ކުޅުދުއްފުށި

ޖަޖުން ބުނަނީ ކުޅުދުއްފުށީ އޮޑިޝަން ހަބޭސް ކަމަށް!

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ދޭކަށް ތައްޔާރުވަމުން އަންނައިރު ހދ. ކުޅުދުއްފުށީގެ އޮޑިޝަން ޝޫޓްކޮށް އަދި ކިރިޔާ ނިމުނީ އެވެ. އެކަމަކު ވެސް އަންނަ އަހަރުގެ ކުރީކޮޅު ބެލުންތެރިންނާ ހަމަ އަށް ގެންނަން ހަމަޖެހިފައިވާ މި އެޕިސޯޑަށް ވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަން ޖެހޭ ސަބަބުތަކެއް އިއްޔެގެ އޮޑިޝަން ޝޫޓިން އަށް ފަހު ޖަޖުން ވަނީ ހާމަކޮށްފަ އެވެ.

ޝޯގެ ތިން ޖަޖުންގެ ތެރޭގައި ހިމެނޭ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ބުނީ ކުޅުދުއްފުށީ އޮޑިޝަނުގެ ގިނަ ވާހަކަތައް އެންމެ ރަނގަޅުވާނީ ވެސް އެޕިސޯޑް ދައްކަން ދެން ހިފަހައްޓާލުން ކަމަށެވެ.

"ކުޅުދުއްފުށީގެ އޮޑިޝަން އަސްލު ހީކުރި ވަރަށް ވުރެ ރަނގަޅު. މިދިޔަ އަހަރު އައި މިދިޔަ ސީޒަނުގައި ވެސް ބައިވެރިވި ބައެއް ކުދިން. އޭތި ވަރަށް ސަޕްރައިޒިން އަދި ވަރަށް ގިނަ ކުދިން އައީ ރަނގަޅަށް ތައްޔާރުވެގެން،" ހެނދުނުން ފެށިގެން ރޭގަނޑު ދިހަ ގަޑި ބައި ވަންދެން ޖަޖަސް ރޫމްގައި ޝޯގެ ބައިވެރިންނަށް އިންސާފު އިއްވަމުން ގެންދިޔަ ލަވަކިޔުންތެރިޔާ ބުންޏެވެ.

އޭނާ ބުނީ މި ރަށުން ފެނިގެންދާނެ އަނެއް ބޮޑު ސަޕްރައިޒަކަށް ވާނީ ކުރިއަށް ވުރެން ކޮލިޓީ ރަނގަޅު ލަވަކިޔުންތެރިންތަކެއް ފެނިގެން ދިއުން ކަމަށެވެ.

"މިދިޔަ އަހަރަށް ވުރެން ރަނގަޅު ލަވަކިޔުންތެރިން އުޅުނު މިފަހަރު،"

އުނޫޝާ މިހެން ބުނާ ކަމަށްވާ ނަމަ މިއީ މި އޮޑިޝަނަށް އިންތިޒާރުކުރަން ޖެހޭ ސަބަބެކެވެ.

ޝޯގެ މި ސީޒަނަށް ޖަޖުންގެ ޕެނަލްއާ ގުޅުނު އިސްމާއިލް އައްފާން ވެސް ބުނީ އޮޑިޝަން ވަރަށް ވެސް ސަޕްރައިޒިން ކަމަށާއި މިއީ އެއްވެސް ބަޔަކު ހީނުކުރާ ކަހަލަ ކަންތަކަކާ މާވެގެން ދާނެ އޮޑިޝަނެއް ކަމަށެވެ.

"ކުޅުދުއްފުށިން އައި ވަރަށް ތަފާތު މީހުން. ހީވަނީ އޮޑިޝަން ބަލާ އެންމެން ވެސް ހީނުކުރާ ކަހަލަ ކަންތަކެއް މި ރަށުގެ އޮޑިޝަނުން ފެނިގެންދާނެހެން. ވަރަށް ސަޕްރައިޒިން،" އައްފާން ބުންޏެވެ.

"މިއީ ދެ ވަނަ އެކްސްޕީރިއަން އޮޑިޝަނެއްގައި މިގޮތަށް ކުރެވުނު. އެންމެ ފުރަތަމަ އައްޑޫ ސިޓީގެ އޮޑިޝަން. ވަރަށް ބޮޑަށް އެކްސްޕީރިއަސް ލިބިއްޖެއޭ މިހާރު ބުނެވޭނީ،" އައްފާން ބުންޏެވެ.

"އައި ފެލްޓް މޯ ކޮމްފޯޓެބްލް މި ތަނުގައި. އެއީ އެއް ފަހަރު އޮޑިޝަނެއް އެކްސްޕީރިއަންސްކޮށްލާފައި އައިސް މި ތަނުގައި ޖަޖުކޮށްލަން ލިބުނީމަ."

މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އޮޑިޝަން ތެރެއިން އާންމުކޮށް އެންމެ ގިނަ ފޭނުންނާ ބައްދަލުވާ ޖަޖު، އިބްރާހިމް ޒައިދު އަލީ ނުވަތަ ކުޑައިއްބެ މި އޮޑިޝަނެއް ސިފަކޮށްލަ ދިނީ މި ޝޯގައި އޭނާގެ އެންމެ ޓްރޭޑްމާކް ސްޓައިލްގަ އެވެ.

"ވަރަށް ސަޅި މި އޮޑިޝަން ވެސް،" އިއްބެ ބުންޏެވެ.

އެއަށް ފަހު އޭނާގެ ވާހަކަ ނިންމައިލީ ކުޅުދުއްފުއްޓަށް ތައުރީފެއް ވެސް އެއްލައިލުމަށް ފަހު އެވެ.

"ކުޅުދުއްފުއްޓަކީ އަބަދުވެސް ކެއުން ވަރަށް މީރު ރަށެއް."

މި އޮޑިޝަނަށް ފަހު ޖަޖުންގެ ޓީމު ވަނީ މިއަދު ހެނދުނު މާލެ އަށް ފުރައިފަ އެވެ. އަންނަ ހަފުތާ ބަންދާ ދިމާކޮށް ޖަޖުން ދެން އިންސާފުކުރާނީ ބ. އޭދަފުށީގައި ބާއްވާ އޮޑިޝަނެވެ.

މޯލްޑިވިއަން އައިޑޮލްގެ ޓައިޓްލް ސްޕޮންސަރަކީ މިފަހަރު ވެސް ދިރާގެވެ. މެއިން ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ލޮޓަސް އަދި އެސްޓީއޯ އާއި މޯލްޑިވިއަން އެވެ. ކޯ ސްޕޮންސަރުންނަކީ އަލޯރާ، އީވޯ، އަލް މުދިޝް، ސްނިކާސް، ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖެވެ.

އޮފިޝަލް ބޭންކިން ޕާޓުނަރަކީ ބީއެމްއެލް އެވެ. އޮފިޝަލް އެނާޖީ ޑްރިންކަކީ އެކްސެލް އެވެ.