އޮފްބީޓް

ކުޅުދުއްފުށީ ކާޅު ބައިގަނޑު ހީވަނީ ޑްރޯން ކާލަފާނެހެން!

މޯލްޑިވިއަން އައިޑޮލްގެ ޓީމު، ހދ. ކުޅުދުއްފުށީގައި މިއަދު ފަށާ އޮޑިޝަނަށް ތައްޔާރުވަމުން ދިޔައިރު އަޅުގަނޑާއި، ފޮޓޯގްރާފަރު އަފްޝީން ސައިކަލުގައި މި ރަށް ވަށައިގެން ބުރު ޖެހިޔަސް އެންމެ ބޮޑު ޝައުގުވެރިކަމެއް ދަމައިގެން ދިޔައީ މޯލްޑިވިއަން އައިޑޮލްގެ އާދަޔާހިލާފު ޓީމުގެ ފޫހިކަމެއް ނެތް މަސައްކަތަށެވެ.

ޓީމު ޓީމުތަކަށް ބަހާލެވިގެން، ވަރަށް އޯގަނައިޒްކޮށް މި ޓީމެއްގެ ތަޖުރިބާކާރުންނާއި ޒުވާން ހުނަރުވެރިން މަސައްކަތްކުރަމުން ދިޔަގޮތްވީ އެމީހުންގެ ކިބައިން ދަސްކުރަން ބޭނުންވާހާ ފޯރި ގެނުވި ކަމަކަށެވެ.

އެކަމަކު މި މަންޒަރެއް ބަލަން ހުއްޓި ތިއްބައި އަދި އެއަށް ވުރެން ވެސް މާ ޝައުގުވެރިވަނިވި ކަމަކާ ލައިގަތީ އެވެ. މޯލްޑިވިއަން އައިޑޮލްގެ ޑްރޯން ވީޑިއޯގްރެފީގެ ޓީމުން ރަށުގެ ހިތްގައިމުކަން ޝޫޓްކުރުމަށް، އެމީހުންގެ ޑީޖޭއައި އިންސްޕަޔާ ޕްރޯ އުދުއްސާލުމާ އެކު ރަށުގައި އޮތް ކާޅު ބައިގަނޑު އެކުގައި އައިސް އެމީހުންނާއި އެމީހުންގެ ޑްރޯނާ ދިމާކޮށްލީ އެވެ.

ކާޅުގެ ތުރާލާއި މުސީބާތަށް ދިވެހިން ރުޅިގަދަވިޔަސް މި މަންޒަރެއްވީ ހަގީގަތުގައި އައިޑޮލް ޓީމުގެ ޑްރޯން ޕައިލެޓުންގެ ކްރިއޭޓިވިޓީ އިތުރަށް މުއްސަނދިކޮށްދިން ކަމަށެވެ. އެންމެފަހުން ރޭރުވެގެން އެނބުރި ދާން ޖެހުނީ ވެސް އެއްކަލަ ކާޅު ބައިގަނޑެވެ.

ނަމަވެސް ޑްރޯން ޓީމުން ވަނީ ކާޅުގެ ޖެއްސުން ކިތަންމެ ބޮޑުވިޔަސް އެ ޖެއްސުން "އާޓަކަށް" ބަދަލުކޮށްލައިފަ އެވެ. ކާޅުތައް ހިމަނައިގެން ޝޫޓްކޮށްފައިވާ ވީޑިއޯ މަންޒަރުތައް ވަރަށް ވެސް ހިތްގައިމެވެ.

މި ވީޑިއޯތައް ސީދާ ފައިނަލް ކަޓަށް އަރާނެ ކަމުގެ ޔަގީންކަމެއް ނެތަސް، ކުޅުދުއްފުށީގެ ކާޅު ބައިގަނޑު އައިޑޮލްގައި ދައްކައިލުން ވެގެން ދާނީ ވަރަށް ވެސް ހިތްގައިމު މަންޒަރަކަށް ކަން ޔަގީނެވެ.

ކާޅުތައް "ނުބައި ނުލަފާ ގޭންޓްސްޓާރުންތަކެއް" ފަދައިން "ޑްރޯން ފަކީރާ" ދިމާކޮށް ބިރު ގަންނުވާލަން އުޅުނު ކަމުގައިވިޔަސް އެންމެފަހަށް ހެމުންހެމުން ބުރަފަތީގެ ބާރުގައި އެހެން ދިމާލަކަށް އެނބުރި ގަންނަ މަންޒަރު ފެންނަނީ މި ޑްރޯނެއްގެ އެވެ.

މޭފުއްޕާލާފައި، ކާކާ ލައްވަމުން ޑްރޯންއާ މުޅި ދުވަހުގެ ހަތަރުދަމު އަވަލައިގެން އުޅުނު ކަމުގައިވިޔަސް އެ ޑްރޯނަށް ހަމަލާ ދޭނެ ގޮތެއް މި ބުއްދިވެރި ދޫންޏަކަށް ނޭނގުނެވެ. -- ހދ. ކުޅުދުއްފުށިން: އަހުމަދު ނަދީމް