ހަބަރު

މަށިމާލިތައް ސިޔާސީ މަސްރަހު ކިޔައިދީފި!

ހދ. ކުޅުދުއްފުށިން: ނާޒިމް ހަސަން
Sep 2, 2017
26

ކުޅުދުއްފުއްޓަކީ ޒަމާނުއްސުރެ ބޮޑު އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރާ ތަފާތު ސަގާފަތެއް އޮންނަ ރަށެކެވެ. އަބަދުވެސް ކުޅުދުއްފުށީގެ އީދު ކުޅިވަރާއި މާލިތަކާއި ޕެރޭޑް މުޅި ރާއްޖޭގެ ސަމާލުކަން ހޯދަ އެވެ. ކުޅުދުއްފުށީގައި އޮންނަ ތަފާތު ކުޅިން ނަގާ މަށިން މާލި ހެދިގެން މި ޕެރޭޑެއް ކުޅުދުއްފުށީގައި ކުރިއަށް ގެންދާތާ އެތަކެއް ޒަމާން މާޒީއާ އެކުވެގެން ހިނގައްޖެ އެވެ.

ކުޅުދުއްފުށީގެ މީހުންނަކީ ސަމާސާ ބައެކެވެ. އެ މީހުންގެ މަށިމާލި ޕެރޭޑަކީ އަބަދުވެސް އެ ލާނެތް ކަމާއި ސަމާސަކަން ވަރަށް ބޮޑަށް ދައްކުވައިދޭ ގޮތަށް ރޭވޭ ޕެރޭޑެކެވެ. ޕެރޭޑްގައި މާލިތައް ރުކުރުވާލަނީ އޭރެއްގެ އެންމެ ހިނގާ ކަންކަމަށް ޖޯކު ޖަހައިގެނެވެ. އޭގެ އިތުރުން އެ ޕެރޭޑަށް ހާއްސަ މާލިތައް ވެސް ހުރެ އެވެ. އެންމެ ކުރިންސުރެ ވެސް އެ މާލިތަކަށް ބަދަލެއް ނާދެ އެވެ. އަދި ތަފާތެއް ވެސް ނުވެ އެވެ.

ބަދަލުވަނީ ހާލަތާ ގުޅިގެން ޖޯކު ޖަހާ މާލިތަކެވެ. މިދިޔަ އަހަރު ވެސް ކުޅުދުއްފުށީގެ މަށިމާލި ޕެރޭޑް ވަރަށް ބޮޑު ސަމާލު ކަމެއް ހޯދި އެވެ. ކުޅުދުއްފުށީ އެއާޕޯޓަށް އެ ޕެރޭޑްގައި ވަރަށް ބޮޑަށް "ޖޯކު ޖެހި" އެވެ. މި އަހަރު ވެސް މަށިމާލި ޕެރޭޑް އޮތީ ވަރަށް ބޮޑަށް ސިޔާސީވެފަ އެވެ. މި ދުވަސްވަރު ހިނގަނީ ސިޔާސީ ކަންކަން ކަމަށްވުން އެކަށީގެންވެ އެވެ. ރާއްޖޭގައި މިހާރު އޮތް ސިޔާސީ މަސްރަހު އެކީ އެކަކަށް މަށީމާލި ޕެރޭޑްގައި ދައްކާލި އެވެ.

"ގެއްލުނު ހަތަރު ގޮނޑި" އާއި "ނުގެއްލޭ ގޮނޑި" ފެނިގެން ދިޔައީ މިއަދު ހަވީރު ކުޅުދުއްފުށީ އަމީނީ މަގުގައި ކުރިއަށް ދިޔަ މަށިމާލި ޕެރޭޑްގަ އެވެ. "މޯޅިނުވާ ފިނިފެންމާ" ވެސް ދައްކާލި އެވެ. އެންމެން ދުލުކުރީގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކަށް "ފައިސާ ފައިސާ" ވާނެ އެވެ. ހާއްސަކޮށް ސިޔާސީ ފަރާތްތަކުގެ ދުލުކުރީގަ އެ ނޫން ބަހެއް މިހާރު އޮންނަ ހެނެއް ހިއެއް ނުވެ އެވެ. ކުޅުދުއްފުށީގެ މަށިމާލިތައް ވަނީ "ހަލާލު ނޫން" ފައިސާ ވެސް ބުނެދީފަ އެވެ. އަދި "ކަޅު ފައިސާ ދޮންނަ މެޝިން" އަކާއި ޑޮލަރު ފޮށި ވެސް ދައްކާލާފައިވެ އެވެ.

ވަރުގަދަ ދަތްދޮޅިއެއް މަށިމާލި ޕެރޭޑްގައި ދައްކާލިއިރު، "ސިޔާސީ ކުޑަ ގޮޅި" އަކަށް ސިޔާސީ ކުށްވެރިއަކު ލައިގެން މަގުމަތީގައި ދުއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ އެންމެފަހުގެ ޖަލްސާގެ "ހީރޯ" ކަމަށްވާ ބިސް ކޮތަޅު ހިފައިގެން ވެސް މާއްޔެއް ވަނީ ހިނގާފަ އެވެ. އަދި ފައިސާ ގޯނި ހިފައިގެން ވެސް ޕެރޭޑްގައި މާއްޔެއް އުޅުނެވެ.

ގައުމު އޮންނަ ހާލަތާ ގުޅުވައިގެން ކުޅުދުއްފުށީގައި މަށިމާލި ޕެރޭޑް ހެއްވާ މަޖާ ގޮތްގޮތަށް މެސެޖްތައް ދެމުން އަންނައިރު މި ޕެރޭޑް ވެފައިވަނީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ވަރަށް ހާއްސަ ޕެރޭޑަކަށެވެ. ކުދި ބޮޑު އެންމެން މަގުމައްޗަށް ނުކުމެ ޕެރޭޑް ބަލަން ތިބެ އެވެ. އުމުރުންވީ ދުވަހަށްވުރެ އެ ޕެރޭޑަށް ގިނަ ދުވަސްވީ ނަމަވެސް އެ ޕެރޭޑްގެ މަގުބޫލުކަން އެއްގޮތަކަށް ވެސް ކުޑައެއް ނުވެ އެވެ.

ކުޅުދުއްފުށީގައި މިއަދު އޮތް މަށިމާލި ޕެރޭޑް

ޕެރޭޑްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވާ ހިސާބުން މުޅި ރާއްޖޭގެ ސަމާލުކަން އެ ޕެރޭޑް އާދެ އެވެ. ޕެރޭޑްގެ ފޮޓޯތައް މިހާރު ވެސް ސޯޝަލް މީޑިއާގައި ބާރަށް ވަނީ ދައުރުވާން ފަށާފަ އެވެ. ކުޅުދުއްފުށީގެ ސަގާފީ ކުޅިވަރުގެ ތެރެއިން މަށިމާލި ޕެރޭޑަކީ އަދި އެންމެ ކުޅިވަރެކެވެ. މިފަދަ ހަމައެކަނި ކުޅުދުއްފުއްޓަށް ހާއްސަ އީދު ކުޅިވަރުތައް ކުޅުދުއްފުށީގައި ބައިވަރެވެ.