ބޮލީވުޑް

ފިލްމީ ދާއިރާއަށް ނެރެދިން ޕްރޮޑިއުސަރަށް އަކްޝޭ އެހީވެއްޖެ

Oct 21, 2016

ބޮލީވުޑްގެ ގިނަ ތަރިންނަކީ އެކި އަމިއްލަ ނަމުގައި އެކި އެންޖީއޯތައް އުފައްދައިގެން އެކި ކަހަލަ ކަންތައްތަކަށް އެހީދެމުން އަންނަ ތަރިންނެވެ. އަމިއްލަ ގޮތުން ވެސް ގިނަ ތަރިންނެއް އެކި ކަހަލަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، މިތަރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭނެ އެކަކަށް އަކްޝޭ ކުމާރު ވާނެ އެވެ.

އަކްޝޭގެ ދީލަތި އެހީ އެކި އެހީތަކަށް ބޭނުންވެފައިވާ ފަރާތްތަކަށް އަބަދުވެސް ދެމުން އަންނައިރު އޭނާ ބޮލީވުޑަށް ނިކުތުމަށް އެންމެ ހާލުގައި އުޅުނު ދުވަސްވަރު ފިލްމަކުން ފުރުސަތު ދިން ޕްރޮޑިއުސަރު ރަވީ ޝްރިވާސްތަވަގެ ފެއިލް ވެފައިވާ ކިޑްނީ ބަދަލުކުރުމަށް ފައިސާގެ އެހީ ދޭން އަކްޝޭ ވަނީ ނިންމާފަ އެވެ.

އުމުރުން ގިނަ ދުވަސްވެ ރަވީގެ ކިޑްނީ ފެއިލްވެފައިވާ ކަމުގެ ހަބަރު އަކްޝޭ އަށް އެނގިފައިވަނީ އޭނާ "ޖޯލީ އެލް އެލްބީ 2" ގެ ޝޫޓިންގައި ހަރަކާތްތެރިވަމުން އަންނަނިކޮށެވެ.

އަކްޝޭ ބޮލީވުޑަށް ނިކުތުމަށް އެންމެ ފިލްމަކުން މަސައްކަތެއް ލިބޭތޯ ބަލަމުން އައި ދުވަސްވަރު އޭނާ އާއި ރަވީ ދިމާވެގެން ވަނީ އަކްޝޭ އަށް "ދްވަރްޕާލް" ކިޔާ ފިލްމަކުން ފުރުސަތު ދީފަ އެވެ. އެކި ސަބަބުތަކާ ހުރެ އެފިލްމުގެ ޝޫޓިން ނުނިމުގެ ސަބަބުން ރިލީޒްވެފައިނުވާއިރު، ރަވީ އަލުން އަކްޝޭ އަށް ހޯދައިދިން ފުރުސަތަކުން އޭނާ "ސައުގަންދް" އިން 1991 ގައި ބޮލީވުޑަށް ވަނީ ތައާރަފުވެފަ އެވެ.

ދުއިސައްތަ ފަންސާހެއްހާ ފިލްމު ޕްރޮޑިއުސްކޮށްފައިވާ ރަވީ އަކީ އޭނާގެ މަޝްހުރު ދުވަސްވަރު ގިނަ އެކްޓަރުންތަކަކާ ގާތް ގުޅުމެއް އޮތް މީހެކެވެ. ނަމަވެސް އުމުރުން ދުވަސްވެ އޭނާގެ ހާލަތު ވަރަށް ގޯސްކަމަށްވާއިރު ދިރިއުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށްވެ އެވެ. އަތުގައި އެންމެ ފައިސާއެއް ވެސް ކަމަށްވެ އެވެ.

އަޅާލާނެ މީހަކު ނެތި ރަވީ ހާލުގައި ޖެހިފައިވާއިރު އޭނާ ދިރިއުޅެމުން ދަނީ އެކަނި މާ އެކަންޏެވެ. އަންހެނުން މަރުވެފައިވާއިރު، އަންހެން ދަރިފުޅު ކައިވެނިކޮށްގެން ދިރިއުޅެނީ އޭނާގެ ފިރިމީހާ އާއެކު ކަމަށް ނޫސްތަކުގައިވެ އެވެ.

ޓްވިޓާގައި އަކްޝޭ ފޮލޯކުރާ މީހަކު ރަވީ ވަރަށް ހާލުގައި އުޅެމުން އަންނަ ކަމަށް ލިޔެފައިވާ ހަބަރެއް އޭނާ ޓެގްކޮށް ޓްވީޓްކުރުމުން ވަނީ އޭނާގެ ޓީމުން ރަވީއާ ބައްދަލުވެއްޖެ ކަމަށާއި އަދި އޭނާގެ ހާލު ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި އަކްޝޭ ވަނީ ރަވީގެ ކިޑްނީ ޓްރާންސްޕްލާންޓްކުރުމަށް ގާތް ގަނޑަކަށް 15-17 ލައްކަ ރުޕީޒް ހަރަދުވާނެ ކަމަށް ވެސް ބުނެފަ އެވެ.

ބައެއް ނޫސްތަކަށް ރަވީ ދީފައިވާ އިންޓަވިއުއްގައި ވަނީ އޭނާ އަކްޝޭ އަށް ގުޅަން މަސައްކަތްކުރި ކަމަށާއި ނަމަވެސް އޭނާ އާ ވާހަކަދެއްކޭ ގޮތް ވެފައިނުވާ ކަމަށެވެ. އަދި އާޓިސްޓް ޔޫނިއަންގެ އިތުރުން އިންޑިއަން މޯޝަން ޕިކްޗާ ޕްރޮޑިއުސާ އެސޯސިއޭޝަން އަށް ވެސް އޭނާގެ ހާލަތު އަންގަން ގުޅަން މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ.

ގިނަ ފިލްމުތަކެއް އުފެއްދުމުގެ އިތުރުން ރަވީ ވަނީ ސަލްމާން ޚާންގެ "ބީވީ ހޯތޯ އެސޭ" އާއި "ތޭރީ މެހެރްބާނިޔާ" އާއި "ހުކުމަތް" އަދި "ތެހެލްކާ" ފަދަ ފިލްމުތަކުގެ ޕޯސްޓަރުވެސް ޑިޒައިންކޮށްފަ އެވެ.