ހޮލީވުޑް

ޖޯސެފް ގޯޑެން-ލެވިޓް އަކީ ސްނޯޑެން

އޮސްކާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކުރަން ބޭނުން ނަމަ މަޝްހޫރު މީހެއްގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއްގެ ލީޑް ރޯލު ކުޅެލީމަ ހިންނާނީ ރަނގަޅުވެފަ އެވެ.

އެންމެ މޮޅު އެކްޓަރުގެ އޮސްކާ ތިން ފަހަރެއްގެ މަތިން ހާސިލުކޮށްފައިވާ އިނގިރޭސި އެކްޓަރު، ޑެނިއަލް ޑޭ-ލުވިސްގެ ފުރަތަމަ އޮސްކާ އާއި ތިން ވަނަ އޮސްކާ ގެންދިޔައީ މަޝްހޫރު ދެ މީހެއްގެ ހަޔާތް ބޮޑު ސްކްރީނުގައި ކުޅެގެންނެވެ.

ނިމިގެން ދިޔަ އޮސްކާގެ އެންމެ މޮޅު އެކްޓަރު އެޑީ ރެޑްމެއިން ވެސް އެ ޝަރަފް ހޯދީ މަޝްހޫރު މީހެއްގެ ހަޔާތުގެ ރޯލު ކުޅެގެންނެވެ.

އެހެންވީމަ އެންމެން ވެސް ބުނަނީ، އެމެރިކާގެ ޚާރިޖީ ސިޔާސަތު ބޭޒާރުކޮށްލި، ސީއައިއޭގެ ކުރީގެ މެމްބަރު، އެޑްވަޑް ސްނޯޑެންގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު "ސްނޯޑެން" ގައި އޭނާގެ ރޯލު ކުޅުމުގެ ފުރުސަތު ގޯޑެން-ލެވިޓަށް ލިބުމަކީ އޮސްކާގެ މޮޅު އެކްޓަރުގެ ޓިކެޓެއް މިހާރު ވެސް ކަށަވަރުވުން ވަރުގެ ކަމެއް ކަމަށެވެ.

ސްނޯޑެންގެ މޭކަޕްގައި ގޯޑެން-ލެވިޓް ފުރަތަމަ ފަހަރަށް ދައްކާލާފައިވާއިރު އޭނާ ވެސް ހުރީ ނިކަން ބޮޑަށް އެކްސައިޓްވެފަ އެވެ. ވަކިން ހާއްސަކޮށް މި ފިލްމުގެ ޑައިރެކްޓަރު އޮލިވާ ސްޓޯންއާ އެކު މަސައްކަތްކުރަން ލިބޭތީ ވެސް ހިތްހަމަޖެހިފަ އެވެ.

އޮލިވާ ސްޓޯންގެ ބެލުމުގެ ދަށުން މި ފިލްމު ސްކްރީނަށް އައުމަކީ އޮސްކާގެ ޓިކެޓް މި ފިލްމަށް މާ ކުރިން ލިބުމުގެ އަނެއް ސަބަބެވެ. "މިޑްނައިޓް އެކްސްޕްރެސް" އާއި "ޕްލެޓޫން" އަދި "ބޯން އޮން ދަ ފޯތު އޮފް ޖުލައި" އަކީ ހައްތަހާ ވެސް އޭނާގެ ކްލެސިކް ފިލްމުތަކެވެ.

"ސްނޯޑެން" ފިލްމު އުފައްދަނީ "ދަ ސްނޯޑެން ފައިލްސް" ގެ ނަމުގައި ލޫކް ހާޑިން ނެރެފައިވާ ފޮތާއި "ޓައިމް އޮފް ދަ އޮކްޓޯޕަސް" ގެ ނަމުގައި ނެރެފައިވާ ސްނޯޑެންގެ ފޮތުގެ އަސްލަށެވެ.

ފިލްމުގައި ސްނޯޑެންގެ ވާހަކަ ފަށަނީ އެމެރިކާގެ އަސްކަރިއްޔާގެ މެމްބަރަށް ވުމަށް އޭނާ ތަމްރީން ފަށާ ހިސާބުންނެވެ. އިރާގު ހަނގުރާމަ އަށް ދާން ބޭނުންވި ސްނޯޑެން އަށް އެ ފުރުސަތު ގެއްލުނީ ތަމްރީނުގައި އުޅެނިކޮށް ދެ ފައި ބިންދައިގެން ދިއުމުންނެވެ. އެންމެފަހުން އޭނާ ސިފައިންގެ ވަޒީފާއަކަށް އެދުމުން ސީއައިއޭ އިން ފުރުސަތު ދިނީ އެވެ.

ސީއައިއޭގައި ސިސްޓަމް އެޑްމިނިސްޓްރޭޓާއެއްގެ މަގާމު އަދާކުރުމަށް ފަހު އޭނާ ފަހުން ބަދަލުވީ ނެޝެނަލް ސެކިއުރިޓީ އޭޖެންސީ އަށެވެ.

އެމެރިކާގެ ޚާރިޖީ ސިއްރުތައް އޭނާ އަށް އެނގެން ފެށި ހިސާބަކީ މިއީ އެވެ.

ސްނޯޑެންގެ ހަޔާތުގެ މައްޗަށް މި ފިލްމު އުފައްދަމުން އަންނައިރު އުފަން ގައުމަށް ކެހި ދިނުމަށް ފަހު މިހާރު އޭނާ ހުރީ ރަޝިއާ ސަރުކާރުގެ ހިމާޔަތުގެ ދަށުގަ އެވެ. އެމެރިކާ އިން ދަނީ އޭނާ ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް މަސައްކަތްކުރަމުންނެވެ.

އިންސާފުވެރި ޝަރީއަތެއް ލިބޭ ނަމަ ގައުމަށް އެނބުރި ދާން ތައްޔާރަށް ހުރި ކަމަށް މި ހަފުތާގައި ސްނޯޑެން ވަނީ ބުނެފަ އެވެ.

"ސްނޯޑެން" އަކީ ކުރިއަށް ހުރި ހޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން ބޮޑު ފިލްމެކެވެ. މި އަހަރުގެ ޑިސެމްބަރު މަހު މި ފިލްމު ބެލުންތެރިންނާ ހަމަ އަށް އަންނާނެ އެވެ.