މާލޭ ހިޔާގައި ދިރިއުޅޭ މީހުންނާއި އާއިލާތަކާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް މިއަދު ބައްދަލު ކުރައްވާ އެ ފަރާތްތަކުގެ ހާލު އަހުވާލު ބައްލަވައި ޝަކުވާތައް އަޑު އައްސަވައިފި އެވެ.
މިއަދު ހަވީރު ސިނަމާލެ 3 ގެ ފަހަތުގައި އޮންނަ ހުސް ބިމުގައި މެޑަމް އެ އާއިލާތަކާ ބައްދަލު ކުރައްވާފައިވާއިރު އެ ފަރާތްކަށް ހާއްސަ ސަޔަކާއި ބޮނޑިބަތް ކެއުމުގެ އިންތިޒާމް ވެސް ހަމަޖައްސާފައި އޮތެވެ. އަދި މި ބައްދަލު ކުރެއްވުމުގައި އެ މީހުންނަށް ދިމާވެފައިވާ ދަތިތަކާއި އެހީއަށް ބޭނުންވެފައިވާ މީހުންގެ ޝަކުވާތައް މެޑަމް އެއްސެވި އިރު ދިރިއުޅުމާބެހޭ ބައެއް ކަންކަން ސާފު ކުރައްވާ މައުލޫމާތު އެއްކުރެވި އެވެ.
"ރައްޔިތުންގެ އަރިހަށް މެޑަމް ފާތުން" ގެ ނަމުގައި ހިންގާ މި ސިލްސިލާ ހަރަކާތުގެ ތެރެއިން މީގެ ކުރިން ވެސް މާލޭގެ އެކި އަވަށްތަކުގެ ރައްޔިތުންނާ މެޑަމް ބައްދަލުކުރައްވާފަ އެވެ. އަދި އާންމުންނަށް ގުޅުންހުރި މިފަދަ ގިނަ ހަރަކާތްތަކެއް މެޑަމް ވަނީ ހިންގަވާފަ އެވެ. އެގޮތުން މި އަހަރުގެ ތެރޭގައި މާލޭގެ އެކި ގޭގެއަށް ވަކިވަކިން އެކަމަނާ ވަނީ ޒިޔާރާތްކުރައްވާފައެވެ. އަދި އައިޖީއެމްއެޗްގެ އިތުރުން ކ. އަތޮޅުގެ އެކި ހޮސްޕިޓަލްތަކަށް އެކަމަނާ މިހާރުވެސް ގެންދަވަނީ ޒިޔާތްކުރައްވާ ބަލިމީހުންގެ ހާލު ބައްލަވަމުންނެވެ. މީގެއިތުރުން ވިލިމާލެއާ، ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ގޮސް މެޑަމް ފާތިމަތު އިބްރާހިމް ވަނީ އެކުދިންގެ ހާލު ބައްލަވާލައްވާފައެވެ.