ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރާ އަދަދު އިއުލާންކޮށްފި

Oct 22, 2016

ކޮންމެ ރަށެއްގެ ރަށު ކައުންސިލަކަށާއި، އަތޮޅު ކައުންސިލަކަށާއި، ސިޓީ ކައުންސިލަކަށް އިންތިހާބު ކުރަންޖެހޭ މެންބަރުންގެ އަދަދާއި ދާއިރާތައް އާންމުންނަށް ފެންނާނެހެން ގެޒެޓްކޮށް އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓްގައި މިއަދު އާންމު ކޮށްފި އެވެ.

އަންނަ ޖެނުއަރީ މަހުގެ 14 ގައި ބާއްވާ ތިންވަނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުން، 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން، އަދި ތިން ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިހާބުކުރާނެ އެވެ. ސިޓީ ތަކުގެ ތެރެއަށް އަލަށް އިތުރުވީ ފުވައްމުލަކެވެ.

މިފަހަރުގެ އިންތިހާބުގައި ކޮންމެ ރަށު ކައުންސިލަކުން އިންތިހާބު ކުރާނީ ތިނެއް ނުވަތަ ފަސް ކައުންސިލަރުންނެވެ. އެއީ 3000 އިން ދަށުގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް ތިން ކައުންސިލަރުން، އަދި 3000 މަތީގެ އާބާދީ ހިމެނޭ ކޮންމެ ރަށަކަށް ފަސް ކައުންސިލަރުންނެވެ. އެގޮތުން ފަސް ކައުންސިލަރުން އިންތިހާބުކުރާނީ 13 ރަށެއްގަ އެވެ.

އަތޮޅޮ ކައުންސިލްތަކަށް އިންތިހާބު ކުރާނީ ދެ އިންތިހާބީ ދާއިރާއަށްވުރެ ގިނަ އިންތިހާބީ ދާއިރާ ހިމެނޭ އަތޮޅެއްގައިނަމަ، ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލަރެވެ. ދެ އިންތިހާބީ ދާއިރާ ހިމެނޭ އަތޮޅެއްނަމަ މުޅި އަތޮޅުން ވޯޓުލައިގެން ހޮވާ ތިން ކައުންސިލަރުން ކައުންސިލުގައި ތިބޭނެ އެވެ.

ސިޓީތަކުގައި އިންތިހާބު ކުރާނީ ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް ކައުންސިލް މެންބަރެވެ. އެގޮތުން މާލެ ސިޓީގައި 13 މެންބަރުން، އައްޑޫ ސިޓީގައި ހަތް މެންބަރުން އަދި ފުވައްމުލަކު ސިޓީގައި ތިން މެމްބަރުން އިންތިހާބު ކުރާނެ އެވެ.