އޮފްބީޓް

މިއަހަރުގެ މާހެފުންތަކުގައި އެންމެ ބާރުބޮޑީ ސުނީތާއަށް

ރޯދަމަސް އައިސް ޖެހުނީ އެވެ. މާދަމާ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ރޯދައަށް ހުންނަ އިރު މިއަދުމީ ރޯދައަށް ގޭތެރެ ސާފުކުރުމާއި ބާޒާރު ކުރަން ލިބޭ އެންމެ ފަހު ދުވަހެވެ. ހުކުރަސް ދުވަހަށް ވުމުން ނިކަން ފަސޭހަ ދުވަހަކަށް ވާނެ ކަމަށް ބެލެވެ އެވެ. މީގެ އިތުރުން މިއަދަކީ ޒަމާނުއްސުރެ ރޯދައަށް ތައްޔާރު ވުމުގެ ބައެއް ކަމުގައި ދިވެހިންގެ ތެރޭގައި އޮންނަ "މާހެފުމަށް" ވެސް އެންމެ ފަހު ދުވަހެވެ. އުވެމުން ދިޔަ ސަގާފަތުގެ ތެރެއިންވެސް އެންމެ ފޯރިއާ އެކު މިހާރުވެސް ކުރާ އެއް ކަމަކީ އެއީ އެވެ.

އިހުގައި މާހެފުމަށް އާއިލާ އާ ރައްޓެހިން އެއްވެ އުފާވެރި ވަގުތުތަކެއް ހޭދަ ކުރެ އެވެ. ކެއުމަށް ތައްޔާރުކޮށްފައި ހުންނަނީ އެންމެ ކުރިން ދިވެހިންގެ ތެރޭގައި ކެއުމަށް ބޭނުން ކުރި މާފުށާއި، ކުޅި ފާރޮއްޓާއި، އަވެލި ފަދަ ތަކެއްްޗެވެ.

އެެހެން ނަމަވެސް މިހާރު ފެންނަނީ އެހެން މަންޒަރެކެވެ. މާހެފުންތަކުގައި މިހާރު ފެންނަނީ ޕިއްޒާ އާ، ކުޅި މަހާއި، ބަތާއި މިހެން ގޮސް މިޒަމާނުގައި ކާން އާންމުކޮށް މީހުން ބޭނުން ކުރާ ހުރިހާ އެއްޗެކެވެ. މުނިފޫހި ފިލުވަން މަޝްހޫރު ތަރިން ގެނެސްގެން ހަރަކާތްތައް ކުރިއަށް ގެންދަނީ އެވެ. މިފަހަކަށް އައިސް މާހެފުން އޮންނަނީ ޕާޓީއަކަށް ބަދަލުވެފަ އެވެ. ހާއްސަކޮށް އޮފީސްތަކުގައި ބާއްވާ މާހެފުންތަކުގަ އެވެ.

މިއަހަރުގެ މާހެފުމުގެ ދުވަސްވަރު އެންމެ ބާރުބޮޑީ ރެސްޓޯރެންޓް ތަކާއި ކެފޭ ތަކަަކަށް ނޫނެވެ. މިއަހަރު އެންމެ ބާރު ބޮޑީ ދިވެހިންގެ ތެރޭގައި އެފަދަ ދެވަނައެއް ނުވާ ސުނީތާ އަލީ އަށެވެ. ރޯދަމަސް ފެށެން ހަފްތާއެއް ނުވަތަ އެންމެ ަފަހު 10 ވަރަކަށް ދުވަހަށް ވެގެން އައި އިރު އެންމެ ބިޒީވީ ވެސް ސުނީތާގެ ޝެޑިއުލެވެ. ބައެއް ރޭރޭ މާހެފުމަށް ބޭއްވި ދެ ތަނެއްގެ މުނިފޫހި ފިލުވައިދީ ޝޯ ދިނެވެ. މާހެފުންތަކާއި ޕާޓީތަކުގައި ނަށާލާ މުނިފޫހި ފިލުވަން ސުނީތާ ވަރެއް ހަމަ ނެތެވެ.

"ހަމަ ވަރަށް ބިޒީކޮށް ދަނީ. ހާއްސަކޮށް މިއަހަރު، މިިދިޔަ އަހަރަށް ވުރެ މި އަހަރު މާބޮޑަށްވެސް ގިނަ މާހެފުންތަކުގައި ޝޯ ދޭން. ބައެއް ރޭ ރޭ ތިން ތަނަށް ދާންވެސް ފުރުސަތު ލިބޭ. އެކަމަކު އެންމެ ގިނަ ވެގެންވެސް ރެ އަކު ދެ ތަނަވަސް މިދެވެނީ،" މާހެފުމުގެ ދުވަސްވަރު މިއަހަރުގެ ސުނީގެ ބިޒީ ޝެޑިއުލް ކިޔައިދެމުން ސުނީތާ ބުންޏެވެ.

ކޮންމެ ޝޯއެއްގައިވެސް ސުނީތާ ދެއެއް ނުވަތަ ތިން ގަޑިއިރު ހޭދަ ކުރެ އެވެ. ބައެއް ޝޯތައް އެކަނި މާއެކަނިވެސް ދޭން ޖެހެ އެވެ. ނަމަވެސް ލަވަ ކިޔުންތެރިންނާ ބޮޑުބެރު ގްރޫޕްތަކާ އެކުވެސް ސުނީ ޝޯ ދެ އެވެ.

މިކަމުން ސުނީއަށް ރަނގަޅު އާމްދަނީއެއް ލިބުނަސް ސުނީގެ މަގްސަދަކީ އާންމުންގެ އަދި ހާއްސަކޮށް ސުނީގެ ފޭނުންނަށް ހަދިޔާއެއް ދީ މުނިފޫހި ފިލުވައިދިނުމެވެ. މާހެފުން ޝޯތަކަށްވެސް ސުނީ ގޮސް އުޅެނީ އޭނާ އާންމުކޮށް ޝޯ ދީ އުޅޭ އަގަށެވެ.

" ދެ ގަޑި އިރު ނުވަތަ ތިން ގަޑިއިރު އެކަނިވެސް ޝޯ ދެން. ބައެއް ތަންތަނުގައި އަޅުގަނޑުގެ އިތުރަށް ލަވަ ކިޔުންތެރިންނާ ބޮޑުބެރު ގްރޫޕްތައްވެސް އެބަ ގެންދޭ. އެހެންވެ ވަރަށް ފަސޭހަވެސްވޭ. އެކަމަކު ތިން ގަޑިއިރުވެސް އެކަނިވެސް ޝޯ ދެވޭނެ. ކުރިންވެސް އެގޮތަށް ޝޯ ދީ އުޅޭތީ ހޭނިފައި ހުންނަނީ،" ސުނީ ބުންޏެވެ.

މިއަހަރު ސުނީ މާހެފުން ޝޯތައް ދިން ބައެއް ތަންތަނުގެ ތެރޭގައި ފެނަކަ، މާފަންނު މަދަރުސާ އަދި ކެއާ ސޮސައިޓީ ހިމެނެ އެވެ. މިތަންތަނުން ބޭއްވި މާހެފުންތަކަކީ އޮފީހުންގެ އެހެން މުނާސަބަތު އެއްކޮށްލައިގެން ބޭއްވި މާހެފުންތަކެކެވެ.

މާހެފުން ޝޯތަކުން ސުނީއަށް ސަލާމަތް ވެވުނީ ރޭގަ އެވެ. މިރޭ ސުނީތާ މާހެފުން އޮތީ އާއިލާ އާ ރައްޓެހިންނާ އެކީގަ އެވެ. އެހެން ކަމުން އަޅެ ސުނީއަށ ްވުރެ މާހެފުންތަކުގައި ބިޒީ އަދި ބާރުބޮޑު އެހެން މީހަކު އެބަހުރި ހެއްޔެވެ؟