ހަބަރު

ގައްސާނަކީ ސިޔާސީ ކުރިމަގު އޮތް ބޭފުޅެއް: ރައީސް

Oct 20, 2016
8
  • ގައްސާން ރައްޔިތުންގެ މަޖިލީހަށް ހޮވަައިދެނީ
  • ގައްސާންއަށް ގޮނޑި ހޯދަން ބުރަ މަސައްކަތް ކުރެއްވި
  • ގައްސާންއަށް ކާމިޔާބު ނުވުމަކީ ހިތާމައެއް ކަމަށް ވިދާޅުވި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ގައްސާން މައުމޫން އަކީ ސިޔާސީ ގޮތުން އުޖާލާ މުސްތަގުބަލެއް އޮތް ބޭފުޅެއް ކަމަށާއި ރައްޔިތުން މަޖިލީހުގެ އަންނަ އިންތިހާބުގައި ގައްސާން ރައްޔިތުން މަޖިލީހުގެ ގޮޑިއަކަށް އިންތިހާބު ކުރާނެ ކަމަށް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ގައްސާން އިންނެވި އެ ޖަލްސާގައި، ރައީސް ޔާމީންއަށް ބޮޑުބޭބެ ވިދާޅުވާ ގައްސާނާ ގުޅޭ ގޮތުން ވިދާޅުވީ، މީގެ ކުރިން ގައްސާން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް ގޮޑިއަށް ކުރިމަތިލައްވައިގެން ކެމްޕެއިން ކުރައްވަމުން ދިޔައިރު، އެމަނިކުފާނަށް ތާއީދު ކުރާ ތިއްބެވީ ޕީޕީއެމްގެ ވަރަށް މަދު ބޭފުޅެއް ކަމަށާއި އެހެން ނަމަވެސް އެކަމަށް ފަރުވާލެއް ނުބަހައްޓައި ސީދާ ތިމަރަފުއްޓަށް ވަޑައިގެން ގައްސާން ހޮވުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކޮށްދެއްވި ކަމަށެވެ.

އެހެން ނަމަވެސް ތިމަރަފުށީ ދާއިރާގެ މިހާރުގެ މެންބަރު އަދި އޭރުވެސް ގައްސާނާ ވާދަވެރި ކެންޑިޑޭޓެއްގެ ގޮތުގައި ހުންނެވި މުހައްމަދު މުސްތޮފާގެ ފަރާތުން ކުރިމަތިވަމުން އައި އުނދަގޫތަކާ އެކު ގައްސާން އަށް އެ ގޮނޑި ކާމިޔާބު ނުކުރެވުމުން އެކަމުގައި އެންމެ ބޮޑު ހިތާމައެއް ކުރިމަތިވީ ހުދު އެމަނިކުފާނަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ގައްސާން ހޮވަން ވެސް އަޅުގަނޑުމެން މަސައްކަތް ކުރީ އަޅުގަނޑުމެންނަށް ލިބޭ ޝަރަފަކަށް ވެގެން، އަޅުގަނޑުމެންނަށް ލިބުނު ޝަރަުފުވެރި ގޮނޑިއަކަށް ވެގެން ދިޔައީސް ގައްސާންއަށް އެގޮނޑި ކާމިޔާބު ކުރެވުނު ނަމަ، އަޅުގަނޑު މިހާރު ވެސް އުންމީދު ކުރަނީ ގައްސާން އަކީ އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ މުސްތަގުބަލެއް އޮތް ކުއްޖެކޭ. އިރާދަކުރެއްވިޔާ މި އަންނަ އިންތިހާބުގައި ކޮންމެވެސް ރަނގަޅު ދާއިރާއަކުން ގައްސާން ރައްޔިތުުން މަޖިލީހަށް އެތެރެ ކުރާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގައްސާންއާ މެދު އިހާނެތިކޮށް ކަންތައްތައް ހިނގަމުން ދިޔައިރު، ކެރިގެން ތިމަރަފުއްޓަށް ވަޑައިގެން ކަމަށާއި މުސްތޮފާގެ ފަރާތުން ކުރިމަތިވި އުނދަގޫތަކާ ހެދި 17 ގަނޑިއިރު ކަނޑުމަތީގައި ގައްސާންއާ އެކު ތިއްބަވަން ޖެހުނު ކަމަށެވެ. އެހެން ނަމަވެސް އެ ހުރިހާ ކަމެއް ކުރެއްވި މުސްތޮފާ އެ ހުންނެވީ ޕީޕީއެމްގެ ހިޔާވަހިކަމުގައި ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެއީ ޑިމޮކްރަސީގެ ރީތިކަން ކަމަށެވެ. ގައްސާންއަށް އެ ގޮނޑި ކާމިޔާބު ކުރެވުނު ނަމަ ޕީޕީއެމްއަށް އެކަމުން މާބޮޑަށް ފައިދާ ކުރީސް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް މައުމޫންގެ އާއިލީ ބޭފުޅުންގެ ތެރެއިން ގައްސާން ނޫން އެހެން ބޭފުޅުން ތިއްބެވީ ރައީސް މައުމޫންއާ އެކު އެވެ. އެހެން ނަމަވެސް ގައްސާން އަންނަނީ ރައީސް ޔާމީން ރިޔާސަތު ބަލަހައްޓަވާ ކައުންސިލް ބައްދަލުވުންތަކުގައި ބައިވެރިވެ ވޯޓު ދެއްވަމުންނެވެ. މީގެ އިތުރަށް ބައްޕާފުޅު މައުމޫންގެ ކައުންސިލަށް ވެސް ގައްސާން ވަޑައިގެން ބައިވެރިވެ އެވެ. އެހެން ނަމަވެސް އެ ކައުންސިލްގައި ގައްސާން ވޯޓުލައްވާ ގޮތެއް ސާފެއް ނުވެ އެވެ.

ރައީސް ވިދާޅުވީ ކޮންމެ މެންބަރަކު ވެސް ޕާޓީއަށް ހިދުމަތް ކޮށްދިނުމަކީ ފަހުރެއް ކަމަށް ދެކެން ޖެހޭނެ ކަމަށާއި އެފަދަ ޓީމެއް އެމަނިކުފާނާ އެކު އޮތް ކަމަށެވެ. އަދި ޕާޓީގެ ތެރޭގައި މިހާރު އުޅޭ މައްސަލަތަކާ ހެދި އެއްވެސް މެންބަރަކު ކަންބޮޑުވުވުމަށާއި އެ ކަންކަމުން ޕާޓީ ސަލާމަތްކޮށް އަމާން އައްސޭރިއަކަށް ގެންދިޔުމުގެ ހިތްވަރާއި ތަނަވަސްކަން އެމަނިކުފާނާއި ޓީމްގައި އެބަ އޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނާ މެދު ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ވިދާޅުވީ އެބޭފުޅުން ކުރައްވާ އެއްވެސް ތުހުމަތެއްގައި ހަގީގަތެއް ނެތް ކަމަށާއި އެއީ ހުސްއަސްލެއް ނެތް ވާހަކަ ކަމަށެވެ.