ހަބަރު

އީދު އުފާ ބިދޭސީންނަށް ހޯދައިދޭން ކްރިކެޓް މެޗެއް!

ހދ. ކުޅުދުއްފުށީގައި ތިމާވެށި ރައްކާތެރިކުރުމަށް ވަކާލާތުކޮށް ޒުވާނުން ކުރިއެރުވުމަށް މަސައްކަތް ކުރާ ބިލީފް ޖަމިއްޔާއިން މި އަހަރުގެ ބޮޑު އީދުގައި "ވީކޭންއިނިޝިއޭޓް"ގެ ނަމުގައި ކެމްޕެއިނެއް ކުރިއަށް ގެންގޮސް، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިން އީދުގެ އުފަލުގައި ބައިވެރިކުރުވައިފި އެވެ.

ކުޅުދުއްފުށީގައި އެތައް ބިދޭސީންނެއް ހިޖުރަކޮށް މަސައްކަތް ކުރަމުންދެ އެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ މީހުން ގިނަ އެވެ. އެމީހުން ގިނައިން ތިބެނީ މުޖުތަމައުގެ ތެރެއިން އެއްކައިރިވެފަ އެވެ. އީދަކީ ހުރިހާ މުސްލިމުންނަށް އަންނަ މުނާސަބަތެއް ކަމަކު، އެ އުފަލެއް އެމީހުންނަށް އިހްސާސެއް ނުކުރެވެ އެވެ.

އެހެންވެ ބިލީފްއިން ބޭނުންވީ އެކަން ބަދަލު ކުރުމަށެވެ. އެކަމަށް އިސް ނެގުމަށެވެ. އެންމެ ފުރަތަމަ ވެސް އީދު ފެށުމާއެކު ބިލީފްއިން ވަނީ އީދު ހަދިޔާ ބިދޭސީންނަށް ބަހާފަ އެވެ. ރަށުގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންނަށް ބިލީފްގެ އީދު ހަދިޔާ ދިނެވެ. އެމީހުން އެކަން ބަލައިގަތީ ވަރަށް އުފަލާއެކު އެވެ. ބިދޭސީންނަށް ހަދިޔާ ބެހުމުގެ ތެރެއިން އެމީހުން ޝައުގުވެރިވާ ބައެއް ކަންކަން ވެސް އެނގިގެންދިޔަ އެވެ.

އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ ކްރިކެޓެކެވެ. އަމިއްލަ ކްރިކެޓް ބެޓް ހަދައިގެން، މީހުންނަށް ނުފެންނަހެން ކުދިކުދި ތަންތަންކޮޅުގައި އެމީހުން ދިޔައީ މުނިފޫހިފިލުވުމަށް ކްރިކެޓް ކުޅެމުންނެވެ. އާންމު ތަނެއްގައި އެ ކުޅިވަރު ކުޅެން ދާން ވެސް އެމީހުންނަށް ނުކުރެ އެވެ.

ބިލީފްގެ އީދު ހަދިޔާ އިތުރަށް ފުޅާ ކުރުމުގެ ގޮތުން ހުކުރު ދުވަހު ހެނދުނަށް ބިދޭސީންގެ ޓީމާއެކު، އެ ޖަމިއްޔާގެ ވޮލެންޓިއަރުން ކްރިކެޓް މެޗެއް ރޭވި އެވެ. އެ މެޗަށް ރަށުގެ ސްޓޭޑިއަމްއަށް ބަންގްލަދޭޝްގެ އެ ޒުވާނުންނަށް ފުރަތަމަ އަންނަން ވެސް ޖެހިލުންވި އެވެ. އެކަމަކު ބިލީފްގެ ވޮލެންޓިއަރުންގެ ހިތްވަރާއެކު، އެމީހުން ސްޓޭޑިއަމަށް އައިސް މެޗް ފެށި އެވެ.

މެޗް ފެށުމާއެކު އެމީހުންގެ ފަރާތުން އަދާޔާ ހިލާފު ފޯރިއެއް ފެނިގެން ދިޔަ އެވެ. ހިތް ފުރޭ ވަރުގެ ބޮޑު ސަރަހައްދެއްގައި ކުޅެން ލިބުމުން އެމީހުން ތިބީ ވަރަށް އުފަލުންނެވެ. އެމީހުންނާމެދު މެޗްގެ ތެރެއިން ވެސް ވޮލެންޓިއަރުން ބެހެއްޓި ގާތްކަން ފެނިފައި އެމީހުން ތިބީ އަޖައިބުވެފަ އެވެ. އެ މޫނުތަކުން ފެނިގެންދިޔައީ ހަގީގީ އުފާވެރި ކަމުގެ ކުލަތަކެވެ. މެޗް ނިންމާލަން ވެސް ބޭނުމެއް ނުވި އެވެ. ވަރަށް ގިނަ އިރަށް މެޗް ދިގު ދެމިގެންދިޔައިރު އެމީހުންގެ ފަރާތުން ކްރިކެޓް ގިނަ ހުނަރުތައް ބިލީފްގެ ޒުވާން ޓީމަށް ދަސްވި އެވެ.

މެޗް ނިންމާލުމަށްފަހު އެމީހުން ވަނީ ވަރަށް އުފާވެފައި ތިބިކަން ހާމަކޮށް ބިލީފަށް ޝުކުރު އަދާކޮށްފަ އެވެ. ގިނައިން އެމީހުންނާއެކު ކުޅެން އައުމަށް ދައުވަތު ވެސް ދިނެވެ. އަންނަ ހުކުރަށް ވެސް މެޗެއް ރާވަން ވާނެ ނޫންހޭ ކިޔައި ސްޓޭޑިއަމުން ނުކުމެގެން އެމީހުން ދިޔައީ އުއްމީދާއެކު އެވެ.

ބިލީފްގެ ޓީމަށް ވެސް މިއީ ވަރަށް އުފާވެރި ތަޖުރިބާއެކެވެ. އާ ކަމަކަށް އިސް ނެގި ކަމެއް ބަދަލު ކުރުމުގެ ބިންގާ އެޅުމުގެ ޒަރިއްޔާއަކަށް އެ ޖަމިއްޔާވުމަކީ ޓީމްގެ ވަރަށް ބޮޑު އުފަލެކެވެ.