ލައިފްސްޓައިލް

ފޮތް ކިޔާ ކުއްޖަކަށް ދަރިފުޅު ބަދަލުކޮށްލާނީ މިހެން!

Oct 24, 2016
2

ދަރިފުޅަކީ ފޮތް ކިޔާ ކުއްޖަކަށް ހަދަން ބޭނުންވަންޏާ އަމިއްލާ ނަފްސާ ކުރަންޖެހޭ ސުވާލެއް އެބައޮތެވެ. ތިއީ ފޮތް ކިޔާ މީހެއް ހެއްޔެވެ؟ ފޮތް ކިޔަން ކިހާ ވަރަކަށް ޝައުގުވެރިކަން ހުރޭ ހެއްޔެވެ؟

ސްކޮލާސްޓިކް ކޯޕަރޭޝަނުން އެންމެފަހުން ކުރިއަށް ގެންދިޔަ ދިރާސާއިން ދައްކާ ގޮތުގައި ދަރިންގެ ފޮތް ކިޔުން ބިނާވަނީ މައިންބަފައިން ފޮތްކިޔާ މިންވަރުގެ މައްޗަށް ކަމަށެވެ. މައިންބަފައިންނަކީ ފޮތް ކިޔާ އަދި ފޮތް ކިޔަން ލޯބި ކުރާ ބައެއް ނަމަ ދަރިން ވެސް ފޮތް ކިޔުމަށް ލޯބިކުރާނެ ކަމަށެވެ. އަދި ފޮތް ކިޔުމުގައި ގިނަ ވަގުތު ހޭދަކުރާނެ ކަމަށެވެ.

ސްކޮލާސްޓިކް އިން މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ އުމުރުން ހަ އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިން ތިބޭ 2،500 އާއިލާ ބޭނުން ކޮށްގެންނެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ދާއިމީ ގޮތެއްގައި ފޮތް ކިޔާ ކުދިންނަކީ އެކުދިންގެ މައިންބަފައިން ވެސް ގަވާއިދުން ދާއިމީ ގޮތެއްގައި ފޮތްކިޔާ ކުދިންނެވެ. ކުދިން ލައްވާ ގިނައިން ފޮތް ކިޔުއްވާ ފޮތް ކިޔާ ކުދިންނަށް ހެދޭނީ މައިންބަފައިން މިސާލު ދައްކައިގެންނެވެ. މައިންބަފައިން ފޮތް ނުކިޔާ ކުދިން ކައިރީ ފޮތް ކިޔަން ބުނުމުން ފޮތް ކިޔުމުގެ މުހިންމުކަން ކުދިންނަށް އިހުސާސެއް ނުކުރެވޭނެ އެވެ. ކުޑައިރު ފޮތް ކިޔުމުގެ އާދަ އަށަގަންނަވައި ނުދެވިއްޖެނަމަ ބޮޑެތިވެގެން އަންނަ އިރު އެކުދިންނަކީ ފޮތް ކިޔާހިތްވާ ކުދިންތަކަކަށް ނުވާނެ އެވެ.

އުމުރުން ހަ އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިންނަށް ބަލާއިރު ކުދިން ފޮތް ކިޔުމަށް އެންމެ ބޮޑު ޝައުގުވެރި ކަމެއް އުފެއްދޭނެ ކަމެއް ކަމަށް ދިރާސާއިން ދައްކަނީ މައިންބަފައިން އެކުދިންނަށް ފޮތް ކިޔައިދިނުމެވެ. ހަފްތާއަކު ފަހެއް ނުވަތަ ހަތް ދުވަހު މައިންބަަފައިން ކުދިންނަށް ފޮތް ކިޔައިދޭނަމަ ކުދިން އެކަމަށް ޝައުގުވެރިވެ އަމިއްލައަށް ފޮތް ކިޔަން މަސައްކަތް ކުރާނެ އެވެ.

އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިން އެންމެ ބޮޑަށް ފޮތަށް އަހުލުވެރި ކުރެވޭނެ ކަމަށް ދިރާސާއިން ދައްކަނީ ވިހާވެސް ގިނަ ފޮތް ގޭގައި ބެހެއްޓުމެވެ. ގޭގެ ލައިބްރަރީ މުއްސަނދި ކުރުމެވެ. އަދި މީގެ އިތުރުން ޓީވޭ ބެލުމާއި ގޭމް ކުޅުން އަދި ސޯޝަލް މީޑިއާގައި ކުދިން ހޭދަކުރާ މިންވަރު މަދުކުރުމަކީވެސް ފޮތް ކިއުމަށް ޝައުގުވެރިކަން އިތުރުކުރުވާނެ ކަމެކެވެ. އަދި މީގެ އިތުރުން ކުދިން ކިޔާ ފޮތްތައް މައިންބަފައިންވެސް ކިޔާށެވެ. އަދި އެފޮތާ ބެހޭގޮތުން ކުއްޖާއާ ވާހަކަ ދައްކާށެވެ. މިއީ ކުއްޖާ ޝައުގުވެރިކުރުވާނެ ކަމެކެވެ.