ވެކޭޝަންސް އެކްސްޕޯ

ލޭމް އިން ވެކޭޝަންސް އެކްސްޕޯ އެންޑޯޒްކޮށްފި

Oct 22, 2016
  • އެކްސްޕޯ އޮތީ ޖުލައި މަހު
  • މި އަހަރު 35 ބައިވެރިން
  • އަންނަ އަހަރު އިތުރު ވާނެ

އަންނަ އަހަރުގެ ޖުލައި މަހު ބާއްވާ "ވެކޭޝަންސް އެކްސްޕޯ 2017" ފެއާ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން އެންޑޯޒްކޮށްފި އެވެ.

ލޭމްގެ ސެކްރެޓަރީ ޖެނެރަލް އިގްނާޒް އަލީ ވިދާޅުވީ "ވެކޭޝަންސް އެކްސްޕޯއަކީ ރާއްޖޭގައި ބޭއްވި ފުރަތަމަ ޓްރެވަލް ފެއާ ކަމަށާއި، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފެއާ ވެސް ކާމިޔާބީއަށް އެދޭ ކަމަށެވެ.

ނޭޝަނަލް އާޓްގެލަރީގައި މި މި އަހަރު ބޭއްވި ފުރަތަމަ ވެކޭޝަންސް އެކްސްޕޯގައި 35 ކުންފުންޏަކުން ބައިވެރިވެފައިވެ އެވެ. އަދި މި ފެއާއަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ގިނަ އިނާމު ހުށަހެޅި ފެއާ އެވެ. އެގޮތުން ބައެއް ކުންފުނިތަކުން 4،000 ޑޮލަރުގެ ޕެކޭޖުތައް ޒިޔާރަތް ކުރި މީހުންނަށް ދީފައިވެ އެވެ. މީގެ އިތުރުން ހިލޭ ދީފައިވާ ފްރީ އެއާ ޓިކެޓާއި ރިސޯޓުތަކުގައި ޗުއްޓީ ހޭދަ ކުރުމުގެ އިތުރުން ތަފާތު ހަދިޔާތައް ދީފައިވެ އެވެ.

އަންނަ އަހަރުގެ، ވެކޭޝަންސް އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ، ޖުލައި މަހުގެ 6-8 އަށް ކުރިއަށެވެ.

މި އަހަރު އާޓްގެލަރީގައި ބޭއްވި ފެއާގައި ރާއްޖެ ގެސްޓް ހައުސްތަކާއި ބޭރުގެ އެއާލައިންތައް އަދި ބޭރުގެ ޓޫރިޒަމް ބްރޭންޑްތަކުންވެސް ބައިވެރިވެފައިވެ އެވެ. މި އަހަރުގެ ފެއާގައި މެލޭޝިޔާ ޓޫރިޒަމް ބޯޑާއި ސިންގަޕޫރު ޓޫރިޒަމް ބޯޑުން ވެސް ބައިވެރިވެފައިވެ އެވެ.