ސެލެބްރިޓީ ފެޝަން ސްޓައިލްތަކަށް ފާޑުކިޔުމަށް ޗެނަލް އީ އިން ގެނެސްދޭ މަޝްހޫރު ޓީވީ ޝޯ، "ފެޝަން ޕޮލިސް" އާ ގުޅުމަށް ކޮލީ ކާޑޭޝިއަން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ޗެނަލް އީގެ ރިއާލިޓީ ޝޯތަކުން މަޝްހޫރުކަން ހޯދާފައިވާ ކާޑޭޝިއަން އާއިލާގެ މި މެމްބަރަކީ މިހާރު ވެސް މި ޗެނަލްގެ ބައެއް ސެގްމަންޓަތަކުން ފެންނަ ހޯސްޓެކެވެ. "ފެޝަން ޕޮލިސް" އާ ގުޅުމަށް އޭނާ ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ ޝޯގެ އެންމެ މަޝްހޫރު އަދި އެންމެ މުހިންމު އެއް މެމްބަރު ކަމުގައިވާ ކެލީ އޮޒްބޯން ޝޯއާ ވަކިވުމާ ގުޅިގެންނެވެ.
ކެލީ އޮޒްބޯން މި ޝޯއާ ވަކިވެފައި ވަނީ ޝޯގެ މަޝްހޫރު މޫނު، ޖޫލިއާނާ ރެންޗިކްގެ "ރޭސިސްޓް ކޮމެންޓާ" ގުޅިގެން ޝޯ އަށް އަމާޒުވެފައިވާ ފާޑުކިޔުންތަކުގެ ތެރެއިންނެވެ. ޝޯގެ މައްސަލަ ހޫނުވެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނީ ނިމިގެން ދިޔަ އޮސްކާ އަށް ހާއްސަކޮށްގެން ގެނެސްދިން ޝޯގައި، ޒުވާން ލަވަކިޔުންތެރިޔާ ޒެންޑާޔާ އަށް ނިސްބަތްކޮށް ރެންޗިކް "ރޭސިސްޓް ކޮމެންޓެއް" ކުރުމާ ގުޅިގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެ މައްސަލައާ ގުޅިގެން ޗެނަލުން ފިޔަވަޅު އަޅާފައިވާ ގޮތާ މެދު ކެލީ އޮޒްބޯން ހިތްހަމައެއް ނުޖެހެ އެވެ.
ކޮންމެއަކަސް އޮޒްބޯންގެ ބަދަލުގައި ޝޯއާ ގުޅިގެން ކޮލީ ކާޑޭޝިއަން ޝައުގުވެރިކަން ފާޅުކުރުމުން ރެންޗިކް ވަނީ މަރުހަބާ ކިޔާނެ ކަމުގެ އިޝާރާތެއް މިހާރު ވެސް ދީފަ އެވެ.
ކެލީ އޮޒްބޯން "ފެޝަން ޕޮލިސް" ދޫކޮށްލުމުން މި ޝޯގެ އެންމެ މުހިންމު ދެ މޫނު ގެއްލުނީ އެވެ. ޝޯގެ އަނެއް މަޝްހޫރު މޫނަކީ ޖޮއޭން ރިވާސް އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަރުވެފަ އެވެ.
"ކީޕިން އަޕް ވިތު ދަ ކާޑޭޝިއަން" ޝޯ އިން މަގްބޫލުކަން ހޯދުމަށް ފަހު އޭގެ ސްޕިން އޮފްގެ ގޮތުގައި އީ އިން އުފެއްދި "ކޯޓްނީ އެންޑް ކޮލީ ޓޭކް މައިއާމީ" އާއި "ކޮލީ އެންޑް ލަމާ" އަކީ ވެސް ކޮލީގެ މަޝްހޫރު ދެ ރިއާލިޓީ ޝޯ އެވެ.
ކޮލީ އަކީ ކާޑޭޝިއަން އާއިލާގެ އެންމެ މަޝްހޫރު މޫނުކަމުގައިވާ ކިމް ކާޑޭޝިއަންގެ ކޮއްކޮއެކެވެ.