ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމްއިން ބޭއްވި ހާއްސަ ކޮންގްރެސްގައި ޕީޕީއެމްގެ ދަފުތަރުގައި ނުހިމެނޭ މެންބަރުންތަކެއް ވޯޓު ލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން، އީސީއިން މިއަދު ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.
ޕީޕީއެމްގެ ހިންގުން ސިވިލް ކޯޓުގެ ހުކުމަކުން 2016 ގައި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވެ އެވެ. އަދި އެ ހުކުމްގައި ގައުމީ ޖަލްސާއެއް ރައީސް ޔާމީންގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް އެ ޕާޓީއިން ގައުމީ ޖަލްސާއެއް ބޭއްވީ އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އެ ގައުމީ ޖަލްސާގައި ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު އިންތިހާބުކޮށް ކައުންސިލް ވެސް އަލުން އެކުލަވާލާފައިވެ އެވެ. ނަމަވެސް އެ ޖަލްސާގެ ނިންމުންތައް ބަލައިނުގަންނަ އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އިލެކްޝަން ކޮމިޝަންގެ އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅަން ޕީޕީއެމްއިން ހައިކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.
އެ މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ޕީޕީއެމްގެ ވަކީލް އަބްދުﷲ ޝިޔާޒު ވަނީ އިލެކްޝަން ކޮމިޝަންގެ އެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ޕީޕީއެމްއިން ކޮންގްރެސް ބޭއްވީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީގެ އަސާސީ ގަވައިދާއި އެ ގަވައިދުގެ ދަށުން ހަދާފައިވާ އިންތިހާބުތައް ކުރިއަށް ގެންދާނެ ގޮތުގެ ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން އިލެކްޝަން ކޮމިޝަނަށް އަންގަންޖެހޭ ކަންކަން އެންގުމަށްފަހު ކަމަށެވެ. އަދި ކޮންގްރެސް އޮބްޒާވްކުރުމަށް ވެސް އިލެކްޝަން ކޮމިޝަނަށް ފުރުސަތުދީފައިވާކަން ފާހަގަ ކުރައްވައި ޝިޔާޒު ވިދާޅުވީ އޮބްޒާވަރުން ކޮންގްރެސްގެ އެއްވެސް ކަމަކަށް އިންކާރުކޮށްފައިނުވާ ކަމަށެވެ.
ދައުވާއަށް ޖަވާބުދާރީވަމުން އިލެކްޝަން ކޮމިޝަންގެ ވަކީލް ރިފްއަތު އަބްދުﷲ ވިދާޅުވީ ކޮންގްރެސްގެ ކުރިން ޕީޕީއެމްއިން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ އިންތިހާބުތައް ކުރިއަށް ގެންދާނެ ގޮތުގެ ގަވައިދުގެ ހަތަރު މާއްދާއެއް އުނިކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން އާންމުކޮށް އިއުލާންކޮށްފައި ނެތް ކަމަށެވެ. އަދި، އެ ކައުންސިލް ބައްދަލުވުމުގެ ޔައުމިއްޔާ މިހާތަނަށް ވެސް އިލެކްޝަން ކޮމިޝަނަށް ލިބިފައިނުވާ ކަމަށެވެ. އެ ބައްދަލުވުމުގެ ޔައުމިއްޔާ ކަމަށް ބުނެ ފޮނުވާފައިވަނީ 2016 ވަނަ އަހަރު ބޭއްވި ކައުންސިލް ބައްދަލުވުމެއްގެ ޔައުމިއްޔާކަން ރިފްއަތު ފާހަގަކުރެއްވި އެވެ.
ރިފްއަތު ވިދާޅުވި ގޮތުގައި، ކޮންގްރެސްގައި ނިންމި ނިންމުންތަކާއި އަސާސީ ގަވައިދުގެ ބައެއް މާއްދާތަކަށް ފުށުއަރަ އެވެ. އެގޮތުން އަސާސީ ގަވައިދުގެ އެކި މާއްދާތަކުގައި ނައިބު ރައީސުންގެ އަދަދު ތަފާތުކަން ފާހަގަކުރެއްވި އެވެ. އަދި، ޕީޕީއެމްއިން ކޮށްފައިވާ އިއުލާންގައިވާ ގޮތުން އިންތިހާބު ކުރާނީ ތިން ނައިބު ރައީިސުން ކަމަށް އޮތް ނަމަވެސް ކޮންގްރެސްގެ ޔައުމިއްޔާ ފޮނުވިއިރު އިންތިހާބުކޮށްފައިވަނީ ހަތަރު ނައިބު ރައީސުންކަން ރިފްއަތު ފާހަގަކުރެއްވި އެވެ.
ކޮންގްރެސްގެ ޔައުމިއްޔާ ފޮނުވިއިރު ބައެއް މައުލޫމާތުތައް ނުހިމެނޭކަން ވެސް ރިފްއަތު ފާހަގަކުރެއްވި އެވެ. އެހެންވެ އެ މައުލޫމާތުތައް އަލުން ފޮނުވުމަށް ޕީޕީއެމްއަށް އެންގި ކަމަށެވެ. ރިފްއަތު ވިދާޅުވީ ޕީޕީއެމްއިން އެ އެންގުމާ ގުޅިގެން ފޮނުވީ އިއުލާނެއްގެ ކޮޕީއެއް ކަމަށާއި ނަމަވެސް އެ އިއުލާނަކީ އެ ޕާޓީއިން ކުރިން އާންމުކޮށްފައިވާ އިއުލާނެއް ނޫން ކަމަށެވެ. އެއީ ކުއްލި ކައުންސިލް ބައްދަލުވުމުގައި އިންތިހާބުތައް ކުރިއަށް ގެންދިޔުމާ ބެހޭ ގަވައިދުގެ ހަތަރު މާއްދާ އުނިކޮށްފައިވާ ކަމަށް ބުނާ އިއުލާނެކެވެ.
ރިފްއަތު ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވި މަންދޫބުންގެ މައުލޫމާތު ފޮނުވިއިރު 49 މީހެއްގެ ހަމައެކަނި ނަން ފޮނުވާފައިވާ ކަމަށެވެ. އެމީހުންގެ އެޑްރެހެއް ޖިންސެއް އުމުރެއް ނެތް ކަމަށެވެ. އެއީ ދިވެހިން ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފުނުވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ. ދެން ބައިވެރިވި 129 މަންދޫބުންގެ މައުލޫމާތުތައް ފޮނުވާފައިވާއިރު އޭގެ ތެރޭގައި އެހެން ޕާޓީތަކުގެ ދަފްތަރުގައި ނަން ހިމެނޭ މީހުން ތިބި ކަމަށެވެ.
އެގޮތުން ޑީއާރްޕީ، އެމްޑީއޭ، އަދާލަތު ޕާޓީ، ޕީއޭ، ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ މެންބަރުންތަކެއް ކޮންގްރެސްގެ މަންދޫބުންގެ ގޮތުގައި ބައިވެރިވިކަން ފާހަގަކުރެވިފައިވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވީ ޕާޓީގެ އިންތިހާބުތައް ކުރިއަށް ގެންދިޔުމުގެ ގަވައިދުގައިވާ ގޮތުން ވޯޓުލުން ކުރިއަށް ގެންދަންޖެހޭނީ ބޫތެއް ބަހައްޓައިގެން ވޯޓުލާ ގޮތަށް ކަމަށެވެ. ނަމަވެސް ކޮންގްރެސްގައި ޔައުމިއްޔާގައިވާ ގޮތުން ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ކޮންމެ މަންދޫބެއްގެ ކައިރިއަށް ވޯޓު ފޮށި ގެންގޮސްގެންކަން އެނގޭ ކަމަށާއި އެއީ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމަށެވެ. އެކަން އިލެކްޝަން ކޮމިޝަންގެ އޮބްޒާވަރުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންވެ، އިލެކްޝަން ކޮމިޝަނުން އެދުނީ ޕީޕީއެމްގެ ކޮންގްރެސް ބާތިލް ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.
އިލެކްޝަން ކޮމިޝަންގެ ވާހަކަތަކަށް ރައްދު ދޭން ޕީޕީއެމްއަށް ފުރުސަތު ދިނެވެ. ނަމަވެސް ޕީޕީއެމްއިން އެދުނީ އިތުރު ދުވަހަކަށް އަޑުއެހުން ތާވަލުކޮށްދީ، ތައްޔާރުވުމަށް ވަގުތު ދިނުމަށެވެ. މައްސަލަ ބައްލަވާ ބެންޗްގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ އެ ފުރުސަތު ދެއްވާފަ އެވެ. ވިދާޅުވީ އެންމެ ގިނަވަގެން ވެސް ދެވޭނީ ތިން ދުވަސް ކަމަށާއި ވަރަށް އަވަހަށް އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. ބެންޗްގައި ދެން ތިއްބަވަނީ ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ.
ޕީޕީއެމްގެ ރައީސްއަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅަން ހައިކޯޓަށް ހުށަހަޅާފައިވާއިރު، ޕީޕީއެމްގެ އާންމު ދެ މެންބަރަކު ވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ އިންތިހާބީ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކުރުމަށް އެދި ސިވިލް ކޯޓަށް ދެ މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ލިބިފައިވާ ޝަކުވާތަކަކާ ގުޅިގެން އެ ކޯޓުން ވަނީ އެ ދެ މައްސަލާގެ ފައިލް ނަގާފަ އެވެ.