މިދިޔަ އަހަރުގެ އޯގަސްޓް މަހު އާންމުވި ކުޑަ ވީޑިއޯއަކާއެކު މުޅި ދުނިޔެ ހިމޭކޮށްލި އެވެ. އެ ވީޑިއޯއިން ފެންނަ ސީރިއާގެ ހަލަބަށް އުފަން ލެޔާއި ހިރަފުހުން މޫނާއި ހަށިގަނޑު ފޮރުވިފައި އުމްރާން ދަގްނީޝް ނޭނގޭ މީހަކު މިހާރު މިއޮއް ބޮޑު ދުނިޔޭގައި މަދުވާނެ އެވެ. އުމްރާންގެ ހިމޭންކަން ދުނިޔޭގެ ހަތަރު ބިތަށް އެތައް މެސެޖްތަކެއް ފޮނުވާލި އެވެ.
ހަލަބުގައި ވަރަށް ގަދައަށް ހަމަލާތައް ބަދަލުވި އެ ދުވަސްވަރު އުމްރާންގެ މުޅި ދުނިޔެ ބަދަލުކޮށްލީ، އޭނާ ދިރިއުޅޭ ގެއަށް އަމާޒުވި ވައިގެ ހަމަލާއަކުންނެވެ. ވީޑިއޯގައި ފެންނަނީ އެ ހަމަލާގައި އުމްރާންއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެމްބިއުލާންސްއަށް އަރުވާފައި އިންދަ އެވެ. އެ ހަމަލާގައި ލިބުނު ޒަހަމްތަކާއެކު 10 އަހަރުގެ އުމްރާންގެ ބޭބެ އަލީ ވަނީ މަރުވެފަ އެވެ.
އެ ހިތްދަތި ހާދިސާއަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނު ނަމަވެސް އުމްރާންވީ ތަނެއް އޭނާގެ ހާލެއް މިއޮތް ހުރިހާ ދުވަހު ނޭނގެ އެވެ. އެކަމަށް އަހަރެއްވާން ކައިރިވެފައިވަނިކޮށް ސީރިއާގެ ރައީސް ބައްސާރުލް އަސަދަށް ވާގިދޭ ޓީވީ ސްޓޭޝަނުގައި މިވަނީ އުމްރާންގެ އިންޓަވިއުއެއް ދައްކާފަ އެވެ. އެ އިންޓަވިއު ދިންއިރު އޭނާ އިނީ ބައްޕަގެ އުނގުގަ އެވެ. އޭނާގެ ކުލަވަރު ވަރަށް ޗާލެވެ. ސިއްހީ ގޮތުން ދުޅަހެޔޮކަން ބަލާބެލުމުން އެނގެ އެވެ.
އެ އިންޓަވިއުގައި އެ އާއިލާ ސީރިއާގައި މިހާރު އުޅެމުންދަނީ ބިރެއް ނެތި ކަމަށް ދެއްކުމަށް މަސައްކަތްކޮށްފައިވެ އެވެ. ނަމަވެސް އެހެން ބައެއް މީޑިއާތަކުން ވަނީ އެއީ ސައްހަ މައުލޫމާތެއް ކަމެއް ކަށަވަރު ނުކުރެވޭ ކަމަށް ބުނެފަ އެވެ. އެއީ އަސަދުގެ ސަރުކާރަށް ވާގިވެރިވާ މީޑިއާއަކުން ސީރިއާގެ ހާލަތު އޮޅޭ ގޮތަށް ގެނެސްދީފައިވާ އިންޓަވިއުކަަށް ވެދާނެ ކަމަށް އެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.
އުމްރާންގެ ވޭނުގެ ފޮޓޯ މީގެކުރިން އާންމުވި އޭނާގެ ބައްޕަ ވަނީ ބައެއް މީޑިއާތަކަށް އެއީ ކާކުކަން ނޭނގޭ ގޮތަށް އިންޓަވިއު ދީފަ އެވެ. އޭރު ވަނަވަރު ހާމަނުކޮށް މައުލޫމާތު ހިއްސާކޮށްފައިވަނީ ސީރިއާގެ ސަރުކާރުގެ ފަރާތުން އެ އާއިލާއަށް ކުރިމަތިވެދާނެ ބިރަކަށްޓަކަ އެވެ.