ޗެލްސީ އަތުން މެންޗެސްޓާ ޔުނައިޓެޑް ރޭ 4-0އިން ބަލިވި މެޗުގައި އިތުރަށް ކުޅުނުނަމަ ފަސް ވަނަ ގޯލެއް ވެސް ޖަހާނެ ކަމަށް ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކުރީގެ ކޯޗު ބުނީ އޭނާގެ ޓީމު ކޮޅަށް މެޗުގެ ފުރަތަމަ 30 ސިކުންތު ތެރޭގައި ވަން ގޯލާއެކު ގޭމުގެ ތެރެއަށް އެނބުރި ނާދެވުނީ ކުޅުންތެރިންގެ އަމިއްލަ މިސްޓޭކްތައް ގިނަވުމުން ކަމަށެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖެހީ ޕެޑްރޯ އެވެ. އޭގެ ފަހުން ގެރީ ކާހިލް ޖެހި ލަނޑަށް ފަހު ފަހު ހާފުގައި ތިން ވަނަ ލަނޑު ޖެހީ އެޑެން ހަޒާޑެވެ. ފަހު ގޯޅު ޖެހީ އެންގޯލޯ ކާންޓޭ އެވެ.
"އެކެއް ސުމެއްގައ އޮއްވާ އެކެއްވާން ލިބުނު. ދޭއް ސުމެއްވީމާ 2-1ވާން ޗާންސް ލީބުނު. ހާފް ޓައިމްގައި އަހަރެން ބުނިން އަހަރުމެންނަަށް ގޯލެއް ޖެހިއްޖެނަމަ މެޗު ބަދަލުވާނެއޭ. އެކަމަކު ގޯލެއް ނުޖެހި 3-0ވީ. އަދި ގޯލެއް ޖެހި އުޅެނިކޮށް ކައުންޓަ އެޓޭކްގައި އެމީހުން ހަތަރުވަަނަ ގޯލު ޖެހީ،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ޗެލްސީ ޓީމު އޮތީ ކައުންޓަ އެޓޭކަށް ބިނާވެފައި ކަމަށާއި ނަމަވެސް އޭނާގެ ކުރީގެ ޓީމަކީ ކައުންޓަ އެޓޭކްގައި ވަރަށް މޮޅު ޓީމެއް ކަމަށެވެ.
"އަހަރެންގެ ޓީމު މިސްޓޭކް މާގިނަވީ. ޗެލްސީ ވަރަށް މޮޅުވާނެ ކައުންޓަ އެޓޭކްގައި. ދެން އަހަރުމެން ގޯލެއް ޖަހަން އުޅުނު ކޮންމެ ވަގުތެއްގައި (ޗެލްސީ ކީޕަރު) ކޯޓުއާ ހުރަހަކަށްވި. އަހަރުމެންގެ ކީޕަރު ޑެހެޔާ އަށްވުރެ ހުރިހާ ގޮތަކުން ވެސް މޮޅު ކީޕަރަކަށްވީ އޭނާ ވެގެންދިޔައީ،" މޮރީނިއޯ ބުންޏެވެ.
ފުރަތަމަ ހާފުގައި ޗެލްސީގެ ޑިފެންޑަރު ޑޭވިޑް ލުއިޒް ބޫޓުގެ ދަށްފުށުން ކުރި ފައުލަށް ރަތްކާޑު ނުދެއްކި ވާހަކައާ ބެހޭ ގޮތުން ސުވާލު ކުރުމުން މޮރީނިއޯ ބުނީ ރެފްރީއާ ބެހޭ ގޮތުން ވާހަކަ ނުދައްކަން އޭނާ ނިންމާފައިވާ ކަމަށެވެ.
މިއީ ޕްރެމިއާ ލީގުގެ ތާރީހުގައި ވެސް މޮރީނިއޯގެ އެންމެ ތަފާތުބޮޑު ބަލިވުމެވެ. މިކަމާ ބެހޭ ގޮތުން އޭނާ ބުނީ 1-0އިން ބަލިވުމެކޭ 3-0އިން ބަލިވުމޭ ތަފާތެއްނެތް ކަމަށެވެ.
"އަހަރުމެން މިހާރު މިޮއޮތީ ހަ ޕޮއިންޓް ފަހަތުގައި އެއްވަނަ ޓީމާ. މިއީ މައްސަލައެއް. އެކަމަކު އަހަރުމެންނަށް އަދި އެނބުރި އަންނާނެ ވަގުތު އެބައޮތް. ފުޓްބޯޅަ އަކީ މިކަހަލަ އެއްޗެއް،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. ޗެލްސީ އަށް 19 ޕޮއިންޓެވެ. އާސެނަލް އާއި މެންޗެސްޓާ ސިޓީ އަދި ލިވަޕޫލް ގަދަ ތިން ޓީމުގެ ގޮތުގައި ތިބީ 20 ޕޮއިންޓުން އެއްވަރުވެ ގޯލުގެ ތަފާތުންނެވެ.