މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ އާއި ޔުނައިޓެޑާއި ލިވަޕޫލްގެ ކުރީގެ ފޯވަޑް މައިކަލް އޮވެން ޓުވިޓާގައި އެކަކު އަނެކަކަށް ޖެއްސުންކޮށްފި އެވެ.
މިކަންތައް ފެށުނީ ޓީވީ އެނަލިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އޮވެން ޕްރެމިއާ ލީގުގައި ވެސްޓް ބްރޮމް އަތުން ލިވަޕޫލް މޮޅުވާން ދަނިކޮށް ކުރި ޓުވީޓަކާ ގުޅިގެންނެވެ. ލިވަޕޫލް ކުޅުންތެރިންނަށް ހިތްވަރުދީ އޮވެން ބުނެފައިވަނީ ދެ ލަނޑުން މޮޅުވުމަކީ ޓޭބަލުގެ ކުރި ލިވަޕޫލަށް ލިބޭނެ ކަމެއް ކަމަށެވެ.
މިއާ ވިދިގެން ރޫނީ ޓުވީޓްކޮށް ބުނެފައިވަނީ އޮވެންޓްގެ ޓުވީޓް ވަރަށް ޝައުގުވެރި ކަމަށާއި އޭނާ ހީކުރީ އޮވެން އަކީ ޔުނައިޓެޑްގެ ސަޕޯޓަރެއް ކަމަށެވެ.
"އަހަރެންގެ ކުރީގެ ޓީމުތައް މޮޅުވާން އަހަރެން އެދެން. އެކަމަކު ފުރަތަމަ ލޯތްބަކީ ލިވަޕޫލް. ރޫނީ އަށް ކިހިނެތް މިކަން އޮތީ. އެއްދުވަހަކު ނޫ ކުލަވީމަ އަބަދުވެސް ނޫކުލަތަ؟" އޮވެން ސުވާލުކުރި އެވެ.
އޭނާ މި ގޮތަށް ސުވާލުކުރީ ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން ރޫނީ އަކީ އެވަޓަންގެ ކުޅުންތެރިއަކަށް ވެފައި ރޫނީ ބޮޑުވީ ވެސް އެވަޓަންގައި ކަމަށްވާތީ އެވެ.
ޖަވާބުގައި ރޫނީ މައާފަށް އެދެމުން ބުނީ އޭނާގެ ރަހުމަތްތެރިޔާ އަކީ އެންމެ ކުޑައިރު އެވަޓަންގެ ސަޕޯޓަރެއްގެ ކަމަށް ކުރިން ހީކުރި ކަމަށާއި ނަމަވެސް އޮވެންގެ ހިތްއޮތީ ލިވަޕޫލާއެކު ކަމަށް ބުނުމުން އޭނާގެ ހީކޮށްގެންހުރި ގޮތް ގޯސްކަން މިހާރު އެނގިއްޖެ ކަމަށެވެ.
މި ދެ ކުޅުންތެރިން މިގޮތަށް ޖެއްސުން މިކުރީ ޒަމާނުއްސުރެ ލިވަޕޫލާއި ޔުނައިޓެޑްގެ ވާދަވެރިކަމުގަ އެވެ. އޮވެން އަކީ އެވަޓަން ސަޕޯޓަރެއް ކަމަށް ހީކުރިކަމަށް ރޫނީ ބުނެފައިވަނީ އެވަނީ އެވަޓަން އަކީ ލިވަޕޫލް ނިސްބަތްވާ ހިސާބުގެ އަދި އެންމެ ވާދަވެރި އެއްކުލަބަށްވީތީ އެވެ.
ރޫނީ އާއި އޮވެން އެކުގައި ޔުނައިޓެޑްގެ އިތުރުން އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅުނެވެ. ލިވަޕޫލްގެ ސަޕޯޓަރުންގެ ލޯތްބާއި އިހްތިރާމް ހޯދި އޮވެން އެކުލަބު ދޫކޮށްލީ ސްޕޭނުގެ ރެއާލް މެޑްރިޑަށް ދިއުމަށެވެ. އޭގެ ފަހުން އެނބުރި ލިވަޕޫލަށް ދާން އޭނާ ބޭނުންވި ނަމަވެސް ފުރުސަތު ލިބުނީ ނިއުކާސަލް އާއި މެންޗެސްޓާ ޔުނައިޓެޑުންނެވެ. ނަމަވެސް ޔުނައިޓެޑަށް ދިއުމަކީ ލިވަޕޫލްގެ ސަޕޯޓަރުން އޮވެންދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު މައްސަލައެކެވެ. އެކަމަކު އޮވެން ބުނެފައިވަނީ އޭނާ ލިވަޕޫލަށް ދާން ވަރަށް މަސައްކަތްކުރި ކަމަށާއި ޔުނައިޓެޑަށް ދާން ޖެހުނީ ތަކުރާރުކޮށް މަސައްކަތްކޮށްގެން ވެސް ލިވަޕޫލް ފުރުސަތު ނުލިބުމުން ކަމަށެވެ.