ލައިފްސްޓައިލް

ކުޅުދުއްފުށީގެ ނަސީބު: ދޮންބެގެ ދައުވަތު

ވަރަށް ގިނަ ބަޔަކު ދަންނަ މޫނަކަށް ނުވަތަ މުޅި ރާއްޖެ އަށް އޭނާ މަޝްހޫރުކޮށްލަދިން ޝޯ އަކީ، ޓީވީއެމް އިން ލަވަ އާއި މިއުޒިކް ދިރުވައި ކުރިއެރުވުމަށް ޖެއްސި ކެމްޕޭންތައް އިންޓަނޭޝަނަލް ގިޔަރަށް ވައްޓާލުމުގެ ކުރިން ގެނެސްދިން މަޝްހޫރު ލަވަ ޝޯ، ވޮއިސް އޮފް މޯލްޑިވްސް އެވެ. އޭނާ އަކީ އޭގެ ރަނަރަޕެކެވެ.

އެ ހިސާބުން ދިވެހި ލަވަ އާއި މިއުޒިކްގެ ދުނިޔޭގައި އޭނާ ސެލެބްރިޓީ އަކަށް ބަދަލުވީ އެވެ. މިއީ ވަރަށް ގިނަ ދިވެހިން މި މީހަކު ދަންނަ ގޮތެވެ. އެކަމަކު ކުޅުދުއްފުށީ މީހުންނަށް މި އަބްދުއްރަޝީދު އިބްރާހީމަކީ ނުވަތަ އެންމެން ވެސް އޭނާ އަށް ގޮވާ ނަމުން ނަމަ، ދޮންބެ އަކީ އަބަދުވެސް ނަސީބެކެވެ.

ނަސީބަކަށް ވަނީ ހަމައެކަނި، އޭނާގެ ގެއަށް އެނަމުން ނަން ދީފައިވާތީކީއެއް ނޫނެވެ. އޭނާގެ "ދައުވަތު" ވެސް ހާއްސަވީމަ އެވެ.

"ދައުވަތު" އަކީ 2014 ވަނަ އަހަރުން ފެށިގެން ދޮންބެ ރަޖިސްޓްރީކޮށްގެން މި ރަށުގައި ހިންގާ މިއުޒިކް ގްރޫޕެކެވެ. މި ގްރޫޕަކާއި ލިބިފައި ހުރި މިއުޒިކްގެ އާދަޔާހިލާފު ހުނަރުތައް ބޭނުންކޮށްގެން އޭނާ ދޭ ދައުވަތު ވަކިން ހާއްސަކޮށް މި ދުވަސްވަރަށް މުނާސަބުވެގެން އަންނަނީ މި ރަށުގައި މި ހަފުތާގައި ކުރިއަށްދާ މޯލްޑިވިއަން އައިޑޮލްގެ އޮޝިންތަކާ ހެދި އެވެ.

އިއްޔެ އާއި މިއަދު އޯޕެން އޮޑިޝަން އަދި ޖަޖަސް އޮޑިޝަން ކުޅުދުއްފުށީގައި ކުރިއަށްދާއިރު ދޮންބެ އަކީ ހަގީގަތުގައި ވަރަށް ވެސް މުހިންމު ނަމެކެވެ. ޑިމާންޑް ބޮޑުވެފައިވާ މުދައްރިސެކެވެ. ކުޅުދުއްފުށިން އައިޑޮލްގެ އޮޑިޝަނަށް ތައްޔާރުވާ މީހުންނާއި މި އަތޮޅުގެ އެހެން ރަށްތަކުން ފުރައިގެން މި އޮޑިޝަންތަކަށް އަންނަ ގިނަ މީހުންގެ ވެސް ފުރަތަމަ ޗޮއިސްއަކީ ދޮންބެ އެވެ.

އެހެންވީމަ ބޮޑު ފްރެންޗައިޒް ޝޯއެއްގެ އޮޑިޝަން އަމިއްލަ ރަށުގައި ކުރިއަށްދާއިރު އުމުރުން 41 އަހަރުގެ އަބްދުއްރަޝީދު އެކަމާ ފަހުރުވެރިނުވާންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

"މިކަހަލަ ކަމެއް ދެ ވަނަ ފަހަރަށް މި ރަށުގައި މި އޮތީ. ކުރިން ވެސް ހަމަ މިގޮތަށް ޓްރެއިންކުރިން ބަޔަކު އޮޑިޝަންތަކަށް. އެ މީހުން ޓްރެއިންކޮށްގެން މާލެއާ ހަމަ އަށް ވެސް ގެންދިޔައިން. ދެން މިފަހަރު ވެސް ޓްރެއިންކުރިން ބަޔަކު. އެމީހުންނަށް ވާނެ ގޮތެއް އެނގޭނީ (މިއަދު)،" ނަސީބުގެ ގޯތި ތެރޭގައި ހުރި ޖޯލި ފައްޗެއްގައި އޮވެ ސަމާސާ ރާގާއި މަޒާޖީ ބަސްތައް މަސްހުނިކޮށް ފޯރި އަރުވައި ވާހަކަ ދައްކަމުން ދޮންބެ ބުންޏެވެ.

"މިދިޔަ ސީޒަނުގައި ރ. އަތޮޅު ކުދިންނާއި ހދ. ގެ އެހެން ރަށްތަކުގެ ކުދިން ވެސް ޓްރެއިންކުރި މޯލްޑިވިއަން އައިޑޮލް އަށް. މިފަހަރު ވެސް އެބައުޅޭ ކުދިން."

އެކަމަކު އޭނާ ބުނަނީ މޯލްޑިވިއަން އައިޑޮލް އަށް ކުޅުދުއްފުށީގައި ކިތަންމެ ފޯރިއެއް އޮތް ނަމަވެސް، އައިޑޮލް ކާމިޔާބުކުރެވިދާނެ ފެންވަރާއި އަހުލާގު ހުރި މީހަކު މި ރަށުގައި ނެތް ކަމަށެވެ.

އައިޑޮލް ލިބިދާނެ ފެންވަރުގެ ލަވަކިޔުންތެރިޔަކު މި ރަށުގައި ހުރި ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދިއެއް ނެތް،" ދޮންބެ ބުންޏެވެ.

"އެކަމަކު އެ ވަރުގެ ޓެލެންޓް ހުރި ކުދިން އެބައުޅޭ. އަދި ނެތޭ މި ބުނާ ކަމަކީ، އެކަށީގެންވާ ވަރަށް މި ރަށުގެ ކުދިންނަށް އަދި އެ މަސައްކަތް ނުކުރެވޭތީ. އަޅުގަނޑުމެން ވޮއިސް އޮފް މޯލްޑިވްސްގައި ކުރި މަސައްކަތެއް މި ތިބަ ކުދިންނަކަށް އަދި ގާތަކަށް ވެސް ނުކުރެވޭ. އެހެންވީމަ އަދި ބުނެވޭނީ، އެ ޓެލެންޓް ހުއްޓަސް އައިޑޮލް ލިބޭ ފެންވަރަކަށް ނުދެވެއޭ"

"މޯލްޑިވިއަން އައިޑޮލް ބޭނުން ނަމަ، އެއަށް މަސައްކަތްކުރަނީ ނަމަ އެ ޔަގީންކަން އެބަ އޮންނަ ޖެހޭ. އެކަން ކުރެވިދާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޮންނަން ޖެހޭނެ އެ ކުއްޖަކަށް. އޭނަ ކިޔާ އެއްޗެއް ކިޔަން ޖެހޭނީ އަމިއްލަ ނަފުސަށް ކޮންމެވެސް ކަހަލަ އިތުބާރެއް ވެސް އޮވެގެން."

ދޮންބެ ބުނީ އެންމެ ބޮޑު މައްސަލަ އަކީ، ހަމައެކަނި ބީޓަކަށް ލަވައެއް ކިޔާލަން އެނގުމުން އެއީ އެންމެ މޮޅަށް ލަވަކިޔުން ކަމަށް ގިނަ ކުދިންނަށް ގަބޫލުކުރެވިފައި އޮތުން ކަމަށެވެ.

"ބީޓެއް ނުވަތަ ބީޓްއައުޓެއް ހުންނާތީތާ ލަވައެއް މިކިޔާލެވެނީ. އެކަމަކު ހަގީގަތުގައި ކިޔާލަން އޮންނަ ގޮތަކަށް ނުވަތަ އަޑުއަހާލަން ހުންނަ މީހާ އަށް އެންމެ ފަސޭހަވާނޭ ގޮތަކަށް ނޫން ގިނަ ފަހަރަށް (އެ ހުނަރު) މި ބޭނުންކުރެވެނީ. ހަމަ ބީޓެއް ހުންނާތީ އެ ކުއްޖަކު ވެސް ލަވަކިޔަނީ. އެކަމަކު އެއީއެއް ނޫން އެކަންކުރަންވީ އެންމެ ރަނގަޅު ގޮތަކީ،" ދޮންބެ ބުންޏެވެ.

"ހައިކޮށްލާށޭ ބުނީމަ ވޮލިއުމް ބާރުކޮށްލަނީ ގިނަ ކުދިން. އެކަމަކު ވޮލިއުމް ބާރުކޮށްލިޔަސް އަޑެއް މޮޅެއް ނުވާނެ. ބޮލަށް އުނދަގޫވާނީ."

އެހެންވީމަ ދެން އޮތީ ދޮންބެގެ ދައުވަތެވެ. ނުވަތަ މި އައިޑޮލްއެއް ކާމިޔާބުކުރަން ބޭނުންވާ ކުދިންނަށް އޭނާ ދޭ ނަސޭހަތެވެ.
"މޯލްޑިވިއަން އައިޑޮލް އަކީ ހަގީގަތުގައި ވަރަށް މަތީ ލެވެލްއަކަށް ދެވިދާނެ މުބާރާތެއް. ހާއްސަކޮށް އަދި އެއް ވަނަ ދެ ވަނަ އަށް ވަރަށް ހާއްސަ ހިސާބަކަށް ދެވޭނެ ފުރުސަތު އޮތް މުބާރާތެއް. ބަޔާން ނުކުރެވޭ ވަރަށް ފެންވަރު ވެސް ރަނގަޅު ޝޯއެއް،" ދޮންބެ ބުންޏެވެ.

"އެކަމަކު ވާގޮތަކީ، މީގައި ވާދަކުރަން ނުކުންނަ ނިއު ޖެނެރޭޝަނުން ގަޑިއަށް ފަރުވާ ބެހެއްޓުމާއި މަސައްކަތްކުރުމުގެ (ފެންވަރު ވަރަށް ދަށް). މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަން މި ރަށުގައި އޮންނަކަން އެނގުނީ ވެސް މިއަދަކު ނޫން. މީގެ މަހެއް ދޮޅު މަހެއްހާ ދުވަސް ކުރިން ވެސް އެނގޭ. އެއީ ހަމަޖެހިގެން ތައްޔާރުވާން ލިބޭ ފުރުސަތެއް. އެކަމަކު ހަމަ ގައިގަ ރޯވީމަކާ އެއް ގޮސްގެން މިކަމެއް ނުވާނެ."

މި ވާހަކައެއްގެ ތެރެއިން ގޮސް އެންމެފަހުން ދޮންބެގެ ތައުރީފު މޯލްޑިވިއަން އައިޑޮލްގެ މަޝްހޫރު ދެ ޖަޖުން ކަމުގައިވާ މަރިޔަމް އުނޫޝާ އާއި ކުޑައިއްބެ އަށް ވެސް އޮއްސާލި އެވެ. އަލަށް އައިޑޮލްއާ ގުޅުނު ޖަޖު، އިސްމާއިލް އައްފާންގެ މާ ގިނަ މައުލޫމާތެއް ނުވަތަ އޭނާގެ ކުޅަދާނަކަމެއް ދޮންބެ ބުނީ ނޭނގޭ ކަމަށެވެ.

"އައްފާން ގޮތެއް ނޭނގޭ،" ޖަޖުންނާ މެދު ހިޔާލަކީ ކޮބައިތޯ އަހާލުމުން ދޮންބެ ބުނީ މިހެންނެވެ.

"ކިޑީ (އުނޫޝާ) ހަމަ ރަނގަޅު. ކިޑީ އަކީ މަލްޓިމީޑިއާ މީހެއް. މަލްޓިޓެލެންޓެޑް ކުއްޖެއް. ލަވައިގެ މައްޗަށް އުފަންވެފައި ހުރި އަންހެން ކުއްޖެއް. އޭނަގެ ބައްޕަ (އިމާދު އިސްމާއިލް) އަކީ އަޅުގަނޑުގެ ވެސް އެއް މުދައްރިސް ކީބޯޑްސްގައި. ދެން އޭނާގެ މަންމަ އަކީ ވެސް ލަވަކިޔުންތެރިއެއް. އެހެންވީމަ މިކަހަލަ އެއްޗެއްގައި ޖަޖުކޮށްލަން ކިޑީވަރެއް ނޯންނާނެ"

"ކުޑަ އިއްބެ ވެސް އޯކޭ. އޭނާ އަކީ އިންސްޓްރުމަންޓް ކުޅޭ މީހަކަށްވާތީ، މިއުޒިކް ކޮމްޕޯޒަރަކަށްވާތީ އިއްބެ އަށް އެނގޭނެ ނުބައި ސްކޭލަކުން ދިޔަޔަސް ވަރަށް ފަސޭހައިން. އެ ފެންވަރުގެ މީހަކު މިކަހަލަ ޕެނަލެއްގައި ހުރުމަކީ ވަރަށް މުހިންމު ކަމެއް."