ރާޅު ގުޑި އިވެންޓް

ރާޅުގުޑި ކުޅުދުއްފުއްޓަށް: ޔޫރީއަށް ހާލުފޮޅި ވަރަށް މީރު!

ހދ. ކުޅުދުއްފުށިން: ނާޒިމް ހަސަން
Jun 29, 2019

އުތުރުގެ އާބާދީގެ ގޮތުން އެންމެ ބޮޑު، ހދ. ކުޅުދުއްފުށީގެ ނަމާއެކު ހާލު ފޮޅިއަކީ އަބަދުވެސް އަންނަ އެއްޗެކެވެ. މި ރަށަށް ހާއްސަ ހާލު ފޮޅިއަކީ މުޅި ރާއްޖެއަށް މަޝްހޫރު ރަށުގެ ރަމްޒެކެވެ. މިހާރު މިއީ ރަށަށް އަރާ މެހެމާނުންނަށް އެންމެ ފުރަތަމަ ވެސް ދިއްކޮށްލާ ހަދިޔާ އެވެ.

ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރުމަށް ކުރިއަށް ގެންދާ "ރާޅުގުޑި" ހަރަކާތުގައި މިއަދު ވަނީ ކުޅުދުއްފުއްޓަށް އެތުލީޓުން އައިސްފަ އެވެ. ކުޅުދުއްފުއްޓަކީ ކައިޓް ސާފިންނަށް ވަރަށް ބޮޑު މަގުބޫލު ކަމެއް އޮންނަ ރަށެކެވެ. މި ރަށުގައި 50 އެއްހާ ކައިޓް ސާފަރުން އެބަ ތިއްބެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓާ ޖެހިގެން އަލަށް ހަދާ ގޮނޑޮދޮށާ ދިމާލުން އެތުލީޓުން ރަށަށް އެރުމާއެކު މަރުހަބާ ކިޔުމުގެ ގޮތުން އެތުލީޓުންނަށް އެންމެ ފުރަތަމަ ވެސް ދިނީ ހާލު ފޮޅިއެކެވެ. ހަތަރު އެތުލީޓުންގެ ތެރެއިން ކައިޓް ސާފިންގައި ދުނިޔޭގެ ރެކޯޑް ދެ ފަހަރަށް ހޯދާފައިވާ ޔޫރީޒޫންއަށް ހާލު ފޮޅި ވަރަށް މީރުވި އެވެ.

"އިޓްސް ސުޕާ،" ހާލު ފޮޅީގެ ރަހަ ބަލާލުމަށްފަހު ޔޫރީ ބުނެލި އެވެ.

ޔޫރީ މިއަދު ވަނީ ކުޅުދުއްފުށީގައި ހުރި އެންމެ ހަގު ކައިޓް ސާފަރު ކަމަށްވާ މުހައްމަދު އައިހަމްއަށް ހާއްސަ ހަދިޔާއެއް ވެސް ދީފަ އެވެ. އެއީ ޔޫރީ މި ދަތުރުގައި ބޭނުންކުރި ހާއްސަ ޓީޝާޓެވެ. އެ ޓީޝާޓްގައި ޔޫރީ ސޮއިކޮށް، އައިހަމްއަށް ހަދިޔާކުރީ އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

އައިހަމްއަކީ މީގެ އެއް އަހަރު ކުރިން ކައިޓް ސާފުކުރަން ފެށި ކުއްޖެކެވެ. މިހާރު އުމުރުން 12 އަހަރުގެ އައިހަމްއަކީ ވަރަށް އަވަހަށް ކައިޓް ސާފުކުރުމުގެ އުކުޅުތައް ދަސްކުރަމުންދާ ހުނަރުވެރި ކުއްޖެކެވެ.

އޭގެއިތުރުން ވެސް މިއަދު ކުޅުދުއްފުށީން ހަރަކާތުގައި ބައިވެރިވި އެހެން ކައިޓް ސާފަރުންނަށް ހަނދާނީ ލިޔުން ވަނީ ދީފަ އެވެ.

މިރޭ އެތުލީޓުން މަޑުކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގަ އެވެ. ކުޅުދުއްފުއްޓަށް އެތުލީޓުން އައީ ށ. ފުނަދޫއިން ނައްޓާލައިގެން، ށ. އަތޮޅުގެ އެހެން ބައެއް ރަށްރަށުގައި މަޑުކުރުމަށްފަހު އެވެ. ކުޅުދުއްފުށީގެ ތިމާވެއްޓަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ "ބިލީފް" އާއި ކައުންސިލުން ގުޅިގެން ސްކޫލް ކުދިންނަށް ޔޫރީގެ ތަޖުރިބާ ކިޔައިދިނުމަށް ހާއްސަ ސެޝަނެއް މިރޭ ބޭއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. ޔޫރީ މިއަދު ހަވީރު ސްކޫލް ކުދިންނާއެކު ރަށުގެ ގޮނޑުދޮށް ވެސް ސާފުކުރި އެވެ.

މާދަމާ "ރާޅުގުޑީ"ގެ ދަތުރު ފަށާނީ ހއ. އަތޮޅަށެވެ. މި ދަތުރުގެ އެންމެ ފަހު މަންޒިލެވެ. ހއ. ތުރާކުނާ ހިސާބުން ތާރީހީ މި ދަތުރު ނިމިގެންދާނެ އެވެ.