އިންޑިއާ

"އާ ވިސްނުމަކުން ދިވެހި އިންޑިއާ އެޕްރޯޗް ކުރަންޖެހޭ"

އިންޑިއާކީ ރާއްޖޭގެ ގާތް އެކުވެރިއެކެވެ. މި ސަރަހައްދުގެ އެންމެ ބޮޑު ބާރެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނާ ވެސް ވަނީ ވަރަށް އާދަޔާހިލާފު ބޭފުޅަކަށެވެ. މިހާރު އެ މަގާމުގައި ހުންނެވި އާކިލޭޝް މިޝްރާ އަކީ ވެސް އާދައިގެ ބޭފުޅެއް ނޫނެވެ. ދިވެހިންނާއި ގުޅުން ބޭއްވުމަށް އިސްކަންދެއްވާ ބޭފުޅެކެވެ.

ދިވެހި ބަހަށް ލޯބި ކުރައްވާ ވަރަށް ސާދާ އަދި ސަމާސާވެސް ބޭފުޅެކެވެ. ނޫސްވެރިންނާ ރަހުމަތްތެރި ވެސް ބޭފުޅެކެވެ. އޭނާ ވަނީ މިދިއަ ހަފުތާގައި އަވަސްގެ އިނގިރޭސި ޑެސްކުގެ ރުޝްދާ ރަޝީދާއި ޖައިލަމް މުހައްމަދު ހައިކޮމިޝަނަށް ޒިޔާރަތް ކުރުމުން ދިވެހި ބަހުން މަރުހަބާ ކިޔައި އަވަސް އަށް އިންޓަވިއުއެއް ވެސް ދެއްވާފަ އެވެ. ތިރީގައި އެވަނީ އެ އިންޓަވިއުގެ ބައެއް ސުވާލުތަކާއި އާކިލޭޝް މިޝްރާ ދެއްވި ބައެއް ޖަވާބެވެ.

ރާއްޖެއަށް ކަނޑައަޅުއްވާ އިންޑިއާގެ ހައި ކޮމިޝަނާގެ މަގާމަށް އައްޔަން ކުރެއްވުމުން އެންމެ ފުރަތަމަ ކުރެއްވުނީ ކޮންކަހަލަ އިހްސާސްތަކެއްތޯ؟ މިހާތަނަށް މި މަގާމު ފެނުނީ ވަރަށް ހޫނުކޮށް ނޫންތޯ؟

އައްސަލާމު އަަލައިކުމް އަދި މަރުހަބާ! އެންމެ ފުރަތަމަވެސް ދިވެހިންނާއި އިތުރަށް ގުޅުމަށް ތިޔަ ދިން ފުރުސަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!
ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަގާމަށް އައްޔަންކުރުމުން އަޅުގަނޑަށް ލިބިގެންދިޔައީ ވަރަށް ވެސް ބޮޑު އުފަލެއް. ރާއްޖެއަކީ އަކީ ވަރަށް މުހިއްމު ގައުމެއް. ޓޮރޮންޓޯގެ ކޮންސަލް ޖެނެރަލްގެ މަގާމުގައި ހުރުމުގެ ކުރިން، އަޅުގަނޑު ތިން ގައުމެއްގައި މަސައްކަތްކުރިން މިޝަންގެ ޑެޕިއުޓީ ހެޑްގެ ގޮތުގައި. މަގާމުގެ ކުރިއެރުން ލިބުނީ ރާއްޖެއަށް ވަޒީފާ ބަދަލު ކުރުމުން. ރާއްޖެއަށް އައުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑު ރާއްޖެއަށް އައިން 2011 ވަނަ އަހަރު ސާކް ސަމިޓަށް، އޭރު ވެސް ރާއްޖޭގެ ތަފާތު ރީތިކަމާއި ދިވެހިންގެ ހިތްހެޔޮކަމާއި އަޅާލުމާއި މެހުމާންދާރީ އޮތީ އަޅުގަނޑަށް ތަޖުރިބާ ކުރެވިފައި.

މަގާމުގައި މިވީ ދުވަސްކޮޅުގެ ތެރޭގައި ދިވެހިންނާއި ދިވެހި މީޑިއާއެކު ވަރަށް ރަނގަޅު ގުޅުމެއް މަނިކުފާނު ވަނީ އުފައްދާފައި، ރާއްޖެ ސިފަ ކުރަނީ ކިހިނެއް؟

ތެދު ވާހަކައެއް. އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނަށް ދިވެހިން ކީ މަރުހަބާ އާއި އަދާކުރި އިހްތިރާމަށް ޝުކުރުވެރިވަން. ރާއްޖޭގެ ހއ. އިން އައްޑޫއަށް ކުރި ދަތުރުތަކުން ވެސް ދިވެހިންގެ ހިތްހެޔޮކަމާއި އަޅާލުމާއި ހޮސްޕިޓާލިޓީ ފެނިގެންދިޔަ. އިންޑިއާ އާއި ދިވެހި ރައްޔިތުންގެ މެދުގައި އޮތް ގުޅުމަކީ ސަގާފީ، ރޫހާނީ ގުޅުމެއް. މިހާތަނަށް ރާއްޖޭގައި ހޭދަކުރި ދުވަސްތަކަކީ ވަރަށްވެސް އުފާވެރި، ހިތްހަމަޖެހޭ އަދި ހަނދާނުން ފިލުވާލަން އުނދަގޫވާނޭ ދުވަސްތަކެއް. އެކަމަށް ދިވެހިރާއްޖެ އާއި ދިވެހި ރައްޔިތުންނަށް ވަރަށްވެސް ބޮޑަށް ޝުކުރު އަދާކުރަން. ހުރިހާ އެންމެންނަށް ވަރަށްވެސް ބޮޑަށް ޝުކުރިއްޔާ. ދަރުމަ ހުރި!

އިންޑިއާ ހައިކޮމިޝަނުން ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކަކީ ކޮބާ؟

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އެތަށް ގޮތަކުން ގުޅިފައިވާ ގުޅުމެއް. ދެ ސަރުކާރުގެ މެދުގައި ގާއިމްކޮށްފައިވާ ޑިޕްލޮމެޓިކް ގުޅުމުގެ އިތުރަށް ދެގައުމުގެ ރައްޔިތުންގެ މެދުގައި ވެސް ގުޅުންތަކެއް ގާއިމްވެފައިވޭ. އިންޑިއާ އިން މިހާރު އެހީތެރިވަމުންދަނީ ދިފާއި ދާއިރާއިންނާއި ކެޕޭސިޓީ ބިލްޑިން، ތައުލީމާއި ތަމްރީންގެ އިތުރުން ސަގާފީ އަދި ޔޫތް އެކްސްޗޭންގ ޕްރޮގްރާމްތައް. ކޮންމެ އަހަރަކުވެސް އިންޑިއާ އިން ރާއްޖެއަށް 270 އާއި 275 އާ ގާތަށް ތަމްރީނާއި ތައުލީމްގެ ފުރުސަތުތައް ފޯރުކޮށްދެވޭ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. މާފިލާފުށީގެ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިން ސެންޓަރު މިހާރު ވަނީ ނިމިފަ. ކޯސްޓަލް ރާޑާ ސިސްޓަމްގެ މަސައްކަތް ވަރަށް އަވަަހަށް ފެށޭނެ. ޑިފެންސް މިނިސްޓްރީގެ އާ އިމާރާތާއި އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށްވެސް އުންމީދު ކުރަން.

މަނިކުފާނުގެ ދައުރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރަން ކުރިއަށް ގެންދާނެ ގޮތްތަކަކީ ކޮބައިތޯ؟

ދެގައުމުގެ މެދުގައި އޮތް ގުޅުމަކީ ވަރަށްވެސް ތާރީހީ ގުޅުމެއް. ހަަމައެކަނި ރަސްމީ، ޑިޕްލޮމެޓިކް ގުޅުންތަކުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ނޫން އެއީއަކީ. އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަކީ މި ގުޅުން އިތުރަށް ހަރުދަނާކުރުން. އަޅުގަނޑު މިހާރު ކުރަމުންދާ މަސައްކަތްތަކީ ދެގައުމަށް ވެސް ފައިދާ ހުރި ގުޅުންތައް ތަރައްގީ ކުރުމަށް އާ ވިސްނުންތަކެއް ތައާރަފް ކުރުން. ހާއްސަކޮށް، ވިޔަފާރި އާއި ތައުލީމް، ސިއްހީ ހިދުމަތާއި ޓޫރިޒަމާއި ސަގާފަތް، މުނިފޫހިފިލުވުން، އައިޓީ އަދި އިނޮވޭޝަންގެ ދާއިރާއިން. މީގައި އެންމެ ފައިދާ ބޮޑުވާނީ ދިވެހިންނަށް ބޭނުންޖެހިފައިވާ ދާއިރާތަކުން މަސައްކަތްކުރަން ފެށުމުން. އޭރުން ދިވެހިންގެ ތެރޭގައި ވަޒީފާގެ ފުރުސަތުތައް ގިނަވެ ދިވެހިން ބާރުވެރިވާނީ. އަޅުގަނޑު ގޮވާލަން އާ ވިސްނުންތަކާއެކު އަޅުގަނޑުމެންނަށް އެޕްރޯޗް ކުރަން، ހާއްސަކޮށް ރާއްޖޭގެ ޕްރައިވެޓް ސެކްޓަރަށް. ރާއްޖޭގެ ކޮންމެ ސަރަހައްދަކުން އަޅުގަނޑަށް ފެނިގެންދިޔައީ އިގްތިސާދީ ތަރައްގީގެ ދުވެލި، ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީ، ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަރައްގީ، ދިވެހި ޒުވާނުންގެ ކްރިއޭޓިވިޓީ އާ ޓެލެންޓް. ދިވެހިންނާއި ގުޅިގެން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އެތައް ފުރުސަތުތަކެއް އަޅުގަނޑަށް ފެނިގެންދޭ،

ބައެއް ފަރާތްތަކުން ބުނޭ ރާއްޖެ އާއި އިންޑިއާގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހީނަރުވެފައިވާ ކަމަށް. ގަބޫލުފުޅު ކުރައްވަންތޯ؟

ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ތާރީހީ، ސަގާފީ، ރޫހާނީ ގުޅުމެއް، އެތަށް އަހަރުތަކެއް ވެފައިވާ ގުޅުމެއް. ދެގައުމުގެ އިންޓްރެސްޓްސްތަކުގެ އެއްވެސް އިޝޫއެއް ނެތް. ދެ ގައުމުގެ ސަލާމަތާއި ސެކިއުރިޓީ އަކީ ގުޅިފައިވާ ކަންކަން. ދެ ގައުމުގެ ރައްޔިތުންގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އަދިވެސް ދާނީ ބަދަހިވަމުން، އިންޝާﷲ! ކޮންމެ ގުޅުމަކީވެސް އެ ގުޅުމެއް ތަރައްގީ ކުރަން މަސައްކަތް ކުރަންޖެހޭނެ ގުޅުމެއް. އެކަން އަޅުގަނޑުމެން ކުރާނަން. އެކަން ކުރާނީ އިހްތިރާމާއެކު. ދެފުށް ފެންނަ ގޮތަށް. ދެފަރާތުގެ ކަންބޮޑުވުންތަކާއި އިންޓްރެސްޓްތަކަށް އިހްތިރާމް ކުރުމާއެކު.

ބައިނަލްއަގްވާމީ ކަންކަމުގައި އިންޑިއާ އިން ރާއްޖެއާއި މެދު އަމަލުކުރާ ސްޓޭންޑްސްއަކީ ކޮބާތޯ؟

ދެގައުމުގެ މެދުގައި އޮތް ގުޅުމަށް އިންޑިއާ އިން އަބަދުވެސް އިހްތިރާމްކުރަން. ގިނަ ކަންކަމުގައި ރާއްޖެއާއެކު އަބަދުވެސް މަޝްވަރާ ކުރަމުން މިދަނީ. އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ޕޮލިސީގެ ދަށުން ރާއްޖެއަށް އަބަދުވެސް އިސްކަން ދެން. ރާއްޖޭގެ ކޮންމެ ސަރުކާރެއް ވެސް ދަނީ 'އިންޑިއާ ފަސްޓް' ޕޮލިސީ އަށް އިސްކަންދެމުން. އެކަމަށް އިންޑިއާ އިން ވަރަށް ބޮޑަށް ޝުކުރުވެރިވަން. އެހެންކަމުން، އިންޑިއާ އިން އަބަދުވެސް ރާއްޖެއަަށް ބޭނުން ޖެހިފައިވާ ކަންކަމުގައި އިސްކަންދޭނެ. ދެގައުމުގެ ރައްޔިތުންގެ ލާބައާއި އަމާންކަމާއި ސަލާމަތަށް މަސައްކަތްކުރުމަށް އަޅުގަނޑުމެން ތައްޔާރަށް ތިބޭނެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިގްތިސާދީ ބައިވަރު މަޝްރޫއުތަކެއް ފައްޓަވާފައި. މި މަޝްރޫއުތަކުން ރާއްޖެއަށް ދަސްކުރެވިދާނޭ ކަންކަމަކީ ކޮބައިތޯ؟

ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާ އަށް އާ ދިރުމެއް ގެނެސްދެއްވާފައި. އެމަނިކުފާނުގެ ވިޝަނަކީ މޮޑަން އިންޑިއާއެއް. ޓްރާންސްޕޭރަންސީ، އެކައުންޓަބިލިޓީ، އެފިޝަންސީ އަދި ޕޮލިސީ ރިފޯމްގެ މައްޗަށް ބިނާވެފައިވާ އިންޑިއާއެއް. މި އިންޑިއާ އަކީ ވިޔަފާރިކުރަން އަދި އިންވެސްޓް ކުރަން ފަސޭހަ އިންޑިއާ އަކަށް ވެގެންދާނެ. ބޮޑުވަޒީރު މޯދީގެ ލީޑަޝިޕްގެ ދަށުން އިންޑިއާ ވެގެންދާނީ އަލިގަދަ ތަރިއަކަށް، ނަމޫނާ ގައުމަކަށް.
އިންޑިއާ އާއި ރާއްޖެ އަކީ ސައިޒުން ވަރަށް ތަފާތު ދެގައުމު. އެހެންނަމަވެސް، އެއްގޮތް ކަންތައް ވަރަށް ގިނަ. ދެގައުމުގެ އިގްތިސާދު ހަލުވި ކަމާއެކު ތަރައްގީވަމުންދޭ. ޒުވާނުންނަކީ ޓެކްނޮލޮޖީ އާ ރައްޓެހި ބައެއް. ފަގީރުކަމާއި އާމްދަނީގެ ފަރަގުން އަރައިގަންނަން މަސައްކަތްކުރާ ދެގައުމު. ދެގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް އެއީ ދަތުރުފަތުރާއި ހިދުމަތް ފޯރުކޮށްދިނުމުގެ މައްސަލަ. ބޮޑުވަޒީރު މޯދީގެ ގިނަ މަޝްރޫއުތަކުން ސްކިލް ޑިވެލޮޕްމަންޓާއި، ޓެލެމެޑިސިން، ގްރީން ޓެކްނޮލޮޖީ އަކީ ރާއްޖެއަށް ބޭނުންކުރެވޭ ކަންކަން.
އިންޑިއާ ތަރައްގީވަމުން ދާވަރަކަށް ދިވެހި ވިޔަފާރިވެރިންނަށް ވެސް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ އަދި، ރާއްޖެ އަަންނަ އިންޑިއާ ޓޫރިސްޓުންގެ އަދަދު އިތުރުވެގެންދާނެ. މީގެ ކުޑަ ދުވަސްކޮޅެއްގެ ކުރިން އަޅުގަނޑަށް ފުރުސަތު ލިބިގެންދިޔަ ރާއްޖެ އައި އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔަން. ކަން ދިމާކުރި ގޮތުން އެއީ އިންޑިއާ ރައްޔިތެއް. ވަރަށް އުފާވި ރާއްޖެ އައި އިންޑިއާ ޓޫރިސްޓުންގެ އަދަދު 20 ޕަސެންޓް އިތުރުވިކަން އެނގުމުން.

އިންޑިއާ ވަނީ ޓެރަރިޒަމަށް އެއްވެސް ޖާގައެއް ނުދޭނެކަމުގެ މެސެޖެއް މުޅި ދުނިޔެއަށް ދީފަ. މީގެ ސަބަބުން މި ސަރަހައްދުގެ ޚާރިޖީ ގުޅުންތަކަށް އަސަރުކުރާނޭ ކަމަށް ދެކެވަޑައިގަންނަވަންތޯ؟

އިންޑިއާއަށް ޓެރަރިޒަމްގެ ގިނަ ހަމަލާތަކެއް ކުރިމަތިވެފައިވޭ. އެއް ގައުމެއްގެ އުސޫލުތަކެއްގެ ސަބަބުން ގެއްލުންވެފައިވަނީ ހަމައެކަނި އިންޑިއާއަކަށް ނޫން. އެތައް ގައުމަކަށް އޭގެ ގެއްލުން ކުރިމަތިވެފައިވޭ. އެގައުމުގެ އުސޫލުތަކުގެ ސަބަބުން ދެކުނު އޭޝިއާ އާއިމެދު ދެކޭގޮތް ވަނީ ބަދަލުވެފަ. ހާއްސަކޮށް މުސްލިމުންނާއި މެދު. އެހެންކަމުން ސުލްހައަށް މަސައްކަތްކުރާ އަދި ސުލްހައަށް ލޯބިކުރާ ހުރިހާ ގައުމުތަކެއް އެބަޖެހޭ ގުޅިގެން މަސައްކަތްކުރަން، މިކަން ނިމުމަކަށް ގެންނަން. މުޅި ދުނިޔެއިން ވެސް ބަލައިގަނޭ ޓެރަރިޒަމަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް. ބައިނަލްއަގްވާމީ މުޖްތަމައު ބަލައިގަންނަ ކަމެއް ނޫން ޓެރަރިސްޓުންނަށް ހިތްވަރާއި ހިމާޔަތް ދިނުން އެއީއަކީ. ޓެރަރިޒަމް ހުއްޓުވުމަށް އިންޑިއާ އާއެކު ގުޅިފައިވާ ގައުމުތައް ކުރާ މަސައްކަތް ކުރިއަށް ގެންދާނަން. މިފަދަ ކަންކަމުގައި ދިވެހި ސަރުކާރުން ވެދޭ އެހީތެރިކަމަށް ޝުކުރު އަދާކުރަން.