ޕީޕީއެމްގެ ކޯޅުންތައް

މައުމޫނުގެ ފަހު ބަސް: މައްސަލަ އިންސާފުން ނިންމައިދީ!

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނަށް ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އަމިއްލަ ފަރާރަކުން އިސްތިއުނާފުކުރި މައްސަލަ އިންސާފުން ނިންމަވައިދިނުމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު އެދިވަޑައިގެންފި އެވެ.

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރަށް ހަވާލު ކުރުމަށް އަމުރުކޮށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އެ ޕާޓީގެ އަމިއްލަ މެންބަރެއް ކަމަށްވާ އައްބާސް ވާފިރެވެ. އައްބާސް އެ މައްސަލަ ކޯޓަށް ވެއްދީ، އެ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް މައުމޫން ތައްޔާރުވެ ވަޑައިގަންނަވަނިކޮށެވެ. މައްސަލާގައި ޝަރީއަތް ފެށިއިރު މައުމޫން ވަނީ މައްސަލާގެ ތެރެއަށް ތަދުއްހުލްވެފަ އެވެ.

މި މައްސަލާގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު ފަހު ބަހެއް އިއްވުމަށް ދިން ފުރުސަތުގައި މައުމޫންގެ ފަރާތުން ހާއްސަ މެސެޖެއް ޝަރީއަތުގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ. އެ މެސެޖް ވިދާޅުވީ، މައުމޫންގެ ދޮށީ ދަރިކަނބަލުން ޔުމްނާ މައުމޫނެވެ. އެ މެސެޖްގައި މައުމޫން ވިދާޅުވެފައިވަނީ، އެމަނިކުފާނުގެ ފަރާތްޕުޅުން ފާހަގަކުރި ވާހަކަތަކަށް ރަނގަޅަށް ރިޔާއަތްކޮށް މައްސަލަ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ނިންމަވައިދެއްވުމަށެވެ.

އަދި، އެމަނިކުފާނު އިސްތިއުނާފު ކުރައްވަން ހުށަހަޅާފައިވާ މައްސަލަ ހަލުވިކަމާއެކު ކުރިއަށް ގެންގޮސް ނިންމަވައިދެއްވުމަށެވެ.

މިއަދު މައުމޫންގެ ފަރާތުން ވަނީ މި މައްސަލަ އިސްތިއުނާފުކުރި އައްބާސްގެ ނިޔަތާ ގުޅޭ ގޮތުން ދެވަނަ ފަހަރަށް ސުވާލު އުފައްދާފަ އެވެ. މައުމޫންގެ ވަކީލް ހުސްނުއް ސުއޫދު މިއަދު ވިދާޅުވީ، އައްބާސްއަކީ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުގެ ގާތް މީހެއް ކަމަށެވެ. އެކަމަށް ހެކި ވެސް އެބަހުރި ކަމަށެވެ.

ނަމަވެސް އެ ނުކުތާއާ ގުޅޭ ގޮތުން ވާހަކަ ނުދެއްކޭނެ ކަމަށް އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ދެ މެންބަރުންގެ ތަމްސީލް ކުރައްވާ ދެވަނަ ވަކީލް އިބްރާހިމް ރިޒާ ވިދާޅުވީ، މައުމޫންގެ ފަރާތުން ފާހަގަ ކުރަނީ މައްސަލާގައި ދަށު ކޯޓުގައި ނުދައްކާ ވާހަކަތަކެއް ކަމަށެވެ. ދަށު ކޯޓުގައި ނުދައްކާ ވާހަކައެއް މަތީ ކޯޓުގައި ނުދެއްކޭނެ ކަމަށެވެ.

މި މައްސަލާގައި އިތުރު ކަމެއް ސާފުކުރަން ބޭނުންނުވާނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް މިއަދު އިސް ފަނޑިޔާރު ވިދާޅުވި އެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު ރައީސް އަބްދުﷲ ޔާމީން ވަނީ ކޯޓުން ފަރުވާ ނުހޯދާ ޕީޕީއެމްގެ މައްސަލަ ހައްލުވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން މަޝްވަރާއަކީ އެންމެ ބޮޑު ހައްލު ކަމަށް ވިދާޅުވި އެވެ. ޕީޕީއެމްގެ ޕީޖީ ގުރޫޕުން ވަނީ ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކުރުމަށް ރައީސް ޔާމީނާއި ރައީސް މައުމޫން އެއް މޭޒެއް ދޮށަށް ގެންގޮސް މަޝްވަރާކުރުމަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް މައުމޫން ޖަވާބެއް ނުދެއްވުމުން އެކަން ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. ސިވިލް ކޯޓަށް ދެ މެންބަރުން މައްސަލަ ހުށަހެޅީ ވެސް ޕާޓީގެ ގުނަވަންތައް ސަސްޕެންޑްކޮށް، ޕާޓީ ހުއްޓުމަކަށް އައިސްފައިވާތީ އެވެ.