ބޮލީވުޑް

މަޝްހޫރުކަން ގެއްލިދާނެތީ އަޖޭ ބިރުގަނޭ

Oct 23, 2016
1

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަޖޭ ދެވްގަން އެންމެ ބިރު ގަންނަނީ އޭނާ އަށް ލިބިފައިވާ މަޝްހޫރުކަން ގެއްލިދާނެތީ އެވެ. މަޝްހޫރުކަން ގެއްލިދާނެ ކަމަށް ބިރު ގަންނަނީ އެތައް ބައެއްގެ ލޯބި ލިބެމުން ދަނިކޮށް ކުއްލިއަކަށް އެހުރިހާ ކަމެއް ހުއްޓިދާނެ ކަމަށް ހީވާތީ ކަމަށް އަޖޭ ވަނީ ބުނެފަ އެވެ.

"އެތައް ބައެއްގެ ފަރާތުން ލިބެމުން އަންނަ ލޯތްބަށް އާދަވެފައި ހުއްޓާ ކުއްލިއަކަށް އެހާ ގިނަ ބައެއްގެ ލޯބި ލިބުން ހުއްޓިއްޖެނަމަ އެކަމުގެ ވަރަށް ބޮޑު އަސަރެއް ކުރާނެ،" އަޖޭ ބުނެފައިވެ އެވެ.

މި ހުކުރު ދުވަހު އަޖޭ ޑައިރެކްޓްކޮށް އެކްޓްވެސް ކޮށްފައިވާ "ޝިވާއޭ" ކަރަން ޖޯހަރުގެ "އޭ ދިލްހޭ މުޝްކިލް" އާއެކު ރިލީޒްވާއިރު އަޖޭ އަންނަނީ އޭނާގެ ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތުގައި ވަރަށް ބުރަކޮށް ހަރަކާތްތެރިވަމުންނެވެ.

"އޭ ދިލްހޭ މުޝްކިލް" އާއި މި ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށްދާނެކަން ވަނީ ޔަގީންވެފަ އެވެ.

އަޖޭ ގަބޫލުކުރާ ގޮތުގައި ގިނަ އަދަދެއްގެ ފޭނުން ތިބުމުން ބައެއް ފަހަރު އެކަމުގެ ފައިދާ ފިލްމުތަކަށް ކުރާއިރު ނުކުރާ ފަހަރު ވެސް އާދެ އެވެ.

އަޖޭ އިތުރަށް ވަނީ އޭނާއަކީ ވަރަށް ލަދުރަކި މީހަކަށް ވުމުން އޭނާގެ ޒާތީ ކަންތައްތަކުގެ ވާހަކަ މީޑިއާގައި މީގެ ކުރިން ނުދައްކާ ކަމަށާއި ނަމަވެސް އޭނާއާ ބެހޭގޮތުން އާންމުންނާ ވާހަކަތައް ހިއްސާކުރުން މިހާރު މަޖުބޫރުވެފައިވާ ކަމަށް ބުނެފަ އެވެ.

"ޝިވާއޭ" އިން ބޮލީވުޑަށް ކުރީގެ މަޝްހޫރު އެކްޓަރު ދިލިޕް ކުމާރަށް ބޮޑުބޭބެ ކިޔާ ސައްޔީޝާ ސެއިގަލް ވެސް ތައާރަފުވާނެ އެވެ.

ގިނަ އަދަދަކަށް އެކްޝަން މަންޒަރުތައް ހިމެނޭ މި ފިލްމަކީ މިހާރު ބޮލީވުޑްގައި ހަދަމުން އަންނަ އެކްޝަން ފިލްމުތަކަށް ބޮޑު ބަދަލެއް ގެންނާނެ ފިލްމެއް ކަމަށް އަޖޭ މީގެ ކުރިން ވަނީ ބުނެފަ އެވެ.