޭފުޅުންގެ ބޮޑެތި މައްސަލަތަކެއް ފަނޑިޔާރު ޝަހީދު ކުރިމިނަލް ކޯޓުގައި ބެއްލެވި އެވެ.

މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އިލެކްޝަން ކޮމިޝަންގެ ވަކީލް ރިފްއަތު އަބްދުﷲއަށް ވަރަށް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ.

ޕީޕީއެމްގެ ހިންގުން ސިވިލް ކޯޓުގެ ހުކުމަކުން 2016 ގައި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވެ އެވެ. އަދި އެ ހުކުމްގައި ގައުމީ ޖަލްސާއެއް ރައީސް ޔާމީންގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް އެ ޕާޓީއިން ގައުމީ ޖަލްސާއެއް ބޭއްވީ އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެ ގައުމީ ޖަލްސާގައި ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު އިންތިހާބުކޮށް ކައުންސިލް ވެސް އަލުން އެކުލަވާލާފައިވެ އެވެ. ނަމަވެސް އެ ޖަލްސާގެ ނިންމުންތައް ބަލައިނުގަންނަ އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އިލެކްޝަންގެ އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ޕީޕީއެމްއިން ދެކެ އެވެ.