ހަބަރު

ދިއްދޫ އަދި ކެނދިކުޅުދޫއަށް ބޭނުންވާ ކޭބަލް ގަންނަން ލަންކާ ކުންފުންޏަކަށް

ހއ. ދިއްދޫ އަދި ނ. ކެނދިކުޅުދޫގެ ކަރަންޓު ވިއުގައަށް ބޭނުންވާ ކޭބަލް ގަންނަން ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މިއަދު މެންދުުރުފަހު ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަ ދައްކަވަމުން ފެނައިކައިގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދިއްދޫގައި 2،300 މީޓަރުގެ އެޗްވީން ނެޓްވޯކެއް ގާއިމްކުރާނެ ކަމަށެވެ. އަދި 250 ހައުސިން ޔުނިޓަށް ކަރަންޓުގެ ހިދުމަތް ދީ ދިއްދޫގައި ވޯލްޓޭޖް ދަށް ސަރަހައްދުތަކުގައި ޓްރާންސްފޯމާ ބަހައްޓައި އެލްވީ ނެޓްވޯކް އަޕްގްރޭޑްކުރުމަށް ބޭނުންވާ ކޭބަލް ގެންނާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

މި ޕްރޮޖެކްޓް މިހާ އަވަސްކޮށް ކުރިއަށް ގެންދަން ނިންމީ ދިއްދޫގެ މަގުތައް ތާރުއަޅައިގެން ހަދާތީ ކަމަށާއި މަގު ހެދުމަށްފަހު މަގުތަކުގައި ކޭބަލް ވަޅުލަން ދަތިތަކެއް ކުރިމަތިވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. ޖުމްލަ 4.2 މިލިއަން ރުފިޔާއަށް މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ އިލެކްޓްރޯ މެޓަލް ޕްރަސީން ކުންފުންޏާ އެވެ.

މިއަދު ސޮއިކުރި ޕްރޮޖެކްޓްގެ ދަށުން ކެނދިކުޅުދޫގައި އެލްވީ ނެޓްވޯކް އަޕްގްރޭޑްކުރުމަށް ބޭނުންވާ ކޭބަލް ސަޕްލައިކޮށްދޭނެ އެވެ. މި ޕްރޮޖެކްޓް ވެސް ހަވާލުކޮށްފައިވަނީ އިލެކްޓްރީ މެޓަލް ޕްރަސީން ކުންފުންޏާ އެވެ. މި ދެ ޕްރޮޖެކްޓްގެ މަސައްކަތްވެސް 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.