އޮފްބީޓް

އިޝްތިހާރެއްގެ މައްސަލައެއްގައި ޕެޕްސީ ހޫނު ފެނަށް

Apr 6, 2017

އެމެރިކާގެ މަޝްހޫރު ފުންޑް އެންޑް ބެވަރެޖް ކޮމްޕެނީ ޕެޕްސީން އަންގާރަ ދުވަހުގެ ހަވީރު އާންމު ކުރި އެމީހުންގެ އިޝްތިހާރު 24 ގަޑިއިރު ވެސް ނުވަނިސް ވަނީ ފާޑުކިޔުންތަކާހެދި ނަގާފަ އެވެ. އަދި ޕެޕްސީން ވަނީ އެކަމަށް މާފަށް އެދި ބަޔާނެއް ވެސް ނެރެފަ އެވެ.

ޕެޕްސީގެ އެ އިޝްތިހާރުގައި ފެނިގެންދަނީ ރިއަލިޓީ ޓީވީ ތަރި ކެންޑަލް ޖެނާގެ ފޮޓޯ ޝޫޓެއް ކުރިއަށް ދަނިކޮށް އެ ސަރަހައްދުން ވަރުގަދަ މުޒާހަރާއެއް ކުރަމުން ދަނިކޮށެވެ. އަދި ފޮޓޯޝޫޓް މެދުކަނޑާލާފައި ވަގުތުން އޭނާ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ވަދެގޮސް ޕެޕްސީދަޅެއް މުޒާހަރާ ކޮންޓްރޯލް ކުރަން ހަރަކާތްތެރިވި ފުލުހެއްގެ އަތަށް ދެއެވެ. އެހިސާބުން ފުލުސްމީހާ ޕެޕްސީ ދަޅު ބޯލުމާއެކު މުޒާހަރާގެ ބައިވެރިން އުފާފާޅު ކުރަން ފަށަ އެވެ.

އިޝްތިހާރުގެ މައްސަލަ ފެންމަތިވުމާއި ގުޅިގެން ޕެޕްސީން ނެރެފައިވާ ބަޔާނެގައި ބުނެފައިވަނީ އެ އިޝްތިހާރުގެ މަގުސަދަކީ އެފަދަ ސީރިއަސް މައްސަލަ އެއް ކުޑަކަމެއްގެ ގޮތުގައި ދެއްކުން ނޫން ކަމަށެވެ. އަދި ޕެޕްސީން މުޅިދުނިޔެއަށް ވެސް ދޭން ބޭނުންވި މެސެޖަކީ އެއްބައިވަންތަކަމާއި އަމާންކަމާއި އަދި އެއްބަސްވާ ކަންތައްތައް ދައްކުވައިދިނުން ކަމަށެވެ.

އެކަމާއި ގުޅިގެން ޕެޕްސީންވަނީ ކެންޑަލް ޖެނާގެ ކިބައިން ވެސް މައާފަށް އެދިފަ އެވެ.

އެމެރިކާގައި ކަޅުނަސްލުގެ މީހުންގެ ހައްގުތައް ހޯދުމަށް ކުރަމުންދާ މުޒާހަރާގައި ބައިވެރިއަކު ބުނެފައިވަނީ ޕެޕްސީ ފަޅު ހިފައިގެން ދިޔަ ނަމަ ފުލުހުން އޭނާ ހައްޔަރު ނުކުރާނެ ކަމަށެވެ. މީގެ އިތުރުން ވެސް ޕެޕްސީގެ އިޝްތިހާރަށް ވަރަށް ބޮޑަށް ފަޑުކިޔައި ޓްވިޓާގައި ވެސް ގިނަ ބަޔަކު ވަނީ ފުލުހުން ހައްޔަރު ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކުގައި ޕެޕްސީ ދަޅު ހިފައިގެން ދާން ހަނދާން ނެތް ކަމަށް ބުނެ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.