ޕީޕީއެމްގެ ހިންގުން ވަގުތީ ގޮތުން އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ލިބޭ ގޮތަށް ސިވިލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހުށަހަޅުއްވައިފި އެވެ.
ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރަށް ހަވާލު ކުރަން އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް މައުމޫން ސިވިލް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލަ އެ ޕާޓީގެ އަމިއްލަ މެންބަރެއް ކަމަށްވާ އައްބާސް ވާފިރު ވަނީ އިސްތިއުނާފު ކޮށްފަ އެވެ. އަދި އެ މައްސަލާގެ އަޑުއެހުންތައް ވެސް މިއަދު ވަނީ ފަށާފަ އެވެ.
މައުމޫން ހުށަހެޅި މައްސަލަ އަދި ހައިކޯޓުން ބަަލައިގެންފައެއް ނުވެ އެވެ.
އައްބާސް އިސްތިއުނާފުކުރި މައްސަލާގެ ތެރެއަށް މައުމޫން ތަދުއްހުލްވެވަޑައިގެންފައިވާއިރު އެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގެ މައުމޫންގެ ވަކީލް އަހުމަދު މުއިއްޒު ވިދާޅުވީ، މައުމޫން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަަލައިގަނެ، މައްސަލާގައި ގޮތެއް ކަނޑައަޅެންދެން އައްބާސް ހުށަހެޅި މައްސަލާގައި ހުކުމެއް ނުކުރުމަށް ވެސް އެދިވަޑައިގަތެވެ.
މުއިއްޒު ވަނީ އެ މައްސަލަ އައްބާސް ހުށަހެޅީ ކޮން ހައިސިއްޔަތާމެދުތޯ ސުވާލު އުފައްދާފަ އެވެ. އަދި، އޭނާގެ ނިޔަތާ މެދު ވެސް ސުވާލު އުފައްދާފަ އެވެ.
މައްސަލަ އިސްތިއުނާފުކުރި ފަރާތުގެ ހައިސިއްޔަތާ ގުޅޭ ގޮތުން މައުމޫން ނެންގެވި ނުކުތާއަށް ޖަވާބު ދެއްވަމުން އައްބާސްގެ ވަކީލް އާދަމް އާސިފް ވިދާޅުވީ، އައްބާސަކީ ޕީޕީއެމްގެ މާފުށީ ގޮފީގެ ރައީސް ކަމަށެވެ. އަދި އާންމު މެންބަރެއްގެ ހައިސިއްޔަތުން މައްސަލަ އިސްތިއުނާފު ކުރުމުގެ ހައިސިއްޔަތު އެބަ އޮތް ކަމަށެވެ.
ފަނޑިޔާރު ވެސް ވަނީ އެ މައްސަލަ ހުށަހަޅައި، ކުރިއަށް ގެންދަނީ ގަވައިދާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ. އަދި މައްސަލަ އިސްތިއުނާފު ކުރުމުގެ ހައިސިއްޔަތު އައްބާސް އެބަ އޮތް ކަމަށް ވިދާޅުވެފަ އެވެ.