އޮފްބީޓް

ހާ ރެސްލިން މުބާރާތުގެ ފޯރި އަދި މާގަދަ

މިއީ ކިއުބާގައި ނިކަން އާންމު ކުޅިވަރު މުބާރާތެކެވެ. ކިއުބާގެ ޝިއޭގޯ ޑި އަވިލަ އޭ މި ކިޔާ ހިސާބުގެ ދަނޑުވެރިންގެ މެދުގައި ވަރަށް ވާދަވެރިވެސްމެ އެވެ. މިއީ ވަރަށް ބޮޑު އާމްދަނީއެއް އެމީހުން ހޯދާ ކުޅިވަރެކެވެ. މިއީ "ހާ"ގެ ރެސްލިން މެޗެކެވެ. އެންމެ ފަސޭހައިން އެނގޭނީ މި ކަހަލަ ގޮތަކަށް ބުނީމަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގެ މިއީ މަނާ ކުޅިވަރެއް ނަމަވެސް ކިއުބާ އެތައް އަހަރެއް ކުރިން މި ކުޅިވަރު ވަނީ ހުއްދަ ކޮށްފަ އެވެ. އަދި މި ފަހަކުން އައިސް ކިއުބާގައި މި ކުޅިވަރު ދަނީ ހަލުވި ކަމާއެކު ވައިގައި ހިފާ ފުޅާ ވަމުންނެވެ.

އެގޮތުން މިދިޔަ އަހަރު ވަނީ އެކަމަށް ހާއްސަކޮށް 1،000 މީހުންގެ ޖާގައިގެ އެރީނާއެއް ކިއުބާގެ ޝިއެގޯ ޑި އަވިލަގައި ހުޅުވާފަ އެވެ. އެކަމަކީ އެތައް ގުނައެއް ފަހަތަށް ކިއުބާ ގެންދިޔަ ކަމެއް ކަމަށް އެނިމަލް ރައިޓްސް އެކްޓިވިސްޓުން ފާހަގަކުރެ އެވެ.

މިއީ ކިއުބާގެ މީހުންގެ ލެޔާއި ގުޅިފައިވާ ކުޅިވަރެއް ކަމަށްވެ އެވެ. އެއީ އަނިޔާވެފައިވާ ހާލެއް އެއަށް އަނިޔާކުރި އަނެއް ހާލަށް އެތައް ހަަމަލާއެއް ދޭނެތީ އެވެ. މި މުބާރާތުގައި ބައިވެރިވާ ހާތަކުގެ ފަޔަށް ދަގަނޑު ސްޕާއެއް ލައްވަ އެވެ. އެއީ އެއް ހާލުގެ ފަރާތުން އަނެއް ހާލަށް ލިބޭ އަނިޔާ އިތުރުކޮށް މެޗުގެ ފޯރިގަދަ ކުރުމަށްޓަކަ އެވެ. އަދި އޭއްޗެހީގެ ތުނބަށް ރައްކާތެރި ކުރަން އާޓިފިޝަލް ތުނބެއް ލައްވަ އެވެ.

ކިއުބާގައި މި ކުޅިވަރު މަނާކުރި އަހަރުތަކެއްވެސް ދިޔަ އެވެ. އެއީ 1959 ހިސާބުގަ އެވެ. ނަމަވެސް ސިއްރު އެރީނާތައް ހަދައިގެން މުބާރާތްތައް ބޭއްވީ މަދެއްކޮށް ނޫނެވެ. އެހެން ކަމުން އަނެއްކާވެސް އެކުޅިވަރު ހުއްދަ ކުރީ އެވެ.

ޝިއޭގޯ ޑި އަވިލަ ގެ ދަނޑުވެރިޔަކު ބުނީ އޭނާގެ ހާ ހަ މުބާރާތެއްގައި މިހާތަަނަށް ބައިވެރިކޮށް މުބާރާތްތައް ކާމިޔާބުކޮށްފައިވާ ކަމަށެވެ. އެނިމަލް ރައިޓްސް އަށް މަސައްކަތް ކުރާ މީހުން މި މުބާރާތާއި ދެކޮޅަށް ވާހަކަ ދެއްކި ނަމަވެސް ކުޅިވަރަށް ސަޕޯޓުކުރާ މީހުން ބުނަނީ ގާނޫނުން ހުއްދަކޮށްފައިވާ ކުޅިވަރަކަށް އެ ކުޅިވަރު ވެފައި އެއީ އެގައުމުގެ ސަގާފީ ކުޅިވަރަކަށް ވާއިރު އެކުޅިވަރު ކުޅުމަކުން މައްސަލައެއް ނެތް ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނަނީ އެއީ ކިއުބާގައި އެންމެ އެކަށީގެންވާ ވަރަށް މުނިފޫހި ފިލުވުމުގެ ހަރަކާތްތައް ނެތިފައި، ތައުލީމީ ފެންވަރު ދަށްވުމާއި ޖަނަވާރުންނަށް އިހާނެތިކޮށް ހިތައިގެން ވިޔަސް ފައިސާ ހޯދުން އެ މީހުންނަށް މުހިންމުކަމެއް ކަމަށް އެމީހުން ދެކޭތީ ކަމަށެވެ.

ހާ ރެސްލިން އަށް ހާއްސަކޮށްގެން ހަދާފައިވާ އެރީނާތައް އާންމުކޮށް ހުންނަނީ މެދުގައި ހުސް ބިން އޮންނަ ގޮތަށް ވަށައިގެން ލަކުޑި ޖަހައި ބައްދައިގެންނެވެ. މި އެރީނާއިން މެޗުތައް ކުރިއަށްދާ ގަޑިތަކުގައި ބައެއް ކަހަލަ ތައްޔާރީ ކާނާ އާ އެހެނިހެން ކުދި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ހަމަޖައްސާފައި ހުރެ އެވެ.

ޝިއެގޯ ޑި އަވިލާގެ އެރީނާގައި ބާއްވާ ހާ ރެސްލިން މެޗުތައް ބަލަން ވަންނަ އެގައުމުގެ މީހުންނާ އެހެން ގައުމުތަކުގެ މީހުންގެ އަތުން ނަގާ ފީގައި ބޮޑު ތަފާތެއް ހުރެ އެވެ. އެގައުމުގެ އާންމު ރައްޔިތެއްގެ އަތުން ފީގެ ގޮތުގައި ދެ ޑޮލަރާއި އަށް ޑޮލަރުގެ މިންވަރެއް ނަގާއިރު ފޮރިނަރުން އަތުން 60 ޑޮލަރުގެ ފީއެއް ނަގަ އެވެ. އެ ސްޓޭޓްގެ މަހެއްގެ އެވްރެޖް އާމްދަނީގެ ގޮތުގައި މީހުންނަށް ލިބެނީ ގާތްގަނޑަކަށް 25 ޑޮލަރެވެ.