މީނާ ބުނަނީ މިހެނެވެ: "ކުޅުދުއްފުށީގައި އަޅުގަނޑޭ ބުނީމަ ހަމަ ނޭނގޭނެ މީހަކު ނޫޅޭނެ. އާންމުކޮށް ވަނަމުން ކިޔަންޏާމު ކިޔާނީ ބޮޑުރޭނިގޭ އަބްދުﷲ އޭ. އެހެން ބުނީމަ ނޭނގޭ މީހަކު ނޫޅޭނެ."
ބޮޑުރޭނިގޭ އަބްދުﷲ މަޝްހޫރީ މިހާ މީރު ކޮފީ އާއި އޭނާގެ މި ފުޑް ޕާކުން ތައްޔާރުކުރާ މީރު ކެއުންތަކަށް އެކަންޏެއް ނޫނެވެ. އޭނާގެ އާދަޔާހިލާފު ހިދުމަތްތަކުގެ ވާހަކަ ފަށައިފި ނަމަ ޝައުގުވެރި ކުރުވާ އެހެން ސަޅި ސިފަތަކުގެ ވާހަކަ އޮންނާނީ ހަމަ ނުލިޔެވިފަ އެވެ.
ކުރު ގޮތަކަށް ބުނަނީ ނަމަ މި ރަށު ބޮޑުރޭނިގޭ އަބްދުﷲ އަކީ "އޯލް އިން ވަން ސޮލިއުޝަނެވެ." އޭނާ ވެސް އެ ބުނާ ގޮތަށް، މި ވަރަށް އޭނާ މަޝްހޫރު ސަބަބަކީ ވެސް އެއީ އެވެ.
ރަށުގައި ސައި ޕާޓީއެއް އޮތަސް، އުފަން ދުވަހުގެ ޕާޓީއެއް އޮތަސް، ކައިވެނި ޕާޓީއެއް ނުވަތަ ހިތާނު ޕާޓީއެއް ބޭއްވިޔަސް އެ ހުރިހާ ކަމެއްގައި އެންމެ އިސްކޮށް އުޅޭ މީހަކީ މިއީ އެވެ. އަޅުގަނޑުމެންނާ މި އާދަޔާހިލާފު މީހާ ދިމާވެ ބައްދަލުވީ މޯލްޑިވިއަން އައިޑޮލްގެ މި ރަށުގެ އޮޑިޝަނުގެ ސުފުރާގެ ހަވާސާއިންނެވެ.
ބޮޑުރޭނިގޭ އަބްދުﷲގެ ހުރި ވަރެއް ބަލައިލުމަށް ޝައުގުވެރިވީ މި ރަށުގައި ގާތްގަނޑަކަށް ހަފުތާއެއްހާ ދުވަސް ހޭދަކޮށްފައި މިއަދު ފުރައިގެން މިދާ މޯލްޑިވިއަން އައިޑޮލްގެ ޓީމަށް ރަށުން އެންމެ ކަމުދިޔަ އެކަކަށް މި އަބްދުﷲ އެއް ވެފައި އޮތީމަ އެވެ.
ކުރިން ވެސް ބުނިހެން އޭނާ ނުދޭ ހިދުމަތެއް ނެތެވެ. މިފަހަރު ފެނިގެން މި ދިޔައީ ކޮއްތުގެ ހުރިހާ ކަންބޮޑުވުމަކަށް މީރު ހައްލެއް ހޯދައިދިން މަންޒަރެވެ.
"އެމީހުން ވަރަށް ހިތްހަމަޖެހޭ އަޅުގަނޑު ދިން ހުރިހާ ހިދުމަތަކާ މެދު ވެސް. ހުރިހާ ބޭފުޅުން ވެސް ބުނަނީ ހަމަ މިވަރެއް ނެތޭ. ދެން ވެދާނެ ތަފާތެއް ހުރީ ކަމަށް،" ސަމާސާ ހިނިގަނޑާ އެކު އަބްދުﷲ ބުނީ މިހެންނެވެ. -- އެއީ ތެދެކެވެ. އަބްދުﷲ ހަމަ ތަފާތީ އެވެ.
ދުވަހުގެ އާންމު ވަޒީފާ އޭނާ އަދާކުރަނީ ރަށުގައި ހުންނަ، ރީޖަނަލް ހޮސްޕިޓަލްގެ އެމްބިއުލާންސް ޑްރައިވަރެއްގެ ގޮތުގަ އެވެ. މިގޮތަށް ޑްރައިވަރެއްގެ ގޮތުގައި ދުއްވާތާ މިހާރު 10 އަހަރުވަނީ އެވެ. އެކަމަކު އަބްދުﷲ ގެ ހަޔާތުގެ ދުވަސްތަކުން ގަނޑުތައް އުކައި ނަގަނީ ނަމަ އޭނާ މަސައްކަތެއް ނުކުރާ ދުވަހެއް ޒަމާނެއް އަދި ނުކުރާކަށް ކަމެއް ވެސް ނެތެވެ.
"ޑްރައިވަރަކަށް އުޅޭތާ 10 އަހަރު ގާތްގަނޑަކަށް. އޭގެ ކުރިން، އަމިއްލަ މަސައްކަތުގައި. މިސާލަކަށް ޕިކަކެއް ގެންގުޅެދާނެ. ކާރެއް ގެންގުޅެދާނެ. ލޯންޗެއް ގެންގުޅެދާނެ. ވާހަކަ އަކީ ދުނިޔަވީ މަސައްކަތުގެ ތެރޭގައި ނުކުރާކަށް ކަމެއް ނޯންނާނެ ވިޔާނުދާ ކަމެއް ފިޔަވައި،" އަބްދުﷲ ބުންޏެވެ.
"އަބަދުވެސް ލާރިއެއް ލިބޭތޯ ކޮންމެވެސް މަސައްކަތެއްކުރަން. އެކަމަކު އާންމުންނަށް ދޭ ހިދުމަތްތަކަކީ މުޅިން އެހެން ކަމެއް އަދި. މިއީ ހޮބީއެއްގެ ގޮތުން ކުރާ ކަމެއް،" އޭނާ ބުންޏެވެ. "އަޅުގަނޑު ކައިރިއަށް އައިސްފިއްޔާ އެއްވެސް މީހަކު ބޮލާލައި ޖަހާފައި ދާކަށް އަޅުގަނޑަކަށް ނުކެރޭނެ. ރުޅި މީހެއް ނޫޅޭނެ. އެއްވެސް ކަމަކަށް ނޯ އެއް ނުޖަހަން އެއީ ކުރެވޭވަރުގެ ކަމެއް ނަމަ. އެކަމަކު ވިޔާނުދާ ކަންކަމެއް ނޫން އިނގޭ!"
އަބްދުﷲ ބުނަނީ އޭނާގެ ކާމިޔާބީގެ ސިއްރަކީ "ނޯ ނުޖެހުމުގެ ތެދުވެރި ހިދުމަތް،" ކަމަށެވެ.
އޭނާގެ މި ހިދުމަތުގައި އެންމެފަހުން ގޮފި ފަޅައި ވިޔަފާރިއެއް ފައްކާ ކުރަމުން ދިޔަ ނަމަވެސް އަދިވެސް އެންމެ ފާހަގަކޮށްލެވެނީ އާންމު ހިދުމަތަށެވެ. އޭނާގެ އަގުހުރި ހިދުމަތް ފާހަގަކޮށް އެމްއެންޑީއެފް އިން ހަދާނީ ފިލާ ވެސް އަރުވާފައި އެބަހުއްޓެވެ.
"މި ރަށުގެ އާންމު މުއައްސަސާތައް، ކްލަބް ޖަމިއްޔާ ޖަމާއަތްތައް، އެމްއެންޑީއެފް، ޕޮލިސް، ސްކޫލްތައް، ކައުންސިލް، މިއީ އަޅުގަނޑު އެއްގޮތަކަށް ވެސް އުޖޫރައެއް ނުނަގައި ހިދުމަތްދޭ ތަންތަން. އެއްވެސް ވަރަކަށް،" އަބްދުﷲ ބުންޏެވެ.
އޭނާ ބުނީ އެންމެ ފުރަތަމަ ބޭނުންވީ އާންމު ރައްޔިތުންނަށް ރަނގަޅު ހިދުމަތެއްކޮށްގެން އެމީހުންގެ މެދުގައި އިތުބާރުކުރެވޭ މީހަކަށް އަދި ހިދުމަތަށް އޭނާގެ މަސައްކަތް ހަދަން ކަމަށެވެ. އެގޮތުން މިއަދު ނަތީޖާ ދައްކާ ގޮތުން ނަމަ ކޮންމެ ކަމެއް ޖެހުނަސް އެންމެ ފަސޭހައިން ހަނދާނަށް އަންނަ ނަމަކަށް ވެފައި ވަނީ ބޮޑުރޭނިގޭ އަބްދުﷲގެ ނަމެވެ.
"އަޅުގަނޑު ގަސްދުކުރީ، މި މަސައްކަތްތަކާ އެކު ފުރަތަމަ އާންމުންގެ ތެރެއަށް އަޅުގަނޑު ތައާރަފްވާން. ބައިވަރު އެއްޗެހިތަކެއް ގުރުބާން ކޮށްގެން ވެސް އަޅުގަނޑު ތައާރަފްވެ މި ހިދުމަތްތައް އިޝްތިހާރުކޮށްލަން. އާންމުން މި މަސައްކަތްތައް ބަލައިގަނޭތޯ ބަލައިލަން ބޭނުންވީ. އިރާދަކުރެއްވިޔާމު މިހާރު ވަރަށް ކާމިޔާބު،" އަބްދުﷲ ބުންޏެވެ. "އެހެންވީމަ މިހާރު ސައުންޑެއް ހަދާލަން ޖެހުނަސް، ލައިޓިންއެއް ހަދާލަން ޖެހުނަސް، ތަނެއް ޑެކަރޭޓްކޮށްލަން ޖެހުނަސް ނުވަތަ ޕާޓީއެއް ބާއްވާލަން ޖެހުނަސް ހަމަ އަބްދުﷲ މަތިން ހަނދާންކޮށްލާނީ ގިނަ މީހުން."
އަދިވެސް ހުއްޓައިލީއަކީ ނޫނެވެ: "އެންމެ ގިނަ މީހުން އަންނަނީ އާންމު ހިދުމަތުން. އައިސްދާނެ، ކުއްޖެއްގެ ޕާޓީއެއް ބާއްވާލަން. އައިސް ބުނެލަފާނެ އަބްދުﷲ ނެތް ހެއްޔޭ ފޮތިކޮޅެއް، ނެތް ހެއްޔޭ ލައިޓެއް ނޫނީވިއްޔާ ގޮނޑިއެއް. ނޫނީ މޭޒެއް. އަޅުގަނޑު އަބަދުވެސް ބުނަނީ، ނޫނޭ، ހުންނާނެއޭ. އެއްވެސް ކަމަކަށް އަޅުގަނޑު ނޯ ނުޖަހަން. އަބަދުވެސް ޔެސް."
އޭނާގެ މި "ޔޭސް" ސްލޯގަންގެ ދަށުން އާންމުންނަށް ހިދުމަތްދޭތާ މިހާރު 23 އަހަރުވީ އެވެ. އަބްދުﷲ ބުނަނީ އޭނާ އަށް މިހާތަނަށް ނުކުރެވުނު ކަމެއް ނުވަތަ މަސައްކަތެއް ބަލައިނުގަތް މީހަކާ ބައްދަލުނުވާ ކަމަށެވެ. އަދި އޭނާއާ ނުގުޅޭ މީހަކު ވެސް ނެތެވެ.
"ބުނެލަން ޖެހޭނީ މިވެނި ކަމެކޭ ކުރަންވީ. ދެން އިތުރަކަށް އެ މީހަކު ވިސްނާކަށް ނުޖެހޭނެ އިރާދަކުރެއްވިޔާމު... އަދި މި ކުރި މަސައްކަތް ހަމަ އެއްވެސް މީހަކު ބަލައިނުގަނެފައެއް ނެތް. ސަތޭކަ ޕަސެންޓް ސާބަހޭ ނުބުނެ ހަމަ އެއްވެސް މީހަކު ނުދޭ. ދެން އެކަމަކު އުޅޭނެ މީހަކު ކަމެއް ކުރާތީ އެކަމަށް ހަސަދަވެރިވާ ބަޔަކު ވެސް. އެއީ ދެން އެހެން ކަމެއް. އެކަމަކު އަޅުގަނޑުގެ ފަރާތުން ހިދުމަތް ލިބިގެންދާ މީހާ ދާނީ އުފަލުން ހިތްހަމަޖެހިގެން."
"މިވީހާ ތަނަށް އުޖޫރައަކަށް ނޫން ކަންތައް ކޮށްދީ އުޅުނީކީއެއް. ދެން އެ ބޭފުޅުންނަށް ފެނިއްޖެއްޔާމު ކޮންމެ ވެސް އެއްޗެއް ދީފާނެ އަބްދުﷲ ސައިބޯންވީ ނޫން ހެއްޔޭ ކިޔާފައި. ބައެއް ފަހަރު ޝުކުރިއްޔާއަކުން ވެސް ފުދޭނެ. ސަބަބަކީ މައިގަނޑު ގޮތެއްގައި މިކަން ކުރަމުން މި އައީ އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައިދިނުމުގެ ބޭނުމުގައި ކަމަށްވާތީ."
އެހެންވީމަ ރަށުގައި އިޖުތިމާއީ ބޮޑު ހަރަކާތެއް ބޭއްވިޔަސް، މިއުޒިކް ޝޯއެއް ނުވަތަ އީދު ޝޯއެއް ބޭއްވިޔަސް، ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއް ނުވަތަ ހިތާނު ޕާޓީއަކަށް ކުލަބޮކިލައި ފަންޖެހިޔަސް މި ރަށުގެ "މީހަކީ" އަބްދުﷲ އެވެ.
ރަށަށް ފުޓްބޯޅަ ޓީމެއް އަޔަސް ނުވަތަ ރަށުގައި ގުރުއާން މުބާރާތެއް ބޭއްވިޔަސް ހުރިހާ ކަމަކަށް ހައްލު ހޯދައިދެވެން ހުރި ހަމައެކަނި މީހަކަށް ވެފައި މި ވަނީ ބޮޑުރޭނިގޭ އަބްދުﷲ އެވެ. -- ކުރިން ކުޅުދުއްފުއްޓަށް އަންނަ ނަމަ ބޮޑު މުހައްމަދު އެނގުން މަޖުބޫރުވާ ފަދައި މިހާރު މިރަށަށް އަރާނަމަ މިއީ އެނގެން ޖެހޭވަރުގެ މީހެކެވެ.