ޕީޕީއެމް

މެންބަރު އިލްހާމްގެ ދެކަނބަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުގައި މިހާތަނަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި އޭނާގެ އަނބިކަނބަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.

އިލްހާމް މިރޭ ޕީޕީއެމާ ގުޅިވަޑައިގެންނެވީ ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވައިގެނެވެ. ސޮއި ކުރެއްވީ ވެސް ރައީސް ޔާމީންގެ ފެކްޝަނުން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި ރައީސް ޔާމީންގެ ހާޒިރުގަ އެވެ.

އިލްހާމަކީ ޑީއާރްޕީގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާ އަދި ފަހުން ޕީޕީއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރި ވަޑައިގެން ޕީޕީއެމް އުފެއްދުމަށްފަހު އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފަހުން ޖޭޕީގައި ހުންނެވި އިރު ވެސް ރައީސް ޔާމީނުގެ ސަރުކާރުގެ ސިޔާސަތުތަކަށް ގެންދެވީ ތާއީދު ކުރައްވަމުންނެވެ.

ޕީޕީއެމްއަށް ސޮއިކުރެއްވުމަށްފަހު އިލްހާމް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުންތަކުން ފެންނަނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ތަން ކަމަށެވެ. ރައީސް ޔާމީން ގެންދަވަނީ ބޮޑެތި ތަރައްގީތަކާއި ގައުމަށް މުހިންމު ބޮޑެތި ނިންމުންތައް ނިންމަވަމުން ކަމަށެވެ.

"އަޅުގަނޑު ރައީސް ޔާމީނަށް ދަންނަވަން އޮތީ އިހުލާސްތެރިކަމާއެކު މަސައްކަތްކުރައްވާނަމޭ، ގާސިމަށް އަޅުގަނޑު ދަންނަވަން އޮތީ މަނިކުފާނަށް އެންމެ ބޭނުންވި ވަގުތު އަޅުގަނޑު މަސައްކަތްކޮށްދެއްވީމޭ، އަޅުގަނޑު ވާޖިބު އަދާކުރީމޭ، އެކަމަކު މިހާރު ގައުމަށްޓަކައި އަޅުގަނޑަށް އޮތް ވާޖިބު މާބޮޑު، މާބޮޑު،" އިލްހާމް ވިދާޅުވި އެވެ.