"އަބަދުވެސް ވަރުބަލިވަނީ. ހީކުރީ ރަނގަޅަށް ނުނިދާ އުޅޭތީ ކަމަށް. އެހެންވެ ތިން ދުވަހުގެ ޗުއްޓީއެއް ނަގައިގެން ރަނގަޅަށް ނިދިވެސް ހަމަކޮށްފިން. އެކަމަކުވެސް ހަމަ ވަރުބަލިވަނީ." ސިއްހަތާމެދު އަމިއްލައަށް ފަރުވާކުޑަކުރެވޭ ވާހަކަ ދައްކަމުން ރައްޓެއްސަކު ބުނީ މިހެންނެވެ. މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެއް ކަމަށްވެ އެވެ.
މިކަމާ ބެހޭގޮތުން ސިއްހަތާ ބެހޭ މާހިރުން ތަފާތު ގިނަ ދިރާސާތަކެއްވަނީ ކޮށްފަ އެވެ. ހުރިހާ ދިރާސާއެއް ވެސް އިއްތިފާގުވާ އެއްކަމެއް އެބައޮތެވެ. ދިރިއުޅުމުގެ އާދަތައް ގެންގުޅޭ ގޮތެވެ. ގެންގުޅެވޭ ބައެއް ނުރަނގަޅު އާދަތަކެއްގެ ސަބަބުން އެތައް ދުވަހެއް ބޭކާރުވެގެން ދަނީ އެވެ.
އެންމެ ފަހުން ކަސްރަތުކުރީ ކޮން ދުވަހަކު؟
ހަނދާން ކުރަން އިތުރަށް ސިކުނޑިއަށް ބާރުލާނެ ކަމެއް ނެތެވެ. އެންމެ ފަހުން ކަސްރަތު ކުރި ދުވަހެއް ހަނދާނެއް ނެތެވެ. ކޮންމެ ދުވަހަކު އަށް ގަޑިއިރަށްވުރެ ގިނައިރު ތި އިންނަނީ ކޮމްޕިއުޓަރު ކުރިމަތީގަ އެވެ. އެކަމަކީ ހީކުރާ ވަރަށްވުރެ ބޮޑު ގެއްލުމެއް ހަށިގަނޑަށް ލިބޭ ކަމެކެވެ. ހަމައެކަނި ޖިސްމާނީ ގޮތަކުން ނޫނެވެ. ނަފްސާނީ ގޮތުންވެސް މެ އެވެ.
ހަމައެކަނި ބަރުދަން އިތުރުވާނީކީ ވެސް ނޫނެވެ. އެއީ ނިދުމަށް ވެސް ހުރަސް އަޅާ ކަމެކެވެ. ނިދުމަށް ހަށިގަނޑު ބޭނުންވާ ހަކަތަ އުފެއްދުމަށް ހުރަސް އަޅާ ކަމެކެވެ. އެހެންވީމަ ކޮންމެ ދުވަހެއްގެ ބިޒީ ޝެޑިއުލްގެ ތެރެއަށް ކަސްރަތު ކުރުންވެސް ލާށެވެ. ހިނގާލާ ނުވަތަ ބައިސްކަލް ދުއްވާލުމަކީވެސް އެންމެ ރަނގަޅު ކަސްރަތެކެވެ. ކޮންމެވެސް ވަގުތެއް އޮންނާނެ އެވެ. އެންމެ ރަނގަޅީ ފަތިހެވެ. އޮފީހަށް ދިއުމުގެ ކުރިން ކަސްރަތު ކުރަން ދާން ފެށީމަ ވަރުބަލިކަން ފިލާފާނެ އެވެ.
ފެން ގިނަ ކުރޭ!
ދުވާލަކު ކިތައް ތަށި ފެން ބޮވޭ ހެއްޔެވެ؟ ފެނަކީ ހަށިގަނޑަށް އެންމެ މުހިންމު މާއްދާކަން އެނގެ އެވެ. ފެންފުޅި ކައިރީގައި ބަހައްޓައިގެން އުޅުނަސް ކަމަކު ނުދާނެ އެވެ. ފެން މަދުވުން ނުވަތަ ޑީހައިޑްރޭޓް ވުމަކީވެސް ވަރުބަލިވާން މަގުފަހިކުރުވާ ކަމެކެވެ. ފެނުގެ ބަދަލުގައި އެކި ކަހަލަ ޖޫސް ބޭނުންކުރިއަށް ކަމަކު ނުދާނެ އެވެ. ފެން މަދުވުމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް ބަރާބަރަށް މަސައްކަތް ކުރުމުގައި ދަތިތަކެއް ކުރިމަތި ކުރުވަ އެވެ. އެކަމުގެ ސަބަބުން ހިތުން އޮކްސިޖަން ފޯރުކޮށްދޭ މިންވަރު މަދުވެ ހަށިގަނޑު ވަރިބަލިކޮށްލުވަ އެވެ. އެންމެ މަދުވެގެން ކޮންމެ ދުވަހަކުވެސް އަށް ތަށްޓާއި 10 ތައްޓާއި ދެމެދުގެ ފެން ބޯން ޖެހޭއިރު ހަކުރު ހުންނަ ބުއިންތައް ބޭނުންކުރުން ވެސް މަދުކުރަން ޖެހެ އެވެ.
އިންސާނުންގެ ސިކުނޑީގެ 85 ޕަސަންޓަކީ ފެން ކަމުގައިވާއިރު ހަށިގަނޑަށް ފެން ބޭނުންވާވައިރު އަމިއްލައަށް އިހުސާސްކޮށްލާށެވެ. ހަށިގަނޑަށް ފެން މަދުވުމުކީ އަރާމު ނިންޖަށް ހުރަސް އަޅާ ކަމެކެވެ. ދުވާލު ގަޑީގައި އެކަށީގެންވާ ވަރަށް ފެން ބޯނަމަ ރޭގަނޑު އަރާމުކޮށް ނިދަން އެހީތެރިވެދީ ސިކުނޑީގެ މަސައްކަތް ވެސް އެންމެ އެދެވޭ ގޮތެއްގައި ފަންކްޝަން ކުރުމަށް އެހީތެރިވެދެ އެވެ.
ކެއުމުގައި ރަނގަޅު ކާނާ ހިމެނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެއްވެސް ބެލެންސެއް ނެތް ޑައިޓެއް ގެންގުޅޭނަމަ ވަރުބަލި ވުމަކީ އާންމު ކަމަކަށް ވެދާނެ އެވެ. މާގިނައިން ފެޓް ނުވަތަ ކާބް ހުންނަ ކާނާ ކެވޭނަމަ އެކަމަކީވެސް ވަރުބަލިވުމަށް މެދުވެރިވާ ސަބަބަކަށްވެ އެވެ. ސިއްހަތަށް ފައިދާހުރި ރަނގަޅު ޑައިޓެއް ބޭނުން ކުރާނަމަ ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން ވެސް ހަށިގަނޑަށް ބަދަލުތަކެއް ގެނުވާނެ އެވެ.
ހަށިގަނޑުގައި ވަރު ޖައްސާ، ވަރުބަލިވުމާއި ދުރުކޮށްދޭ ބައެއް ކާނާތަކަށް ބަލާއިރު ރެޑް މީޓް، ނަޓްސް، ފެހި ފަތާއި ތަރުކާރީ އަދި ހިކި މޭވާތަކަކީ ފާހަގަކޮށްލެވޭ ކާނާތަކެވެ. ހަކުރު ހުންނަ މިންވަރު މަދުކޮށް ފައިބާ ގިނައިން ލިބޭ އަދި ހަށިގަނޑުގައި ވަރުޖައްސާ ނިއުޓްރިއަންޓް ހުންނަ ކޮންމެ ކާނާއެއް ވެސް ރަނގަޅުވާނެ އެވެ.
ހަނދާން ކުރަންވީ ކަމަކީ ދުވަހުގެ ފެށުން ރަނގަޅު ކުރުމެވެ. މިފަދަ ކާނާ އާއެކު ހެނދުނުގެ ނާސްތާ ކޮށްފިނަމަ އެ ދުވަހަކީ ވަރުބަލިކަން ކުޑަ ދުވަހަކަށް ވުމަށް އެހީތެރިވެދެ އެވެ. ދުވަހުގެ އެހެން ވަގުތުތަކުގެ ކެއުންވެސް އޭގެ ވަގުތުގައި ކެއުމުން ދުޅަހެޔޮކަން އިތުރުކޮށްދީ އެނާޖެޓިކް ދުވަހަކަށް ވާން މަގުފަހިކޮށްދެ އެވެ.
ޑިޕްރެޝަން އަދި ސްޓްރެސް
އަބަދުވެސް ވަރުބަލިވެފައި ހުންނަން ދިމާވާ އަނެއް ސަބަބަކީ މި އެވެ. މާބޮޑަށް ސްޓްރެސްވެ ޑިޕްރެސް ވުމެވެ. މިކަމުގެ ސަބަބުން މަސައްކަތް ކުރާ ހިތްނުވެ އަބަދުވެސް ފޫހިވެފައި ހުރެ އެވެ. ކިތަންމެ ކުޑަކަމަކާއި ސްޓްރެސް ވިއަސް ދެރަވެ ކަންބޮޑުވަނީ މާބޮޑަށެވެ. ރަނގަޅަށް ކަސްރަތުކޮށް ރަނގަޅު ޑައިޓެއް ނަަގަން ފަށާށެވެ. ސްޓްރެސް އަދި ޑިޕްރެޝަން އާ ދުރުކޮށްދޭނެ އެވެ.
ސިއްހީ އެހެން މައްސަލައެއް އެބައުޅޭ!
މިހާރު ނަގާ ޑައިޓު ވަރަށް ފުރިހަމަ އެވެ. ހަށިގަނޑަށް ބޭނުންވާ ހުރިހާ މާއްދާއެއް އެކުލެވެ އެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބޭނުންކުރެވެ އެވެ. ރަނގަޅު ޑައިޓެއް އަދި ކަސްރަތު ކުރެވޭތީ ސްޓްރެސްވާ މިންވަރު ކުޑަ އެވެ. ނަމަވެސް ވަރުބަލިވާ މިންވަރު އަދިވެސް ކުޑައެއް ނުވެ އެވެ. ލޭގައި ހީމޯގްލޯބިން އުފެދޭ މިންވަރު އިތުރުކުރަން އަދިވެސް ދަތިތަކެއް ކުރިމަތިވެ އެންމެ ފުރިހަމައަށް ލޭގައި އޮކްސިޖަން ދައުރެއް ނުކުރެ އެވެ.
ޑޮކްޓަރާއި ހަމައަށް ދާންވީ ވަގުތު ތިއޮތީ ޖެހިފަ އެވެ. ސިއްހީ އެހެން މައްސަލަތަކެއް އެބައުޅެ އެވެ. ތައިރޮއިޑްގެ މައްސަލައަކަށްވެސް ވެދާނެ އެވެ. ނުވަތަ އެހެން ބައްޔެއްގެ އަލާމާތަކަށްވެސް ވެދާނެ އެވެ. ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުން މުހިންމެވެ.