ރާއްޖެ ކުޅިވަރު

ގާޑިއޯލާ ހޫނުފެނަށް، އޭނާ ބުނަނީ ވަޒީފާ ދޫކޮށްލާނެ ކަމަށް!

އޭނާގެ ސްޓައިލް މެންޗެސްޓާ ސިޓީގައި އެންމެ ލަސްވެގެން އަންނަ އަހަރު ކާމިޔާބު ނުވެއްޖެނަމަ ވަޒީފާ ދޫކޮށްލާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަތުން 4-0 އިން ބަލިވި މެޗަށް ފަހު ޕްރެމިއާ ލީގުގައި މާދަމާ ސައުތެމްޓަންއާ ދެކޮޅަށް ނުކުތުމުގެ ކުރިން ނޫސްވެރިންގެ ފާޑުކިޔައި ސުވާލުކުރަން ފެށުމުންނެވެ.

ޖެހިޖެހިގެން 11 މެޗުން މޮޅުވުމަށްފަހު އެންމެ ފަހުން ސިޓީ ކުޅުނު ހަތަރު މެޗުން މޮޅު ނުވުމުން ގާޑިއޯލާ އަށް އަމާޒުވި ސުވާލުތަކަށް ޖަވާބުދެމުން އޭނާ ބުނީ ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އޭނާ ކުޅުވާ ސްޓައިލް ބަދަލެއް ނުކުރާނެ ކަމަށެވެ.

އޭނާ ކުޅެ، ކެޕްޓަންކަންކޮށް، ފަހުން ކޯޗުކޮށްދިން ބާސެލޯނާ އާއި ބަޔާން މިއުނިކްގައި ކާމިޔާބު ދުވަސްތަކެއް ހޭދަ ކުރުމަށްފަހު މި ސީޒަނުގައި ސިޓިއާ ހަވާލުވި ގާޑިއޯލާ ބުނީ ސިޓީ އަށް އޭނާ ގެނައީ ބަޔާން އާއި ބާސެލޯނާގައި އޭނާ ކުޅުވި ސްޓައިލާ ހެދި ކަމަށެވެ.

"އަހަރެންގެ ސްޓައިލް ބަދަލެއް ނުކުރާނަން. އަހަރެންގެ ގަބޫލުކުރާ ސްޓައިލަށް ކުޅުވަން ސިޓީ އަށް އަހަރެން ގެނައީ. ބަޔާން މިއުނިކްގައި އަހަރެންގެ ސްޓައިލް ކާމިޔާބުވި. އަހަރެންގެ ސްޓައިލް އަންނަ އަހަރު މިތަނުގައި ކާމިޔާބު ނުވެއްޖެނަމަ އަހަރެން ދާނީ ގެއަށް. ސްޕޭނަށް،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ބުދަ ދުވަހުގެ ރޭ ބާސެލޯނާ އަތުން 4-0 އިން ބަލިވުމުގެ ޒިންމާ އޭނާ ނަގާ ކަމަށާއި ނަމަވެސް ބަލިވާ ކޮންމެ ފަހަރަކު ކޯޗިން ސްޓައިލް ބަދަލު ކުރަން ނުޖެހޭ ކަމަށެވެ. އަދި އޭނާ އަށް ލިބިފައިވާ ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށާއި ކުޅުންތެރިން އޭނާ ބޭނުންވާ ގޮތަށް މަސައްކަތް ނުކުރާނަމަ ކުރާނެ ކަމަކީ ކުލަބާ ވާހަކަ ދެއްކުން ކަމަށެވެ.

"ކަލޭމެންނަށް އެނގޭތަ އަހަރެން ސްޓައިލް ބަދަލު ނުކުރާނަމޭ ބުނަނީ ކީއްވެގެންކަން. އަހަރެން މިދިޔަ ހަތް އަހަރު 21 ތަށި ހޯދައިފިން. މި ސްޓައިލް އަށް ކުޅެ. އެހެންވީމާ ބަދަލު ކުރަން ބޭނުން ނުވަނީ. އަހަރެން މިތަނަށް އައިސް އެންމެ ތިން މަހުން އަހަރެން ބޭނުންވާ ގޮތަށް އަދި ނުކުޅެވިދާނެ. ކަންކަން ބަދަލު ނުކުރެވިދާނެ. އިނގިރޭސިވިލާތުގައި ކަންތައްތަކާއި ކުޅުންތެރިން ވެސް ތަފާތު. އެއީ ދުވަހުން ވާނެ ކަމެއް. ކަލޭމެންނަށް ހީވޭތަ އެންމެ ތިން މަސް ދުވަހުން އަހަރެން އައިސް މެސީ އާއި ނޭމާ އާއި ސުއަރޭޒް އާއި އިނިއެސްޓާއާ ދެކޮޅަށް ޑޮމިނޭޓް ކުރެވޭނެހެން. އެކަންވާނީ ދުވަހުން. އެންމެ ހަތަރު މެޗުން މޮޅު ނުވީމަ ކަލޭމެން އައިސް ފާޑުކިޔަނީ. ތިއީ ކަލޭމެން ގަބޫލު ކުރާގޮތް. ތިގޮތުގައި ކުރިއަށް ދިއުމަށް އެދެން،" ހިތްހަމަނުޖެހިފައި ހުރެ ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާ އަތުން 4-0 އިން ބަލިވި ވާހަކަ ދައްކާއިރު އެމީހުންނަކީ ވާއިފުވެދިޔަ 15 އަހަރު އެއް ސްޓައިލަކަށް ކުޅުނު ޓީމެއް ކަމަށެވެ. އޭނާ އަދި ބުނީ ކެޕްޓަން ވިންސެންޓް ކޮމްޕެނީ ޓީމުގައި ނުހިމެނީ ވެސް އޭނާ ކަމަށާއި ފުރަތަމަ 11 އަށް ސާޖިއޯ އަގުއެރޯ ނުލާން ނިންމީ ވެސް އޭނާ ކަމަށެވެ. މި މެޗުގައި ބެންޗުގައި އިންނަންޖެހޭ ކަމަށް ބުނުމުން އަގުއެރޯ ވޯމްއަޕް ވެސް ކޮށްފައިނުވެ އެވެ.

"މެޗުގެ ހަތަރު ދުވަސް ކުރިން އަހަރެން ހީކުރީ ކޮމްޕެނީ ފިޓްވާނެ ކަމަށް. އެކަމަކު އޭނާ އެއް ދުވަހު ބުނެފި ހިޔެއް ނުވެއޭ އެހާ ރަނގަޅުހެން. އެހެންވިއްޔާ އޭނާގެ ސިކުނޑި މެޗަސް ފިޓް ނުވަންޏާ އެންމެ ރަނގަޅު ގޮތަކީ މަޑުކުރުން. އަގުއެރޯ ނުލީ ވެސް އަހަރެން. (އެކަމާ ހިތްހަމަނުޖެހިގެން) އޭނާ ކުލަބު ދޫކޮށްދާން ބޭނުންމިއްޔާ އެއީ އޭނާގެ ނިންމުމެއް. އޭނާ 2020 ވަނަ އަހަރާ ހަމައަށް ކުލަބުގައި ހުންނަން ސޮއިކުރީ ކަންތައްތައް އެނގިހުރެ،" 10 މެޗުން 11 ގޯލު ޖަހާފައިވާ ފޯވަޑާ ބެހޭ ގޮތުން ގާޑިއޯލާ ބުންޏެވެ.