އޮފްބީޓް

ރާއްޖެ އައި ޓޫރިސްޓަކު ކަކުންޏެއް ހިފައި ތިޖޫރީއެއްގައި ފޮރުވައިފި

މިއީ ދާދިފަހުން ރާއްޖެ އައި ޗައިނާގެ ފަތުރުވެރިއެއް ކުރި ކަމެކެވެ. އަރިއަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ މި ފަތުރުވެރިޔާ ކަކުންޏެއް ހިފައި ފޮރުވައިގެން ގެންގުޅުނީ އެވެ.

މި ފަތުރުވެރިޔާ އާއި ބެހޭ މައުލޫމާތު ސާފުނުވާއިރު އެއީ ކޮން ރިސޯޓެއް ކަމެއްވެސް ސާފެއް ނުވެ އެވެ. އެ ކަކުނ ފޮރުވައިގެން ގެންގުޅެނިކޮށް އެކަން ފަޅާއެރީ ރިސޯޓުގެ ރޫމް އެޓެންޑެންޓެއް ކަމަށްވާ އަލީ އަށެވެ. އަލީ ބުނީ އެ ކޮޓަރިއަށް ވަނީ އޭގެ ކުރީ ދުވަހު ދޮންނަން ލޯންޑަރީއަށް ގެންގޮސްފައި ހުރި ހެދުންތަކެއް ހިފައިގެން ގޮސް އުޅުމުގެ ތެރެއިންނެވެ.

އަލީ ބުނީ އަލަމާރީ ގައި ހެދުންތައް އަޅުވަން އުޅުންއިރު އަލަމާރި ތެރޭގައި އޮތް ތިޖޫރީ ތެރެއިން ކަކުނި ކަހަލަ ދިރޭ އެއްޗެއް ދުވާ ކަހަލަ އަޑެއް އިވޭތީ ޝައްކުވެގެން މެނޭޖަރު އާއި ދެމީހުން ފަތުރުވެރިޔާ އާ ސުވާލު ކޮށް އޭނާ ލައްވާ ތިޖޫރީ ހުޅުވި ކަމަށެވެ. އަދި ތިޖޫރީ ހުޅުވުމާއެކު ކަކުނި ފުންމާލައިގެން ގިޮސް އެނދު ތަންދޮށަށް ވަދެ ފިލާފައިވާ ކަމަށެވެ.

ކަކުނި ކޮޓަރިން ނެރެވުނީ އެތައް އިރަކު މަސައްކަތް ކޮށްގެން ކަމަށްވެ އެވެ. ކަކުންޏާ ބެހޭގޮތުން ސުވާލު ކުރުމުން އެއީ ފަތުރުވެރިޔާ ގޮނޑުދޮށުން ހިފި ކަކުންޏެއް ކަމަށެވެ. ތިޖޫރީ ތެރެއަށް ލާފައިވާތީ ސުވާލު ކުރުމުން ފަތުރުވެރިޔާ ބުނީ އެންމެ ފުރަތަމަ ކަކުނި ގެނެސް ބާތު ޓަބު ތެރެއަށް ކަމަށާއި ނަމަވެސް އޭތި ދުވާތީ ތިޖޫރީއަށް ލީ ކަމަށެވެ. އަދި އޭނާ ކަކުނި ހިފީ އޭތި ކެއުމަށް ކަމަށާއި ޗައިނާއިން އައި އިރު ކުޑަ ރައިސް ކުކަރެއް ގެނަ ކަމަށެވެ. އޭނާގެ ވިސްނުން ހުރީ އޭގައި ކަކުނި ކައްކައިގެން ކެއުމަށް ކަމަށް އޭނަ ބުނެފައިވެ އެވެ.

މި މައްސަލައިގައި ފަތުރުވެރިޔާވަނީ 300 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. ކަކުނި ހިފުމާއި މުރަކައަށް އަރައި ހަލާކުކުރުން ފަދަ ކަންތައްތަކުގައި މީގެ ކުރިންވެސް ޗައިނާގެ ފަތުރުވެރިން ރާއްޖޭގެ ރިސޯޓުތަކުގައި ޖޫރިމަނާކޮށްފައިވެ އެވެ. ރިސޯޓުތަކުގައި ކަކުނި ހިފުން ފަދަ ކަންތައް ކުރުމަކީ މަނާ ކަމެކެވެ.