ލައިފްސްޓައިލް

އޭދަފުށީގެ އިހްތިރާމެއް: ފައިވާން ބޭރުގައި ބަހައްޓާ!

އޭދަފުއްޓަށް ދަނީ މުޅިން އަލަށް ކަމުގައި ވަނީ ނަމަ މިއީ އެމީހުންގެ ލައިފްސްޓައިލުން ކޮންމެހެން ވެސް އެނގެން ޖެހޭ ކަމެކެވެ. އެ މީހުންގެ އާންމު ދިރިއުޅުމުން ލިބިގަތުން މުހިންމު ފިލާވަޅެއް ކަމަށް ވެސް ވެދާނެ އެވެ. އަދި އެމީހުންގެ ސަގާފަތަކީ ކޮބައިތޯ ހޯދައި ބަލާއިރު ވެސް މިއީ ފާހަގަކޮށްލެވޭ މުހިންމު ސިފައެކެވެ.

ފަހަރެއްގައި ބ. އޭދަފުށީ މީހުންނަށް ހާއްސަ ސިފައެކެވެ. އެހެން ނުވެވެސް ހިނގައިދާނެ އެވެ.

ރަށުގައި ގާތްގަނޑަކަށް ފަންސާހެއްހާ ފިހާރަ ހުރިއިރު މީގެ ތެރެއިން ހައެއްކަ ފިހާރަ ފިޔަވައި ދެން ހުރި ހުރިހާ ފިހާރައަކަށް މީހުން ވަންނަނީ ބޭރުގައި ފައިވާން ބަހައްޓާފަ އެވެ. ރަށު ތެރޭގައި ގޯޅިއަކަށް ވަދެ ގޯޅިއަކުން ނުކުމެ ހަދަމުން ދަނިކޮށް މި މަންޒަރު ފެނުމާއެކު ޝައުގުވެރިވެ ހައިރާންވެސްވި އެވެ.

ސަމާސާއަކަށް މި ވާހަކަ ހަދާ ނަމަ، ބުނަން ޖެހޭނީ މި ރަށުގައި މީހުން ފިހާރަ ފިހާރަތަކަށް ވަދެ އުޅެނީ މީހުން މިސްކިތްތަކަށް ވެސް އަރައި އުޅޭ ގޮތަށް އިހުތިރާމާއެކުގައި ކަމަށެވެ. މި އާދައިގެ ފަހަތުގައި އޮތް ސިއްރު ހޯދައި ބަލައިލިއިރު މިއީ އަދި މާ ބޮޑު ސަގާފަތަކާއި ތާރީޚެއް އެކަމުގައި އޮތް ކަމެކެވެ.

"ތިޔައީ ޒަމާނުއްސުރެން ވެސް މި ރަށު މީހުން ފިހާރަ އަށް ވަދެ އުޅޭ ގޮތް. މިއީ މިހާރު ވަރަށް ބޮޑު ތާރީޚެއް އެކަމުގައި އޮތް ކަމެއް. ފައިވާނާއެކު މީހުން ވަދެ އުޅޭ ފިހާރަތައް ވަރަށް މަދުވާނެ މި ރަށުގައި،" ފައިވާން ބޭރުގައި ބަހައްޓާފައި ފިހާރައަކަށް ވަދެ ތަނުގެ ސޭޓު މީހާއާ އަނގަ ތަޅައިލުމުން އޭނާ ކިޔައިދިނެވެ.

މިހެން އޮތް ނަމަވެސް މި ރަށަށް އަލަށް އައިސް އެންމެ ފުރަތަމަ ރަށުގެ ފިހާރަތަކަށް ވަދެވުނީ ފައިވާނުގަ އެވެ. އެކަމަކު ފައިވާން ބޭރުގައި ބެހެއްޓުމަށް ރަށު މީހުން ފައްކާކޮށްފައިވާ އާދަ އާއި އަހުލާގު ފެނި އެންމެފަހުން މިހާރު އެމީހުންގެ އެ އާދައަށް ހޭނިއްޖެ އެވެ. އެ ގޮތް ކަމުވެސް ހިނގައްޖެ އެވެ. މިވަރުން ދާ ނަމަ މާލެ އަށް އެނބުރި ގޮސް ފިހާރައަކަށް ވަންނަ ކޮންމެފަހަރަކު ފައިވާން ބޭރުގައި ނުބެހެއްޓިއްޖެ ނަމަ ނަސީބެކެވެ.

އެ ވާހަކައެއް ނޫނެވެ. މި ތަފާތު ސަގާފަތް އޭދަފުށީ އާންމުންގެ މެދުގައި އޮތީ ކީއްވެގެންތޯ އެވެ؟

"މަގުތައް ހުރި ގޮތް މި ފެންނަނީ،" ސައިކަލަށް އަޅާނެ ޕެޓްރޯލު ފުޅިއެއް ގަނެގެން ފިހާރައަކުން ނުކުމެ ފައިވާނަށް އަރަމުން މަގުމަތީގައި ހެދިފައި ހަޑިކިލާގަނޑަކަށް އިޝާރާތްކޮށް ޒުވާނަކު ބުނެލި އެވެ.

"ދެން ފިހާރަތަކަށް ވަންނަންވީ މިހުރިހާ ޗަކައަކާ އެކުގައިތަ؟"

އެކަމަކު މިއަށް ވުރެން ހަމަޖެހޭ ޖަވާބެއް ދިނީ ފިހާރައެއްގެ އެހެން ސޭޓެކެވެ. އޭނާ ބުނީ ވާރޭ ވެހި މަގުތައް ހަޑިވެފައި ނެތަސް، ފައިވާން ބޭރުގައި ބެހެއްޓުމަކީ ރަށު މީހުންގެ އާދައެއް ކަމަށެވެ.

ގާތްގަނޑަކަށް ހުރިހާ ފިހާރަތަކެއްގައިހެން ޖަހާފައި ހުންނަނީ ވަރަށް އޮފު، ފަސޭހައިން ކަހާލައިގެން ހިނގައިދާނެ ކަހަލަ ތަށިމުއްޓެވެ. ސޭޓުން ބުނީ ފައިވާން ބޭރުގައި ބަހައްޓާ އެންމެ ބޮޑު ސަބަބަކީ އެއީ ކަމަށެވެ.

"ދެން ވާގޮތަކީ ފައިވާނާ އެކު ފިހާރަ ތެރެއަށް ވަނީމަ، މުށި މަތީގައި ޖަމާވެފައި ހުންނަ ވެއްޔަށް އެރި ފައި ކަހާލައިގެން ވެއްޓޭ ގޮތް ވެސްވޭ. ދެން އަނެއްކޮޅުން ބަލާއިރު އެގޮތަށް އައިސް ފައިވާނާއެކު ފިހާރަ ތެރެއަށް ވަނީމަ ސާފު ކުރުމަކީ ވެސް ވަރަށް އުނދަގޫކަމެއް،" ސޭޓު ބުންޏެވެ.

ކޮންމެއަކަސް މި ސަގާފަތެއް ރަށުގައި ވަރުގަދަ އަށް ތަންފީޒުކޮށްފައިވާއިރު ފިހާރަތަކުގެ އެތެރެ ވަރަށް ވެސް ނަލަވެފައި ސާފުތާހިރު ކަމަށް ފާހަގަކޮށްލެވެ އެވެ. ބައެއް ފިހާރަތައް "ތިއްތިކޮށްލާފައި" ހުންނަ ގޮތން ގޮސް މިވަދެވެނީ ގެއެއްގެ ސިޓިންރޫމަށް ނުވަތަ ކޮޓަރިއަކަށް ހެން ވެސް ހީވާ ފަހަރު ދެ އެވެ.

އޭދަފުއްޓަށް ދަތުރު ކުރަނީ އަލަށް ހެއްޔެވެ؟ މި ރަށުގެ އަހުލުވެރިންގެ މިޒާޖާއި އާންމު ދިރިއުޅުމުން އާދަޔާހިލާފު ސިފައެއް އެނގެން ބޭނުންވަނީ ކަމުގައި ވަނީ ނަމަ ޔަގީނަށް ވެސް މިއީ އޭގެ ތެރެއިން ތަފާތު އަދި އެނގިފައި އޮތުން ރަނގަޅު ސިފައެކެވެ. – އޭދަފުށީ މީހުންނަކީ އާދައިގެ ބައެއް ނޫނެވެ!

-- އޭދަފުށިން: އަހުމަދު ނަދީމް / އަވަސް އޮންލައިން