އިންޑޮނޭޝިއާގެ ސުލަވެސީ އަށް ފޮތުގެ ބޭނުންތެރިކަން އޮތީ ނުހަނު މުހިއްމުވެފަ އެވެ. ރަށުގެ އާބާދީގެ 10 ޕަސެންޓަކީ ލިޔަންކިޔަން ނުދަންނަ މީހުންނެވެ. އަމިއްލަ ގައުމުގެ ބަހުރުވައިން ލިޔެ ކިޔައި ހަދަން އެބައި މީހުންނަށް ނޭނގޭ އިރު، މުސްލިމުންގެ އާބާދީ ބޮޑު އެ ގައުމުގެ އެ ރަށުގެ މީހުންނަށް ކިޔަން އެނގޭނަމަ އެނގޭ ހަމައެކަނި ފޮތަކީ ކީރިތި ގުރުއާނެވެ. އެއީވެސް ބައެއް މީހުންނަށެވެ.
ދުނިޔޭގެ 61 ގައުމެއް ހިމަނައިގެން ދާދި ފަހުން ހެދި ސާވޭ ރިޕޯޓެއްގައި، ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް އެންމެ މަދު މީހުންގެ ލިސްޓުގައި އިންޑޮނޭޝިއާ އޮތީ ފަހަތުން ދެވަނައިގަ އެވެ. ބޮސްޓްވާނާ ލިސްޓުގެ އެންމެ ފަހަތަށް ވެއްޓުނީ އިންޑޮނޭޝިއާއަށް ވުރެ އެންމެ 10 ޕަސެންޓް ދަށް ވެގެންނެވެ.
މިހެން މިކަން އޮއްވައި މިދިޔަ އަހަރު، މުހައްމަދު ރިދްވާން އަލިމުއްދީން ނަމަކަށް ކިޔާ އެ ގައުމުގެ ނޫސްވެރިއަކު، ފޮތާއި ފޮތް ކިއުމަށް އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަމުގެ ތެރެއިން އެކަމަށް ހައްލެއް ގެނެވޭތޯ ވިސްނަން ފެށިއެވެ. އޭނާގެ މަގުސަދަކަށްވީ ހަމައެކަނި ވަށައިގެންވާ މާހައުލާމެދު ފިކުރު ކުރުމަށް އާދަވެފައިތިބި ކުދި ކުދި ރަށްތަކާއި ފަގީރު އަވަށްތަކުގެ ރައްޔިތުންނާއި ކުޑަ ކުދިންނަށް ފޮތުގެ ހިތްގައިމު ކުލަގަދަ ދުނިޔޭގެ މަންޒަރެއް ދައްކާލުމެވެ. އެކަމަށްޓަކައި އޭނާ ހިޔާރު ކުރީ ރިޔަލު ދޯންޏެކެވެ.
އެ ސަރަހައްދުގައިވާ މަސްވެރި ވިލެޖްތަކާއި ލިޔަންކިޔަން ދަތުމުން މަހުރޫމްވެފައިވާ ކުދި އަވަށްތަކަށް އޭނާ ބަން ރިޔަލު ދޯނީގައި ފޮތް ލައިބްރަރީއެއް ހަދައިގެން ދުއްވަން ފެއްޓި އެވެ. ދޯނި ބަނދެވުމާއެކު އޭނާ އަދާކުރަމުން ދިޔަ ނޫސްވެރިކަމުގެ ވަޒީފާވެސް ދޫކޮށްލީއެވެ. ކުރަން ފެށި މަސައްކަތާއި އެކަމަށް ދެވޭ ވަގުތު އިތުރު ކުރުމަށެވެ. ދޯނި ލައިބްރަރީއަށްވުރެ މާކުރިން އޭނާގެ އުފަން ޕަންބުސަންގު ވިލެޖުގައި ލައިބްރަރީއެއް ހުޅުވާފައިވީ ނަމަވެސް ދޯނި ލައިބްރަރީ ވެގެން ދިޔައީ އޭނާގެ ހިތުން މާ ހާއްސަ މަގާމެއް ދެވުނު ކަމަކަށެވެ.
ކޮންމެ ދުވަހަކުވެސް އެ ދޯނިން އޭނާ އުފުލަނީ އެކި އުމުރު ފުރާތަކަށް ކިޔާލާނެ ރީތި ވާހަކަ ފޮތްތަކާއި ކޮމިކް ފޮތްތަކެވެ. ކުޑަކުދިން ކިޔާހިތްވާ ކަހަލަ ފޮތްތަކާއި ތަސްވީރު ކުރެހުންތަކެވެ. އެ ދޯނީގައި އޭނާވެސް އެ ތަންތަނަށް ދަތުރުކުރެ އެވެ. އޭނާގެ ފޮތް ދޯންޏަށް އެ ރަށްތަކާއި ވިލެޖްތަކުގެ ކުޑަކުދިން ކުރަނީ ފޮނި އިންތިޒާރެކެވެ. ދިގު ގަސްތަކަށާއި ރުއްތަކުގެ ކުރިއަށް އަރައި ކޮންމެ ދުވަހަކުވެސް އެކުދިން ތިބެނީ ދޯނީގެ ކޮޅުމަތި ފެނޭތޯ އެވެ.
އަލިމުއްދީން ހަދާގޮތަކީ ކޮންމެ ވިލެޖަކަށް ގޮސް ބިންމަތީގައި ކާޕެޓެއް އަޅައި އޭގެ މަތީގައި ފޮތްތައް އަތުރާލަނީ އެވެ. އެއާއެކު ކުޑަކުދިން އެތަން ފުރާލައެވެ. އެކުދިންގެ މައިންނާއި އާއިލީ މީހުންނަށް ވެސް އެކަން ވަނީ އީދަކަށެވެ. ފޮތްތަކުގެ ތެރޭގައި އެ ފޮތްތަކުގެ ތަސްވީރުތަކަށް ޝައުގުވެރިކަމާއެކު ބަލަހައްޓައިގެން ކުދިން ތިބޭ މަންޒަރުން އެކަނިވެސް އޭނާގެ މަގުސަދުގައި ކުލަޖެހިގެންދެ އެވެ.
"ކުޑަކުއްޖަކު ފޮތަށް ބަލައިގެން އިނދެ އުފަލުން ހިނިތުންވާ މަންޒަރު ފެނުމުން، އެހެން ހުރިހާ ކަންބޮޑުވުމަކާއި ހާސްކަމެއް ފިލައިގެންދޭ،" އަލިމުއްދީން ބުނެފައިވެ އެވެ.
އިލްމު އުނގެނުމަކީ ހެޔޮކަމެކެވެ. އެ އިލްމު އެހެން މީހުންނާ ހަމަޔަށް ފޯރުކޮށްދިނުމަކީ އެއަށްވުރެ ހެޔޮކަމެކެވެ. އެކަމަށް ބޭނުންވަނީ މާ ބޮޑު މުއްސަނދިކަމަކާއި ފައިސާއެއް ވެސް ނޫނެވެ. އެކަން އަލިމުއްދީން ސާބިތުކޮށްދީފި އެވެ.