ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ކައުންސިލް އިންތިހާބަށް ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަން ނިންމައިފި

އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭން ބޭރު އެއްވެސް ގައުމެއްގައި ވޯޓު ފޮއްޓެއް ނުބަހައްޓަން ނިންމި ނިންމުން މުރާޖާކޮށް ބޭރު ގައުމުތަކުގައި ވޯޓުފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އެހެން ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ކުރިން ނިންމާފައިވަނީ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު އެންމެ ރަނގަޅުގޮތް ކަމަށް ފެންނާތީ ކަމަށް އީސީއިން ކުރިން ވަނީ ބުނެފައެވެ. ނަމަވެސް އެކަމާ ގުޅިގެން "އަވަސް" އާ ވާހަކަ ދައްކަވަމުން އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ އެ ނިންމުން އަނބުރާ ގެންދިޔައީ ގައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާއާ އެކު ކަމަށެވެ.

"އިންތިހާބުގެ ކަންތައްތައް ބެލެހެއްޓުމަށް ހަމަޖައްސާފައިވާ ގައުމީ ލަފާދޭ ކޮމިޓީއާއެކު މިދިޔަ ހަފްތާގައި އެ ކަންތަކާ މަޝްވަރާ ކުރެވުނީ. އެއަށް ފަހު ނިންމީ އެހެން ގައުމުތަކުގައި ވެސް ވޯޓު ފޮށި ބެހެއްޓުމަށް،" އަކްރަމް ވިދާޅުވި އެވެ.

މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް 300 ދިވެހިން ރަޖިސްޓްރީ ކުރި ގައުމުތަކުގައި ވޯޓްފޮށި ބެހެއްޓި އެވެ. ނަމަވެސް މިފަހަރު ވޯޓު ފޮށިތައް ބަހައްޓަނީ ކޮން ގައުމުތަކެއްގައި ކަމެއް އެ ކޮމިޝަނުން ސާފެއް ނުވެ އެވެ.

ޖެނުއަރީ މަހުގެ 14 ގައި ބާއްވާ ތިންވަނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި 179 ރަށު ކައުންސިލަކަށް 563 ރަށު ކައުންސިލަރުން، 18 އަތޮޅު ކައުންސިލަކަށް 67 އަތޮޅު ކައުންސިލަރުން، އަދި ތިން ސިޓީ ކައުންސިލަކަށް 23 ސިޓީ ކައުންސިލަރުން އިންތިހާބުކުރާނެ އެވެ. އެ މަގާމްތަކަށް ކުރިމަތި ލުމުގެ ފުރުސަތު އީސީއިން ހުޅުވާލާނީ މިމަހު 26 ގައެވެ.