ބޭރު ކުޅިވަރު

އިނިއެސްޓާ އަށް ހަފުތާ އަށް ކުޅުމާ ދުރަށް، ދަނޑުން ފޭބީ ރޮމުން

ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އަށް ހަފުތާ އަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

އިތުބާރު މިޑްފީލްޑަރުގެ ކަކުލަށް އަނިޔާވެ އަށިގަނޑުގައި ރޭ ދަނޑުން ބާލަން ޖެހުނީ ސްޕެނިޝަ ލީގުގައި ވެލެންސިއާ އަތުން ބާސެލޯނާ 3-2 އިން މޮޅުވި މެޗުގެ ވަރަށް ކުރީކޮޅު އެވެ. މެޗުގެ 14 ވަނަ މިނިޓްގައި އޭނާ ބާލަން ޖެހުނީ ވެލެންސިއާގެ އެންޒޯ ޕްރޭޒް ކުރި ފައުލަކާ ގުޅިގެންނެވެ. އިނިއެސްޓާ ދަނޑުން ބޭލިއިރު އޭނާ ދިޔައީ ރޮމުންނެވެ.

ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ވަނީ އެންޒޯ ޕްރޭޒް ކުރި ފައުލާ ގުޅިގެން ރެފްރީ އެއްވެސް ވަރަކަށް އަޅާނުލުމުން އެކަމާ ވަރަށް ބޮޑަސް ޝަކުވާ ކޮށްފަ އެވެ.

މި ސީޒަނުގައި ބާސެލޯނާގެ ގިނަ ކުޅުންތެރިންނަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަވަމުންނެވެ. ދެ ޑިފެންޑަރުން ކަމަށްވާ ޖެރާޑް ޕީކޭ އާއި ޖޯޑީ އަލްބާ ވެސް ތިބީ އަނިޔާގަ އެވެ. ވައިސް ކެޕްޓަން ލަޔޮނަލް މެސީ އަނިޔާއިން ރަނގަޅުވިތާ އަދިވީ އެންމެ ހަފުތާއެކެވެ.

ރޭގެ މެޗުގައި ބާސެލޯނާ މޮޅުވީ މެޗުގެ އެންމެ ފަހު ވަގުތުގައި ލިބުނު ޕެނަލްޓީ މެސީ ގޯލަށް ވައްދާލުމުންނެވެ. މެސީ ލީޑް ނަގައިދިން ނަމަވެސް ބާސެލޯނާގެ ކުރީގެ ފޯވަޑް މުނިއާ އަލް ހައްދާދީ އާއި ރޮގްރިގޯ ޖެހި ދެ ގޯލުން ވެލެންސިއާ ލީޑް ވެސް ނެގި އެވެ. ނަމަވެސް އެއްވަރުކޮށްދީ އަދި ޕެނަލްޓީ ހޯދައިދިނީ ސުއަރޭޒް އެވެ.

މެސީގެ ޕެނަލްޓީ ކާމިޔާބު ކުރުމަށްފަހު އޭނާ ވަނީ ވެލެންސިއާގެ ސަޕޯޓަރުން ދަނޑަށް ފުޅިއަކައި ސުއަރޭޒާއި ނޭމާ އަށް އަނިޔާވުމުން އެކަމާ ހިތްހަމަނުޖެހިގެން ވެލެންސިއާގެ ސަޕޯޓަރުންނާ ވެސް ރުޅިއައިސްގެން ދިމާކޮށްފަ އެވެ.